Advertisement

ހުކުމެއް ކުރުމުގެ ކުރިން ބަންދުކުރުމުގެ ގާނޫނީ ހުއްޖަތާއި، ތުހުމަތު ކުރެވުނީތީ އަހުވަ ދެއްކުމުގެ ތަފާތު!

3 ސެޕްޓެންބަރު 2024 - 07:22 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް


ހުކުމެއް ކުރުމުގެ ކުރިން ބަންދުކުރުމުގެ ގާނޫނީ ހުއްޖަތާއި، ތުހުމަތު ކުރެވުނީތީ އަހުވަ ދެއްކުމުގެ ތަފާތު!

3 ސެޕްޓެންބަރު 2024 - 07:22 1

ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ގިސްލައި ނުރޯ މުސްލިމަކު ދިވެހިންގެ ތެރޭގައި ނެތެވެ. އެ މައްސަލައަކީ ދެ ގައުމެއްގެ ދެމެދުގައި ހިނގާ ހަނގުރާމައެއް ނޫނެވެ. ފެށުމަކީ އެއީ ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް މިހާރު އެ ހިނގަނީ ގަތުލުއާންމެކެވެ. ހަތިޔާރު ނެތް ބަޔަކާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނެކެވެ. ކޮންމެ ފަދަ މައްސަލައަކާ ގުޅިގެން އަދި ކޮންމެ މަގުސަދެއްގައި ކުރިނަމަވެސް ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި މަދަރުސާތަކަށް ހަމަލާދީ ކުށެއްނެތް އެތައް ބަޔަކު ގަތުލުކޮށްލަމުން ދާ ދިއުމަކީ އޭގެ މައްޗަށް ހުއްޖަތެއް އޮންނާނޭ ކަމެއް ނޫނެވެ.

އެ އަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދަނީކީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އަމުދުން އެއްވެސް ދީނެއް ގަބޫލުނުކުރާ، ރައްބެއް ރަސޫލެއް ނުދަންނަ މީހުންވެސް ހިތުގެ އަޑިން އެ އަމަލުތައް ކުށްވެރިކޮށް، ބަސްބުނެ އެވެ. އެއީ އަނިޔާއަކީ އަނިޔާކަން ދެނެގަނެވެނީ ދީނެއްގެ ސަބަބަކުންނެއް ނޫނެވެ. އެކަން ދެނެގަތުމަކީ އިންސާނުންގެ ފިތުރަތުގައި ހުރި ކަމެކެވެ. އެކަމާމެދު އެއްޗެއް ބުނުން ނުވަތަ ހިމޭނުން ހުރުން އެއީ އިންސާނާ ހިޔާރުކުރާ ކަމެކެވެ.

އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހިމެނެނީ، ފަލަސްތީނުގެ ރައްޔިތުންނާމެދު ހިތުގައި ހިނގާ ހަމްދަރުދީއާއި، އިސްލާމީ އުއްމަތުގެ ހިމޭންކަމާއި، އިސްލާމީ ބޮޑެތި ގައުމުތަކުގެ އިހުމާލުގެ މައްޗަށް އުފެދިފައި އޮތް މާޔޫސްކަން ދުލުން ފާޅުކުރުމަށް ނިންމި ދިވެހިންގެ ތެރޭގަ އެވެ. އެމީހުން ގަސްތުކުރީ އެ މީހުންގެ ޝުއޫރުތައް، މި ރާއްޖޭގައި ގާއިމުވެތިބި އިސްލާމީ އުއްމަތުގެ ސަފީރުންނަށް އިއްވުމަށެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެ ދެމީހުންނާ ބައިވެރިވެދާނޭކަމަށް އެމީހުންނެއްވެސް ނުދެކެ އެވެ. އެކަމަށް ނުވެސް އެދެ އެވެ. ހިމޭންކަމާއެކު ހަމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއްގައި، ސަފީރުންނަށް ފެންނާނޭ ހިސާބުގައި ތިބެނީ ފަލަސްތީނަށް ހަމްދަރުދީ އޮތްކަން ދައްކުވައިދޭ ރަމްޒުތަކާއެކުގަ އެވެ. އެމީހުންގެ މުޒާހަރާއަކީވެސް ޖިހާދަކީވެސް އެއީ އެވެ. ފަލަސްތީނުގެ ރައްޔިތުންނާމެދު ހިތުގައި އޮތް ހަމްދަރުދީ ފާޅުކުރުމުން ހިތަށް ތަސައްލީ ހޯދުމަކީ އެމީހުން ހިފި މަގެވެ.

