އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ހުސައިން މުހައްމަދު ލަތީފް ވާހަކަ ދައްކަވަނީ
މި ގައުމުގެ މުސްތަގުބަލަށްޓަކައި ގައުމިއްޔަތު އުނގަންނައިދީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ،
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަހުރުވެރިކަމެއްކަން ވިސްނައިދޭން ޖެހޭ ކަމަށެވެ.
"ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ގައުމީ ހިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ގައުމުގެ މުސްތަގިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ގައުމުގައި އެޅުއްވުމުގައި. މިއީ ގައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް،" ނައިބު ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ގައުމިއްޔަތު އުނގަންނައި ދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ އެޖެންޑާގެ އަމާޒަކީ ޑްރަގުގެ ވަބާއިން ގައުމު ސަލާމަތް ކުރައްވައި، ގޭންގު ކުށްތަކާ ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތު ނުދެއްވުން ކަމަށެވެ.
އެގޮތުން ގައުމުގައި އަމާންކަމާއި ސުލްހަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފްކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާ ކުރުމަކީ ރައީސް މުއިއްޒުގެ އަމާޒު ކަމަށް ނައިބުރައީސް ވިދާޅުވި އެވެ.
ޖަލްސާގައި ނައިބުރައީސް ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށް ދޭ "މާރެސް" އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment