2 ސެޕްޓެންބަރު 2024 - 20:59 0
އަތުހަރު
2 ސެޕްޓެންބަރު 2024 - 20:59 0
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ބަންދުކޮށްފައި ހުރި ދޫނިދޫގެ ގޮޅި ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ގޮތް އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" ނޫހަށް ކިޔައިދީފި އެވެ.
އަތުހަރު ބަންދުކޮށްފައި ހުރި ގޮޅީގައި ސީސީޓީވީ ކެމެރާ ހުއްޓެވެ. ހުރިހާ މަންޒަރެއް ދިޔައީ ރެކޯޑުވަމުންނެވެ. އަދަދު ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބައެއް މަންޒަރުތައް މި ނޫހުގެ ނޫސްވެރިންނަށް ދެއްކި އެވެ.
އަތުހަރު ހުރި ގޮޅީގައި ދަގަނޑު ތޭރިއެއް ހުއްޓެވެ. އޭނާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރީ އެ ތޭރީގައި ނާޑުވާއެއް އައްސައިގެންނެވެ. ތޭރިގަނޑުގެ ތިރީ ކައިރިއާ ހަމައަށް ހުންނާނެ ކަމަށް ބެލެވޭ އުސްމިނަކީ ހަތަރުވަރަކަށް ފޫޓެވެ.
އަތުހަރު އިށީނދެ އިންނަނީ ދެފައި ކުރިމައްޗަށް ވާގޮތަށް ދަމާލައިގެން، ތޭރިގަނޑާ ދިމާ ތަޅުންގަނޑު މަތީގަ އެވެ. އެގޮތަށް އިންއިރު، ނާޑުވާ ވާންކޮށް ހުރި މަންޒަރެއް ނުފެނެ އެވެ. ނަމަވެސް އޭނާ ކަރަށް ވާންކުރުމަށް ބޯ ތިރިކުރާ މަންޒަރު ފެނެ އެވެ.
"އެގޮތަށް ބައިގަޑިއެއްހާއިރު މަސައްކަތް ކުރި،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.
އެ ގޮޅީގައި އަޅާފައި ހުރި ސީސީޓީވީ ކެމެރާތަކަށް އެ މަންޒަރު ބަރާބަރަށް ރެކޯޑުވެފައި ހުރި ކަމަށް އަދަދު ނޫހަށް ކަށަވަރުކުރެވުނެވެ.
މިއަދު މި ނޫހާ ވާހަކަ ދައްކަމުން އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީން ބުނީ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ކަރުން ފެންނަން ނެތް ކަމަށެވެ.
އަތުހަރު އަމިއްލަ އަށް މަރުވާން މަސައްކަތް ކުރީ އިއްޔެ އިރުއޮއްސި 6:30 ހާއިރު އެވެ. އެކަން އަދި ރަސްމީކޮށް ފުލުހުން ހާމަ ނުކުރި ނަމަވެސް މި ނޫހަށް އެކަން ކަށަވަރުވެފައިވެ އެވެ. ފުލުހުން ރަސްމީކޮށް މިއަދު ހާމަކުރި ޓައިމްލައިންގައިވާ ގޮތުން އަމިއްލަ އަށް މަރުވާ އުޅުނުކަން ފުލުހުންނަށް ފެންނަނީ 7:02 އެވެ.
އޭނާ އަށް ފަރުވާ ދިނުމަށް ދޫނިދޫއިން މާލެ ގެނެސް އެމްބިއުލާންސަށް އެރުވުމަށް ހޭދަވީ އެންމެ ތިން މިނެޓު ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުންނާއި، އެޗްއާރުސީއެމްއިން ދަނީ ތަހުގީގުކުރަމުންނެވެ.
އަތުހަރުގެ ގޮޅިއަށް ނާޑުވާއެއް ވެއްދި ގޮތް ފުލުހުން ބުނެދީފައެއް ނުވެ އެވެ. އަދި އޭނާ އަމިއްލައަށް މަރުވާން އެހާ ގިނަ ވަގުތު މަސައްކަތް ކުރިއިރު، އެ މަންޒަރު ފުލުހުންނަށް ނުފެނުނު ސަބަބެއް ވެސް ނުބުނެދެ އެވެ.
މި މައްސަލައާ ބެހޭ ހައްސާސް ބައެއް މަންޒަރުތަކާއި މައުލޫމާތު މިރޭ ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ އެވެ.
Comment