Advertisement

ދަފުތަރު ކުރުން ލާޒިމުކޮށް އާންމުން ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލާއި މިންގަނޑު އާންމުކޮށްފި

3 ސެޕްޓެންބަރު 2024 - 20:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާންމު މީހެއްގެ ބަދިގޭގައި މަސް ކެއްކުމުގެ މަސައްކަތް ކުރަނީ: ދަފުތަރު ކުރުން ލާޒިމުކޮށް އާންމުން ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލާއި މިންގަނޑު އާންމުކޮށްފި --- ފޮޓޯ: އަދަދު


ދަފުތަރު ކުރުން ލާޒިމުކޮށް އާންމުން ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލާއި މިންގަނޑު އާންމުކޮށްފި

3 ސެޕްޓެންބަރު 2024 - 20:07 0

އާންމު ފަރާތްތަކުން ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑާއި އެ މަސައްކަތުގައި އުޅޭ މީހުން ދަފުތަރުކުރަން ޖެހޭ އުސޫލު އެކުލަވާލާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދިރިތި ޕޯޓަލް ގައި މިއަދު އާންމުކޮށްފި އެވެ.

ހެލްތު މިނިސްޓްރީޏް އާންމުކުރީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑު" އަދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" އެވެ.

މި އުސޫލުތަކާ ގުޅިގެން، އަމިއްލަ ގޭގެ ބަދިގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން މި މިންގަނޑަށް އަމަލުކޮށް އުސޫލާ އެއްގޮތަށް އެމްއެފްޑީއޭގެ ދިރިތި ޕޯޓަލް މެދުވެރިކޮށް ދަފުތަރުވާން ޖެހޭނެ އެވެ.

ދަފުތަރުވުމުގެ އުސޫލުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ މީހުން ދަފުތަރު ކުރަން ޖެހޭނީ އެ މަސައްކަތް ކުރާ ތަނެވެ. އެއީ އެ މީހަކު މަސައްކަތަށް ބޭނުންކުރާ ބަދިގެ އެވެ. ދަފުތަރު ކުރާއިރު ވިއްކަން ކަނޑައަޅާ ހުރިހާ އެއްޗެއް ލިސްޓު ކުރަންޖެހޭނެ އެވެ.

މިފަދައިން ދަފުތަރުކުރާ ތަނަކާ ބެހޭގޮތުން ލިބޭ ޝަކުވާއަކާ ގުޅިގެން އެތަނެއް ބަލާ ފާސްކުރާއިރު މިއަދު އާންމުކުރި މިންގަނޑަށް ނުފެތޭނަމަ އެ ތަނެއް ދަފުތަރުން އުނިކުރުމުގެ ބާރު އެމްއެފްޑީއޭއަށް މި އުސޫލުގެ ދަށުން ލިބިދީފައިވެ އެވެ. އުނިކުރެވޭ ތަންތަން އަލުން ދަފުތަރުކުރެވޭނީ މިންގަނޑާ އެއްފެންވަރަށް ގެނެސް އަލުން ހުށަހެޅުމުންނެވެ.

މިއަދު އާންމުކުރި މިންގަނޑުގައި މައިގަނޑު ގޮތެއްގައި ވަނީ ބަދިގޭގެ ރައްކާތެރިކަމާއި ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް މަޖުބޫރުކުރާ ކަންކަމެވެ. އެގޮތުން ބަދިގެ އާއި ހިފާގެންގުޅޭ ތަކެތި އަދި މަސައްކަތް ކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ހަރުކަށި ޝަރުތުތަކެއް މިންގަނޑުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން އުފައްދާ ތަކެތީގެ ރައްކާތެރިކަމަށްޓަކައި ކާބޯތަކެތި ރައްކާކުރާނެ ގޮތާއި ފިނިކޮށްފައި ހުންނަ ތަކެތި ގަނޑުފިލުވުމާއި ކުނި ނައްތާލުމުގައި އަމަލުކުރަން ޖެހޭ ގޮތްތައްވެސް މި މިންގަނޑުގައި ތަފުސީލުކޮށްދީފައިވެ އެވެ.

މިއަދު އާންމުކުރި އުސޫލާއި މިންގަނޑު އެކުލަވާލީ މި ފަހުން އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުންނެވެ.

މިފަދަ މިންގަނޑެއް އެކުލަވާލާފައި މިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނުތާހިރު ތަންތަނުގައި އާންމުކޮށް ވިއްކާ ކާބޯތަކެތި އުފައްދާ ކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.