ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އެންގި އެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ވަނީ، މިއީ ހަރަދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން އަންގާ ފިޔަވަޅުތަކެއް ކަމަށެވެ.
އެގޮތުން ކުންފުނިތަކުން ކުރާ ދަތުރުތަކާއި މުވައްޒަފުންގެ ހަރަދުތަކުގެ އިތުރުން އެހެނިހެން ހަރަދުތައް ކުޑަކުރުމަށް ވެސް ގިނަ އެންގުންތަކެއް ޕީސީބީގެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އަޅަން އެންގި ފިޔަވަޅުތައް
ދަތުރު ހަރަދު:
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުން.
- ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުވާނަމަ ފަސްޓް ކުލާހުގައި ދަތުރުނުކުރުން.
- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.
- އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއާތަކުގައި ނޫނީ ބައިވެރިނުވުން.
- މުވައްޒަފުންގެ ހަރަދު:
- ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން.
- ޕީސީބގެ ހުއްދައާ އެކުގައި މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން.
- ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތަކަށް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުން.
- ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން.
- ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުންކުރުން.
- ކޮންމެހެން މިވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުން.
- ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކަށް ބަލައި މުވައްޒަފުން އިތުރުވާނަމަ ނުވަތަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަންޖެހޭ ޕްރެޖްކްޓުތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގައި ބޭނުންކުރުން.
އެހެނިހެން ހަރަދު؛
- ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކުރުން އަދި ކަރަންޓު ހަރަދު ކުޑަކުރުން.
- ކަރުދާހާއި ސްޓޭޝަނަރީޒްއަށް ކުރާ ހަރަދު ކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށްކުރުން.
- އިވެންޓުތަކުގެ ރިފްރެޝްމަންޓުތަކަށް ކުރާ ހަރަދު ވީހާސްވެ ކުޑަކުރުން.
- ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓު ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓު ހިންގުން.
- ސީއެސްއާރު އަދި ސްޕޮންސާޝިޕަށް ކުރާ ހަރަދުތައް ކުޑަކުރުން.
- ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ފިޔަވާ އިތުރު ހަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތް ރޭވުން.
- ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފާވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލައި، އެހެން ކުންފުނިތަކެއް އުވާލަން ވެސް މި ހަފުތާގެ ތެރޭގައި ކެބިނެޓުން ވަނީ ނިންމާފަ އެވެ.
ސަރުކާރުން ނިންމީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ގެންނާށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެންނާށެވެ.
އުވާލަން ނިންމި ކުންފުނިތަކަކީ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އެވެ.
މުހިއްމު ބައެއް ހަބަރު
Comment