Advertisement

ގްރީން ޓެކްސޭޝަނާއި ކްލައިމެޓް އެޑެޕްޓޭޝަން ވަރުގަދަކުރަން އޭއައިއައިބީ އިން 15 މިލިއަން ޑޮލަރުގެ ލޯނެއް

8 ސެޕްޓެންބަރު 2024 - 22:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިނޭންސް މިނިސްޓަރު ޝަފީގު (މ) އަދި އެ ވުޒާރާގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއެއްގައި: ސަރުކާރުން ވަނީ އޭއައިއައިބީ އިން 15 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ --- ފޮޓޯ: މަޖިލިސް އިދާރާ


ގްރީން ޓެކްސޭޝަނާއި ކްލައިމެޓް އެޑެޕްޓޭޝަން ވަރުގަދަކުރަން އޭއައިއައިބީ އިން 15 މިލިއަން ޑޮލަރުގެ ލޯނެއް

8 ސެޕްޓެންބަރު 2024 - 22:08 1

ގްރީން ޓެކްސޭޝަނާއި ކްލައިމެޓް އެޑެޕްޓޭޝަން ވަރުގަދަކުރަން އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓު ބޭންކު (އޭއައިއައިބީ) އިން ރާއްޖެއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު އެދުނު މި ލޯނު އެޕްރޫވް ވި ކަމަށް އޭއައިއައިބީ ގެ ވެބްސައިޓުގައި ބުނެފައިވަނީ އޯގަސްޓު 28، ގަ އެވެ. މިއީ ސަރުކާރުގެ ފިސްކަލް މެނޭޖްމަންޓާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ދިން ލޯނެއް ކަމަށް ވެސް އޭއައިއައިބީ އިން ބުނެފައިވެ އެވެ.

މި ލޯނާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ލޯނުން ހަރަދުކުރާ މައިގަނޑު ދެ ދާއިރާ

ގްރީން ޓެކްސޭޝަން

އޭއައިއައިބީގެ ވެބްސައިޓުގައިވާ ލޯނުގެ ތަފުސީލުގައި ބުނީ މި ލޯނުގެ ދަށުން ހިންގޭ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ގްރީން ޓެކްސް ނެގޭ ނިޒާމު ވަރުގަދަ ކުރެވި ޓެކްސް ބޭސް ބޮޑުކުރެވޭނެ ކަަމަށެވެ. އެގޮތުން ރިސޯޓުތަކުގެ އިތުރުން އިންޓަގްރޭޓެޑް ރިސޯޓުތަކާއި އެހެން ތަންތަނުން ގްރީން ޓެކްސް ނެގުމުގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށްވެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ގްރީން ޓެކްސް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން ބޮލަކަށް ކޮންމެ ރެއަކަށް ހަ ޑޮލަރު އަދި ގެސްޓުހައުސްތަކުން ތިން ޑޮލަރުގެ ރޭޓުންނެވެ.

މީގެ އިތުރުން، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކޮތަޅުން ޓެކްސް ނެގުމަށް ވެސް މި ޕްރޮގްރާމުން އެހީވާނެ ކަމަށްވެ އެވެ. ނަމަވެސް އެކަން މިހާރު ދަނީ ކުރަމުންނެވެ. ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކޮށް، ކުނި މެނޭޖު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނޮވެމްބަރު 22، 2022 ގަ އެވެ. އެކަން ތަންފީޒުކުރަން ފެށީ އެޕްރީލް 18، 2023 ގަ އެވެ.

ކްލައިމެޓް މިޖިޓޭޝަން އެންޑް އެޑެޕްޓޭޝަން

ޕްރޮގްރާމުގެ މި ބައިގެ ދަށުން ދެމެހެއްޓެނިވި ތަރައްގީގެ އެކި މަޝްރޫއުތަކަށް ފަންޑިން ދޭނެ އެވެ. އޭގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި ކުނި ނައްތާލާ މަރުކަޒުތައް ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިމެނޭނެ އެވެ.

ސަރުކާރުން ލޯނެއް ނަގާފައި މިވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދައްކުރަމުންދާ ދުވަސްވަރެއްގަ އެވެ.

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް އޮގަސްޓު 19، ގަ އެވެ. މިއީ ވޭތުވެދިޔަ ތިން މަސް ތެރޭ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.

މިދިޔަ މަހުގެ އެއް ހިސާބެއްގައި ރިޒާވު އެއްކޮށް ހުސްވީ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިނެވެ. ސަރުކާރުން މި ހަބަރުތައް ދޮގުކުރުމަށް ފަހު ބުނީ، ރިޒާވު އެ ވަރަށް ނުވެއްޓޭ ކަމަށާއި މަސް ނިމެންވާއިރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.

ނަމަވެސް، މަސް ނިމުނުއިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 61 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން މިއަދު ވަނީ ދައްކާފަ އެވެ.