މައްސަލައިގެ ހުލާސާއަކީ މިއީ އެވެ. ޝަރީއަތަކާ ނުލައި، މި ދެ އަންހެނުން ހައްޔަރުކޮށް ބަންދުކޮށްގެން ގެންގުޅެންޖެހޭކަމަށް ދިވެހިސަރުކާރަށް ފެނިގެން މިއުޅެނީ މި އަމަލާ ގުޅިގެންނެވެ. ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި، އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުކުރުމުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން މި ދެ އަންހެނުން ހައްޔަރުކޮށް، ފުލުހުންގެ ފަރާތުން އެދުނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްދިނުމަށެވެ. ކޯޓުން ފުރަތަމަ ފަހަރަށް 3 ދުވަހުގެ މުއްދަތު ދިނުމުން ދެވަނަ މަޖިލީހުގައި ވެސް ފުލުހުން އެދުނީ އިތުރު 15 ދުވަހަށެވެ. ކޯޓުން މިފަހަރު ދިނީ 5 ދުވަހެވެ.

ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމާމެދު ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އޮތީ އޮޅުމެއް ނެތް ސާފު އިޖުއާތަކާއި އުސޫލެކެވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ސާފު، އަސާސީ އުސޫލުގައި އޮތީ "އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ" މިހެންނެވެ. އެ އަސާސީ އުސޫލަށް ގާނޫނުއަސާސީން ދީފައި އޮތީ އެންމެ ހަތަރު އިސްތިސްނާއެކެވެ. އެއީ؛

  1. އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނޭކަމަށްޓަކައި،
  2. ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި،
  3. ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި،
  4. ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިހުތިމާލު އޮތުމެވެ.

މި ސަބަބުތައް ތަފުސީލުކޮށްދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ގަވާއިދުގަ އެވެ. އެ މާއްދާތަކުގެ އަލީގައި ބަލާއިރު، މިއީ ބަންދުގައި ބަހައްޓަންޖެހޭ ބާވަތުގެ މައްސަލައެއްތޯ ވިސްނާލަމާ ހިންގަވާށެވެ.

ބަންދުގައި ބެހެއްޓުން ހުއްދަވާ ފުރަތަމަ އަދި ދެވަނަ ހާލަތު

މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނޭކަމަށްޓަކައި ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުން ގާނޫނުއަސާސީން ހުއްދަކުރެ އެވެ. މިމައްސަލައިގައި މި ހާލަތު އުފެދިފައިވޭތޯ ބަލަމާ ހިންގަވާށެވެ.

ހެކިންނަށް ނުފޫޒު ފޯރުވުމާއި، ހެކި ނައްތާލަފާނޭތޯ ބެލުމުގައި ރިއާޔަތްކުރަންޖެހޭނޭ ކަންކަން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގަ އެވެ.

  1. މައްސަލައިގައި ލިބިފައިވާ އަދި ލިބެންހުރި ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާގެ ބާރު ނުފޯރުވޭނެ ހެކިތައް ހުރިކަން ނުވަތަ ނޫންކަން.
  2. މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރު.
  3. ތުހުމަތުކުރެވޭ ކުށަށް އިއުތިރާފުވެފައިވާކަން ނުވަތަ ނޫންކަން.
  4. މުޖުތަމައުގައި ތުހުމަތުކުރެވޭ ފަރާތުގެ މަޤާމާއި، ބާރާއި ނުފޫޒު އޮތް މިންވަރު.

