Advertisement

ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ފަސޫހާ އާއި އިބާދުﷲ އަށް

7 ސެޕްޓެންބަރު 2024 - 18:38 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދި އިބާދުﷲ (ކ) އާއި ފަސޫހާ.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު ސްޕޯޓްސް


ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ފަސޫހާ އާއި އިބާދުﷲ އަށް

7 ސެޕްޓެންބަރު 2024 - 18:38 0

ގައުމީ އެތުލެތިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ފުރަތަމަ ފަހަރަށް، އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު ހޯދައިފި އެވެ.

ފަސޫހާ މި ވަނީ މިދިޔަ ނުވަ މަސް ތެރޭގައި ތިން މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެއީ، މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ އާއި މި އަހަރުގެ އެސޯސިއޭޝަން ކަޕާއި މި އަހަރުގެ ގައުމީ މުބާރާތުގެ އެވެ.

ގައުމީ މުބާރާތުގައި ފަސޫހާ ވަނީ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 400 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު އެވެ. މީގެ ތެރެއިން، 1500 މީޓަރުގެ ރޭސް ފަސޫހާ ނިންމީ ގައުމީ ރެކޯޑެއް މުގުރާލައިގެންނެވެ. އަދި 800 މީޓަރު ރޭސް ނިންމީ މީޓް ރެކޯޑަކާ އެކު އެވެ.

ދިވެހި ސިފައިންގެ ކްލަބުން ވާދަކުރާ ފަސޫހާ، އަންހެނުންގެ 1500 މީޓަރުގެ ރޭސް ކާމިޔާބުކުރީ، 5 މިނިޓް، 03.51 ސިކުންތުންނެވެ. ފަސޫހާ، އެންމެ ފަހުން 1500 މީޓަރު އިވެންޓްގެ ގައުމީ ރެކޯޑް ހެދީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ނެޝަނަލް ގްރޯން ޕްރީގެ އެ އިވެންޓްގައި، އެ ފަހަރު ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. އަންހެނުންގެ 1500 މީޓަރު އިވެންޓްގެ ދެ ވަނަ އަށް ދިޔައީ، އައިލެންޑް ރަނާސް މޯލްޑިވްސް އިން ދުވުނު ޝަމްހާ އަހުމަދު އެވެ. ޝަމްހާގެ ޓައިމިން އަކީ، 5 މިިނިޓް، 21.30 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދުގެ ޓައިމިން އަކީ، 5 މިނިޓް، 26.28 ސިކުންތުންނެވެ.

ފަސޫހާ، އަންހެނުންގެ 800 މީޓަރު އިވެންޓުން ރަން މެޑަލް ހޯދީ، 2 މިނިޓް، 15.96 ސިކުންތުން ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ، ޒީކްގެ ޓައިމިން އަކީ، 2 މިނިޓް، 30.58 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިލެންޑް ރަނާސް މޯލްޑިވްސްގެ ޝަމްހާ އަހުމަދުގެ ޓައިމިން އަކީ 2 މިނިޓް 33.27 ސިކުންތެވެ.

މިއަދު ކުރިއަށްދިޔަ، 400 މީޓަރުގެ އިވެންޓުން ފަސޫހާ ކުރިހޯދީ 57.22 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒިވާ މޫސާ ޝަފީއުގެ ޓައިމިން އަކީ، 59.98 ސިކުންތެވެ. ތިން ވަނަ ހޯދި އައްޑޫ އެތުލެޓިކްސްގެ ހައްވާ މުޒްނާ ފާއިޒްގެ ޓައިމިން އަކީ، 1 މިނިޓް، 01.17 ސިކުންތެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ފަސް މުބާރާތުގައި ވެސް އެއް ވަނަ ހޯދި، ހަސަން ސާއިދު އަތުން، 100 މީޓަރު ދުވުމުގައި ކުރިހޯދި އިބާދުﷲ މޮޅު އެތުލީޓުގެ މަގާމު ހޯދީ 200 މީޓަރު ރޭހުން ވެސް ރަން މެޑަލް ހޯދައިގެންނެވެެ. ރައުހަތު ސްޕޯޓްސް އިން ވާދަކުރި އިބާދުﷲ 200 މީޓަރު އިވެންޓް ނިންމީ މީޓް ރެކޯޑަކާ އެކު ކަމަށްވާއިރު، އެ ޕޮއިންޓްތަކާ އެކު އޭނާ މޮޅު އެތުލީޓުގެ ޓްރޮފީ ހާސިލްކުރީ އެވެ.

