Advertisement

ޔުއެފާ ނޭޝަންސް ލީގު: އިޓަލީން ފްރާންސް ބަލިކޮށްފި

7 ސެޕްޓެންބަރު 2024 - 09:02 0


ޔުއެފާ ނޭޝަންސް ލީގު: އިޓަލީން ފްރާންސް ބަލިކޮށްފި

7 ސެޕްޓެންބަރު 2024 - 09:02 0

ޕެރިސް (ސެޕްޓެމްބަރު 7) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން އިޓަލީން ރަށުންބޭރުގައި 3-1 އިން ފްރާންސް އަތުން މޮޅުވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗު ފަށައިގެން 12 ސިކުންތު ތެރޭގައި ފްރާންސުން ލީޑުނެގި އެވެ. މިއީ އިޓަލީގެ ފަހަތުން ކުޅުނު ބޯޅައެއް ހޯދައި، ބްރެޑްލީ ބަކޯލާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަސް މިނިޓް ފަހުން، އިޓަލީގެ ޑަވީޑޭ ފްރަޓޭސީ ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ދަނޑިއަށެވެ.

ލޫޝިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުން ކުޅޭ އިޓަލީން މޮޅަށް ކުޅުނު މި މެޗުގައި، ނަތީޖާ ހަމަހަމަކުރީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފެޑެރީކޯ ޑި މާކޯ އެވެ. މިއީ، ސަންޑްރޯ ޓޮނާލީ ދިން ބޯޅައަކުން ވޮލީއަކުން ޑި މާކޯ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ.

އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނިޓް ތެރޭ، އިޓަލީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ފްރަޓޭސީ އެވެ. މިއީ މަަޓޭއޯ ރެޓެގީ ދިން ބޯޅައަކުން ފްރަޓޭސީ ޖެހި ގޯލެކެވެ. ތިން ޕޮއިންޓް ޔަގީންކުރި ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޑެސްޓިނީ އުޑޯގީ ދިން ބޯޅަައަކުން ޖިއަކޯމޯ ރަސްޕަޑޯރީ އެވެ.

މި މެޗުގައި އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.

ގްރޫޕް ދޭއްގައި، ކުޅުނު އަނެއް މެޗުން ބެލްޖިއަމުން ވަނީ 3-1 އިން އިޒްރޭލް ބަލިކޮށްފަ އެވެ. މި މެޗުގައި، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޔޫރީ ޓީލަމަންސް އެވެ. އިޒްރޭލުގެ ގޯލަކީ، ބެލްޖިއަމްގެ ޓިމޮތީ ކަސްޓާންޏާ އަތުން ބައިކޮޅަށް ވަން ގޯލެކެެވެ.