ޖަރުމަނާ ޕޯޗުގަލް ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް

24 މާރިޗު 2025 - 06:40 0


ޖަރުމަނާ ޕޯޗުގަލް ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް

24 މާރިޗު 2025 - 06:40 0

ލިޒްބަން، ޕޯޗުގަލް (މާޗް 24) - ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އިޓަލީ އަތުން 3-3 ގެ ނަތީޖާ އިން އެއްވަރުވި ނަމަވެސް އެގްރިގޭޓުން ކުރިހޯދައި ޖަރުމަނު ސެމީ ފައިނަލަށް ދަތުރުކުރިއިރު، ޕޯޗުގަލް އިން 5-2 އިން ޑެންމާކު ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ޖަރުމަނުން ރޭ ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާ އަކުންނެވެ. ޖަރުމަނުން ވަނީ އިޓަލީގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.

ރޭގެ މެޗުގެ 30 ވަނަ މިނިޓްގައި ޖަރުމަނަށް ލީޑު ނަގައިދިނީ ކެޕްޓަން ޖޯސުއާ ކިމިކް ޖެހި ގޯލުންނެވެ. މިއީ އިޓަލީގެ އެލްކްސަންޑްރޯ ބުއާންޖޫނޯ އެ ޓީމުގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކިމިކް ކާމިޔާބުކުރި ގޯލެކެވެ.

އަދި އޭގެ ހަ މިނިޓް ފަހުން ޖަރުމަނުގެ ޒުވާން ފޯވާޑް ޖަމާލް މުސިއާލާ ވަނީ ގޯލު ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މިއީ، ކިމިކް ކޯނަރެއްގައި ތަނަވަސްކޮށްދިން ބޯޅައަކުން މުސިއާލާ ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުގެ ޓިމް ކްލައިންޑިއަންސްޓް ވަނީ ގޯލު ޖަހައިފަ އެވެ. މިއީ، ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިމިކްގެ އެހީތެރިކަމާއެކު ޓިމް ޖެހި ގޯލެކެވެ.

އެކަމަކު ދެ ވަނަ ހާފުގައި އިޓަލީއިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ގޮތުން ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓްގައި މޮއިސް ކީން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ 69 ވަނަ މިނިޓްގައި ކީން ވަނީ އިތުރު ގޯލެއް ޖަހައި އެއް ގޯލަށް ފަރަގު ކުޑަކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ، ޕެނަލްޓީ އަކުން ރަސްޕަޑޯރީ ޖެހި ލަނޑެކެވެ.

މީގެ އިތުރުން ރޭ ޑެންމާކު އަތުން 5-2 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވިއިރު، އެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ ލިބުނީ އެގްރިގޭޓް 5-3 އިން ކުރިހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ޑެންމާކުން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާ އަކުން ޕޯޗުގަލްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ހަވަނަ މިނިޓްގައި ޕޯޗުގަލް އަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނަމަވެސް އޭނާގެ ޕެނަލްޓީ ޑެންމާކްގެ ކީޕަރު، ކެޝްޕާ ސްމައިކަލް ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު، މެޗުގެ 38 ވަނަ މިނިޓްގައި ޑެންމާކްގެ ޔަކީމް އެންޑަސަން އަތުން ބައިކޮޅަށް ވަން ގޯލުން ޕޯޗުގަލް އިން ލީޑު ނެގި އެވެ.

ދެ ވަނަ ހާފަށް ކުޅެން އަރައި، މެޗުގެ 56 ވަނަ މިނިޓްގައި ޑެންމާކްގެ ރަސްމުސް ކްރިސްޓެންސަން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ޕޯޗުގަލް އަށް އަލުން ލީޑު ނަގައިދިނީ މެޗުގެ 72 ވަނަ މިނިޓްގައި ކެޕްޓަން ރޮނާލްޑޯ ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ޑެންމާކްގެ ކްރިސްޓަން އެރިކްސަން ވަނީ ގޯލު ޖަހައި އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޕޯޗުގަލް އަށް މި މެޗުގައި ތަފާތު ދެއްކީ ބަދަލަކަށް ކުޅެން އެރި ފްރާންސިސްކޯ ޓްރިންކާއޯ އެވެ. އޭނާ ވަނީ މެޗުގެ 86 ވަނަ މިނިޓްގައި ގޯލު ޖަހައި، ޕޯޗުގަލް އަށް އަލުން ލީޑުނަގައިދީ، އެގްރިގޭޓުން އެއްވަރުކޮށް، މެޗު އިތުރު ވަގުތަށް ގެންގޮސްދީފަ އެވެ.

އެ ގޮތުން އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޓްރިންކާއޯ ވަނީ ގޯލު ޖަހައި ޕޯޗުގަލްގެ ލީޑު ފުޅާކޮށްފަ އެވެ. އަދި އެ ޓީމުނެ ޖެހި ފަސްވަނަ ގޯލު މެޗުގެ 115 ވަނަ މިނިޓްގައި ޖަހައިދިނީ ގޮންޒާލޯ ރާމޯސް އެވެ. ރާމޯސް ކުޅެން އެރީ ރޮނާލްޑޯގެ ބަދަލުގަ އެވެ.

ސެމީ ފައިނަލުގައި، ނޭޝަންސް ލީގުގެ އެންމެ ފުރަތަަމަ ޗެމްޕިއަން، ޕޯޗުގަލް އިން ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.