މި މައްސަލައިގައި ތުހުމަތުކުރާ ހާދިސާގެ ވީޑިއޯ ރެކޯޑިންގ އެހުރީ އެވެ. ސަފީރު ދިރިއުޅުއްވާ ގޭ ކައިރީގައި ތިބިކަމަށާއި، އެތަނުގައި ޝުއޫރު ފާޅުކުރުމުގެ ލިޔުންތައް ގެންގުޅުނުކަމާމެދު މި މައްސަލައިގައި ހިމެނޭ މީހުން އިންކާރެއް ނުކުރެ އެވެ. އިންކާރު ކުރިނަމަވެސް ވީޑިއޯ ހެކިތައް އެހުރީ އެވެ. އެހެންވީމާ، ނުފޫޒު ފޯރުވައިގެން ބަދަލުކުރެވޭނޭ ނުވަތައް ނައްތާލެވޭނޭ ހެއްކެއް މިމައްސަލައަކު ނެތެވެ.

ބަންދުގައި ބެހެއްޓުން ހުއްދަވާ ތިންވަނަ ހާލަތު

ތުހުމަތުކުރެވޭ މީހާއަކީ ކޯޓަށް ހާޒިރުނުވެ ފިލާފާނޭ ފަދަ މީހެއްކަމަށް ގަބޫލުކުރެވޭނަމަ އޭނާ ބަންދުގައި ބެހެއްޓިދާނެ އެވެ. އެފަދަ މީހެއްތޯ ބެލުމަށްޓަކައި ބަލަންޖެހޭނީ ކޮން ކަންތައްތަކަކަށްކަން ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި އެއޮތީ އެވެ. އެކަންކަމަކީ؛

  1. ކޯޓު އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވާ މީހެއްކަން ނުވަތަ ނޫންކަން.
  2. ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި ކުށުގެ ރެކޯޑު.
  3. ތުހުމަތުކުރެވޭ މީހާ ބަންދުނުކޮށް ފިލައިގެން ދިއުމުގެ އިހުތިމާލު ނައްތާލެވޭނެކަން ނުވަތަ ކުޑަ ކުރެވޭނެކަން.
  4. ތަހުގީގުކުރާ އިދާރާއަށް ނުވަތަ އެނޫންވެސް ތަނަކަށް ވަކި އުސޫލަކުން ހާޒިރުވުމަށް ޝަރުތުކޮށްފިނަމަ، އޭނާ އެ ޝަރުތާ އެއްގޮތަށް އަމަލުކުރާނެކަން ނުވަތަ ނޫންކަން.

މި މާއްދާގައި ބަޔާންކުރާ ހާލަތުތައް ހުރިތޯ ބަލާނީ ތުހުމަތުކުރެވޭ މީހާ މާޒީގައި އަމަލުކޮށްފައިވާ ގޮތަށް ބަލައިގެންނެވެ. މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންކުރެ މީހަކީ މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫނެވެ. އެހެންވީމާ، ކުރީގައި އަމަލުކޮށްފައިވާ ގޮތަށް ބެލޭނޭ ގޮތެއް ނެތެވެ. މިހާލަތުގައި ގާނޫނުން ދޭ ހައްލަކީ ދަތުރުކުރުން މަނާކުރުމުގެ އަމުރެވެ. ތުހުމަތުކުރެވޭ މީހާއަކީ ފިލައިރައްކާވެދާނޭ މީހެއްކަމަށް ފުލުހުންނަށް ފެންނަނަމަ އެކަމުގެ ސަބަބުތައް ހުށަހެޅުމުން، ދަތުރުކުރުން މަނާކުރުމުގެ އަމުރު ނެރުމަކީ ފަނޑިޔާރަށް އޮތް އިހުތިޔާރެކެވެ. ގާނޫނު ބާރުއަޅާފައި އޮތީ ފިލައިގެން ދިއުމުގެ އިހުތިމާލު ނައްތާލެވޭނޭ އެހެން އިންތިޒާމެއް ހަމަޖެއްސުމަށްފަހުވެސް ތުހުމަތުކުރެވޭ މީހާ ބަންދުނުކޮށް ދޫކޮށްލުމަށެވެ.

