Advertisement

ހުރިހާ ބާރެއް އޮތް އިރު ވެސް ރައީސް މުއިއްޒު ބިރުން ގުޑުގުޑު އެބަ އަޅާ: ފިއްޓޭ

6 ސެޕްޓެންބަރު 2024 - 07:57 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ): ހުރިހާ ބާރެއް އޮވެވެސް ރައީސް މުއިއްޒު ބިރުން ގުޑުގުޑު އެބަ އަޅާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ހުރިހާ ބާރެއް އޮތް އިރު ވެސް ރައީސް މުއިއްޒު ބިރުން ގުޑުގުޑު އެބަ އަޅާ: ފިއްޓޭ

6 ސެޕްޓެންބަރު 2024 - 07:57 3

ހުރިހާ ބާރުތަކެއް އޮތް އިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުން ގުޑުގުޑު އަޅަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުއަށް ދައުލަތާއި، ރައްޔިތުންގެ މަޖިލިސް އޮތް އިރު ވެސް އަބަދު ބިރުން ގުޑުގުޑު އަޅަމުންދާ ކަމަށާއި އެއީ އިތުބާރު ނެތުމުން ވެގެން އުޅޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އަހަނީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާ ވާހަކަ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެކަން ވެސް، ޝައްކުވާ ހިސާބަށް މިދަނީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު އަޅާތީ،" ޒިޔާދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ކަންކަން ކުރި ގޮތުން ދައުލަތުގައި މިހާރު ފައިސާ ނެތްކަމަށް މި ސަރުކާރުން ބުނި ނަމަވެސް، ޒިޔާދު ވިދާޅުވީ ދައުލަތުގައި ފައިސާ ނެތްކަމަކަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

މި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހަތް މަސް ދުވަސް ތެރޭގައި ލިބުނުއިރު، އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ނޭނގުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި އެއްވެސް މަޝްރޫއެއް ނުހިންގައި، ރަށްރަށުގައި މަޝްރޫއުތަކަށް ގެންގޮސްފައި ހުރި އެއްޗެހި ސަރުކާރުން ދަނީ ތިލަފުއްޓަށް ގެންނަމުންނެވެ. މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ސަރުކާރުން ކުރާ ކަމަކީ ސިޔާސީ މުވައްޒަފުން އިތުރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމު މި ނޫން ހާލަތަކަށް ގެންދަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ލިބިފައި އޮތް ހައްގުތައް ނިގުޅައި ގަންނަ ދުވަހު މަގުމައްޗަށް ނިކުންނަން ޖެހިއްޖެއްޔާ އެކަން ކުރައްވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.