މިއީ، 2013 ވަނަ އަހަރުގެ ފަހުން، ގައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، ސާއިދުގެ މައްޗަށް މިއަދުގެ، 100 މީޓަރު ރޭހުގެ ފައިނަލުގައި، ރައުހަތު ސްޕޯޓްސްގެ އިބާދުﷲ ކުރިހޯދީ، 10.59 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ރޭސް ނިންމީ، 10.67 ސިކުންތުންނެވެ. ތިން ވަނަ ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު މިންހާލް ޝާމިން ރޭސް ނިންމީ، 10.74 ސިކުންތުންނެވެ.

އިބާދުﷲ، 200 މީޓަރު ރޭސް ނިންމީ، 21.69 ސިކުންތުންނެވެ. ދެ ވަނަ ހޯދި، މިންހާލް ރޭސް ނިންމީ، 22.00 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ، ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ނަޖުދާން އަބްދުﷲ ރޭސް ނިންމީ، 22.17 ސިކުންތުންނެވެ.

މޮޅު އެތުލީޓުގެ މަގާމު ހޯދި އިބާދުﷲ އާއި އެންމެ ގާތުން ވާދަކުރީ ތިން އިވެންޓުން ރަން މެޑަލް ހޯދި ހުސެއިން ފަޒީލް ހާރޫން އެވެ. ފަޒީލް ތިން އިވެންޓުން ރަން މެޑަލް ހޯދީ، 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރުންނެވެ. އެކަމަކު، މޮޅު އެތުލީޓު ހޮވުމުގައި، ބަލަނީ ދެ އިވެންޓަށް ކަމަށްވާއިރު، އިބާދުﷲ އަތުގައި މީޓް ރެކޯޑެއް ވެސް އޮތުމާ އެކު، މޮޅު އެތުލީޓުގެ މަގާމު ލިބުނީ އެވެ.

ފިރިހެނުންގެ 1500 މީޓަރު އިވެންޓްގެ އެއް ވަނަ ހޯދި ސިފައިންގެ ކްލަބްގެ ފަޒީލްގެ ޓައިމިން އަކީ، 4 މިނިޓް، 18.38 ސިކުންތެވެ. ދެ ވަނަ ހޯދި ސިފައިންގެ މުހައްމަދު ރަޝީދު (މޯޑު) ރޭސް ނިންމީ 4 މިނިޓް، 19.83 ސިކުންތެވެ. ތިން ވަނަ ހޯދީ އެލީޓް ރަނާސް މޯލްޑިވްސްގެ ޗިނައްޕަން ވިލިއަމް އެވެ. އޭނާގެ ޓައިމިން އަކީ، 4 މިނިޓް، 32.01 ސިކުންތެވެ.

ފިރިހެނުންގެ 800 މީޓަރު ރޭސް ވެސް ކާމިޔާބުކުރީ ފަޒީލް އެވެ. އެއީ، 2 މިނިޓް، 02.32 ސިކުންތުން ނިންމައިގެންނެވެ. ދެ ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް 2 މިނިޓް، 03.40 ސިކުންތުން ރޭސް ނިންމިއިރު، ތިން ވަނަ ހޯދި ސިފައިންގެ އަބްދުﷲ އިކްރާމްގެ ޓައިމިން އަކީ، 2 މިނިޓް، 09.03 ސިކުންތެވެ.

އެ ގޮތުން، 2018 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ފަޒީލް، 5000 މީޓަރުގެ ރޭސް ނިންމީ، 16 މިނިޓް، 55.19 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ، ސިފައިންގެ ޓީމުގެ މޯޑުގެ ޓައިމިން އަކީ، 17 މިނިޓް، 00.64 ސިކުންތެވެ. އަދި ތިން ވަނަ ހޯދި، މެރަތަން ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާންގެ ޓައިމިން އަކީ، 17 މިނިޓް، 24.95 ސިކުންތެވެ.