Advertisement

ޝައްމޫންގެ ކާމިޔާބީގެ ދަތުރު 20 އަހަރަށް ވުރެން ދިގު

17 އޮގަސްޓު 2025 - 10:37 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ޝައްމޫންގެ ކާމިޔާބީގެ ދަތުރު 20 އަހަރަށް ވުރެން ދިގު

17 އޮގަސްޓު 2025 - 10:37 0

ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫނަކީ، ވަކިވަކި އިވެންޓްތަކަށް ބަލާއިރު، އެތުލެޓިކްސް މުބާރާތްތަކުގައި އެންމެ ކާމިޔާބީގެ ރެކޯޑް ރަނގަޅު އެތުލީޓެވެ. އޭނާގެ ކާމިޔާބީގެ ދަތުރު 20 އަހަރަށް ވުރެން ދިގުއިރު، މި އަހަރު ހާއްސަވާ ސަބަބަކީ، މި ފަހަރު އޭނާ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިިރިހެން އެތުލީޓުގެ މަގާމު ލިބުމެވެ.

"އަލްހަމްދުލިއްލާހި ވަރަށް އުފާވޭ ހަމަ މިއީ، ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ބެލެވެނީ، އެއީ މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ވެސް ބެސްޓް އެތުލީޓު ލިބިފައި، ގައުމީ މުބާރާތުގައި ވެސް ބެސްޓް އެތުލީޓު ލިބުނީ،" ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު 2016 ވަނަ އަހަރު ވެސް ހޯދި ޝައްމޫން ބުންޏެވެ.

ޝައްމޫން ވަނީ، ޑިސްކަސް އުކުމުން ރަން މެޑަލް ހޯދުމުގެ އިތުރުން، ޝޮޓް ޕުޓް އުކުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑް ހޯލްޑަރު، ޝައްމޫން މި ފަހަރުގެ އިވެންޓް ކާމިޔާބުކުރީ، 10.41 މީޓަރު ދުރަށް އެއްލައިގެންނެވެ.

އަދި، ޑިސްކަސް އުކުމުން ޝައްމޫން ވަނީ، 29.04 މީޓަރު ދުރަށް އެއްލައިފަ އެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް ހޯލްޑަރަކީ ވެސް ޝައްމޫން އެވެ.

ސިފައިންގެ ކްލަބާ އެކު، 20 ވަނަ އަހަރު، ގައުމީ މުބާރާތުގައި ވާދަކުރި ޝައްމޫން ބުނީ، އޭނާގެ އިވެންޓްތަކުގައި ރާއްޖޭގެ އެއް ވަނައިގައި މަގާމު ދަމަހައްޓަމުން އަންނަތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަދި، އަމިއްލަ ރެކޯޑް ދަމަހައްޓައި ކުރިއަށްދެވޭތީ ޝައްމޫން އުފާކުރެ އެވެ.

ޝައްމޫން އިވެންޓެއްގައި ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


އެކަަމަކު، އޭނާ އަށް އޮތް މާޔޫސްކަމަކީ، ޓީމު އިވެންޓްގެ އެއް ވަނަ، ސިފައިންނަށް ނުހޯދުމެވެ. ފިރިހެން ބައިގެ ރޭންކިންގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް 196 ޕޮއިންޓް ލިބުނުއިރު، ސިފައިންނަށް ލިބުނީ، 185 ޕޮއިންޓެވެ.

މިދިިޔަ 20 އަހަރު ތެރޭ، ސިފައިންނަށް މޮޅު ފިރިހެން ޓީމުގެ މަގާމު ގެއްލުނީ ދެ ފަހަރު އެވެ. އެއީ މި އަހަރުގެ އިތުރުން، 2023 ވަނަ އަހަރު ސާއިދު ސްޕޯޓްސް އަށެވެ.

"އިންޑިވިޖުއަލް ޕާފޯމަންސާ މެދު ހިތްހަމަޖެހޭ، އެކަމަކު، ޓީމަށް ދިމާވި ގޮތް، ވަރަށް ދެރަ، ކުޑަ ތަފާތަކުން ޗެމްޕިއަންކަން ނުލިބުނީމަ، ވަރަށް އުންމީދުކޮށްގެން ހުރީ ޗެމްޕިއަންކަން ލިބޭނެ ކަމަށް މި ފަަހަރު ވެސް. ވަރަށް ދެރަވި ޗެމްޕިއަންކަން ނުލިބުނީމަ، އުންމީދަކީ އަންނަ އަހަރު ޓީމު ވަރުގަދަކޮށް އައިސް އަނބުރާ ގައުމީ ތަށި ސިފައިންގެ ޓީމަށް ހޯދައިދިނުން،" ޝައްމޫން ބުންޏެވެ.

ޝައްމޫން ބުނީ ކާމިޔާބީ ތަކުރާރު ކުރުމުގައި އޭނާ އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ތަޖުރިބާ ކަމަށެވެ. އެ އަށް ބަރޯސާވެގެން ކާމިޔާބީ ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑުކޮށް އޮތުމުން ވަކިވަކި މުބާރާތްތަކަށް ތައްޔާރީ ރަނގަޅުކުރަން ނުޖެހި ވެސް ކުރިއަށްދިއުމުގެ ފުރުސަތު އޮވެ އެވެ.

"ދެން، ކޮންޓިނުއަސްކޮށް، އެތުލެޓިކްސްގެ މި އިވެންޓްތަކުގައި ނަމްބަރު ވަންގެ ގޮތުގައި މި ހުރީ، އެންމެ ފުރަތަމަ ގައުމީ ރެކޯޑެއް ހަދާފައިވަނީ، ހަނދާންވާ ގޮތުގައި، 2002 ގައި، ދެން ގައުމީ މުބާރާތުގައި ވާދަކުރާތާ 23 ވަނަ އަހަރު މިއީ. ދެން ތޭވީސް އަހަރު ވެސް އޭރުގެ ޕާފޯމަންސް ރިޕީޓްކުރެވިފައި މި އިނީ،" ޝައްމޫން ބުންޏެވެ.

މާލެ ސަރަހައްދުން ބޭރުގައި އޭނާ މަސައްކަތް ކުރަން ޖެހޭއިރު ވެސް މުބާރާތްތަކުގައި ވާދަކުރުމުގެ ކަންކަން ހަމަޖައްސައިދޭތީވެ، ޝައްމޫން ވަނީ ސިފައިންގެ ވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، އޭނާގެ ކެރިއަރުގެ ކާމިޔާބީގެ އެންމެ ބޮޑު ބައިވެރިޔާ، ދިވެހި ސިފައިންގެ ކްލަބުން އިތުބާރުކޮށް މުބާރާތްތަކުން ފުރުސަތު ދޭތީވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޝައްމޫން ބުނީ، މިދިޔަ ދެ އަހަރެއްހާ ދުވަަހު އޭނާއާ އެކު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ، ހުސެއިން އަހުމަދުއާ އެކު ކުރިއަށްދާން ފެށިފަހުން ކާމިޔާބީގެ ކަންކަން އިތުރަށް ފުރިހަމަވެފައިވާ ކަމަށެވެ. އަދި، އަމާޒަކީ، ކުރިއަށް އޮތް ބައިނަލްއަގުވާމީ މާސްޓާސް މުބާރާތުން ރާއްޖެ އަށް މެޑަލެއް ގެނެސްދިނުން ކަމަށް ވެސް ޝައްމޫން ވަނީ ބުނެފަ އެވެ.