Advertisement

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އުސޫލާ ހިލާފަށް ދިން ބިމެއްގެ މައްސަލަ ކޯޓަށް

4 ސެޕްޓެންބަރު 2024 - 06:56 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލެ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުޖުތަބާ ޖަލީލު: މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުޖުތަބާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލު


ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އުސޫލާ ހިލާފަށް ދިން ބިމެއްގެ މައްސަލަ ކޯޓަށް

4 ސެޕްޓެންބަރު 2024 - 06:56 0

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމިއްލަ މީހަކަށް މާލެއިން ބިމެއް ދޭން އެއްބަސްވުމެއްގައި ސޮއިކުރީ މާލެ ސިޓީ ކައުންސިލުގެ އުސޫލުތަކާ ހިލާފަށް ކަމަށް އެ ކައުންސިލުން ސިވިލް ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައިވާ ގޮތުން މާލެ ސިޓީ ކައުންސިލާއި ސިތާރާ އަހުމަދު ކިޔާ މީހަކާ ދެމެދު އެ ބިމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު، 14 ގަ އެވެ. އެ އެއްބަސްވުމުގައި އޮތީ ކޮއިމަލާ ހިނގުމުގައި "ރުމާލު 2" ޖަގަހައާ އިންވެގެން އޮތް ޖީ-353 ބިމުގެ ބަދަލުގައި ނާސަރި ބިމުން 3000 އަކަފޫޓުގެ ބިމެއް 10 އަހަރަށް ކުއްޔަށް ދީފަ އެވެ.

މާލެ ސިޓީ ކައުންސިލުން މި ބިން ސިތާރާއާ ހަވާލުނުކޮށްގެން އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކައުންސިލުން ދިން ޖަވާބުގައި ބުނީ، އެ ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެ ކައުންސިލުން މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.


އެހެންވެ، ސިޓީ ކައުންސިލުން ކޯޓުގައި ބުނީ މިއީ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމަކަށް ވާތީ ސިތާރާ އެދިފައިވާ ގޮތަށް ވަގުތީ އަމުރަކުން ފަރުވާ ދޭން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކައުންސިލުން އިއުތިރާޒު ކުރި ނަމަވެސް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ ސިތާރާއާ އެއްކޮޅަށެވެ. އެ ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި ވަގުތީ އަމުރުގައި ފާހަގަކުރެއްވި ގޮތުގައި އެއްބަސްވުމުގެ ސައްހަކަމާ މެދު ކައުންސިލުން ސުވާލުއުފެއްދި ނަމަވެސް އެ އެއްބަސްވުމަކީ ކައުންސިލުން ސޮއިކޮށް، ސިއްކަ ޖަހާފައިވާ އެއްބަސްވުމެކެވެ.

މިހެން އޮންނަ ހާލަތުގައި ވަގުތީ އަމުރެއް ނެރުމުގެ ކުރިން ބަލަން ޖެހޭނީ ގެއްލުމުގެ ބަދަލު ދެވޭނެތޯ އެވެ. ނަމަވެސް ގާޒީ ފާހަގަކުރެއްވި ގޮތުގައި، އެއްބަސްވުމުގައި ސިތާރާއަށް ކުރެވޭނެ ވަކި މަސައްކަތެއް ކަނޑައަޅާފައި ނުވާތީ މި ހާލަތުގައި ގެއްލުމުގެ ބަދަލު ވަޒަން ކުރަން އުނދަގުލެވެ. އެހެންވެ ގާޒީ އަމުރުކުރެއްވީ މިހާރު އޮތް ހާލަތުގައި ބިން ބާއްވާށެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިޓީ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލުގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި މިހާރު ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުޖުތަބާ ޖަލީލެވެ. މިއީ ކޮންމެވެސް މަސައްކަތެއްގެ މުގާބިލުގައި ދިން ބިމެއް ކަމަށް ކޯޓު އަމުރުން އެނގުނު ނަމަވެސް، އެއީ ކޮން މަސައްކަތެއް ކަމަށް މިހާތަނަށް ކުރި މަސައްކަތުން ނޭނގެ އެވެ.

މާލޭގެ މަގުތައް ޕާކިން އަށް ވިއްކާލި ފަދައިގެން، ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ދުވަސްވަރު، ކައުންސިލްގެ މެންބަރުންގެ މަސްލަހަތު އޮތް ފަރާތްތަކާއި ވިޔަފާރިވެރިންނާއި ސިޔާސީ ގޮތުން ގާތް ފަރާތްތަކަށް މާލެ އާއި ވިލިމާލޭގެ މުހިއްމު ބޮޑެތި ބިންތައް ނުއަގުގައި ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލަތައް އޭސީސީން ބަލަމުންދާކަން ހާމައެއް ނުކުރެ އެވެ.