ބަންދުގައި ބެހެއްޓުން ހުއްދަވާ ހަތަރުވަނަ ހާލަތު

ބަންދުގައި ބެހެއްޓުން ހުއްދަވާ ހަތަރުވަނަ ހާލަތަކީ ތުހުމަތުކުރެވޭ މީހާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމެވެ. މިއީ ފުލުހުންނާއި ޕީޖީގެ ނަޒަރުން ބަލާނަމަ މުޅި ގާނޫނުއަސާސީއާއި ގާނޫނު އެ މައްޗަށް ބިނާވެފައި އޮތް، މުޅި ނިޒާމުގެވެސް އެންމެ އަސާސީ މާއްދާ އެވެ. މިހާތަނަށް ފުލުހުން ބަންދަށް އެދުނު އެއްވެސް މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ފޯމުގައި މި ސަބަބު ނުހިމަނައި ދޫކޮށްލާފައި އޮތީތީ ފެނިފައެއް ނެތެވެ. މީހަކު މަރާލައިގެން ހައްޔަރުކުރިޔަސް، އަވަށްޓެރިއަކާ ކުރާ ޒުވާބެއް ހޫނުވެ ދޭ 'ހޮޅި' އިންޒާރަކާ ގުޅިގެން ހައްޔަރުކުރިޔަސް، ބަންދުގައި ބެހެއްޓުމަށް މި ސަބަބު ހުށަހަޅަ އެވެ. ކުށުގެ ބާވަތުން ނުވަތަ ދަރަޖައަކުން އަންނަ ތަފާތެއްވެސް އަމުދުން ނެތީ އެވެ.

ވަކި މީހަކީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނޭ މީހެއްތޯ ކަނޑައެޅުމުގައި ބަލާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އޮތް ހަ ކަންތަކަށެވެ. އެއީ؛

  1. ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު.
  2. ތުހުމަތުކުރެވޭ މީހާ މުޖުތަމައަގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތް.
  3. ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް.
  4. ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށުގެ ކުޑަ ބޮޑުމިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން.
  5. ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތައް.
  6. ކުށުގެ އަމަލު ހިންގާފައިވަނީ ޖަމާއަތް ހަދައިގެން ކަމުގައިވުން.

ރަނުން އުއްތުންކޮށްގެން ފުލުހުންނާއި ޕީޖީ އޮފީހުން ކޮންމެ މީހެއްގެ ކަރުގައި އަޅުވާ މި ހާރު، ހަގީގަތުގައި ޖައުހަރީން ފަރުމާކޮށްފައި އޮތީ ހާއްސަ ހާލަތްތަކަކަށް އެކަންޏެވެ. އެއީ ނުރައްކާތެރި ކުށްކުށަށެވެ. ގާނޫނުލްއުގޫބާތުގެ ކުށްތަށް ގިންތިކުރެވިފައިވާ ގޮތުން ޖިނާޔާތުގެ ހަތަރެއް ނުވަތަ ފަސްވަނަ ދަރަޖައާއި، ޖުނަހުގައި ހިމެނޭ ކުށްކުށަކީ އާންމުގޮތެއްގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެޔޭ މިކިޔާ ޒާތުގެ ކުށްތަކެއް ނޫނެވެ. ކުށުގެ އަމަލު ހިންގި ގޮތަށް ބަލައި އިސްތިސްނާ ހާލަތުތަކެއް ހުރެދާނެ އެވެ. އާންމު ހަމައަކީ އެއީ އެވެ. އެހެންނާ، ގާނޫނުލްއުގޫބާތު ފަރުމާކުރުމުގައި ކުށްތައް ގިންތިކުރުމަކީ ރޮބިންސަން އެކަމުން ހާއްސަ އުފަލެއް ލިބޭތީ ކުރެއްވި ކަމެއް ނޫނިއްޔާ އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ކުށުގެ ރެކޯޑެއް ނެތެވެ. ރެކޯޑެއް ނެތީކީ އެކަންޏެއް ނޫނެވެ. ޖިނާއީ އަދުލުގެ ނިޒާމާ ވައިވެސް އެޅިފައި ނެތީ އެވެ. ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުގައި ގަދަރުވެރި، ތައުލީމީ ބައެކެވެ. ތުހުމަތުކުރެވޭ ކުށުގެ އަމަލުގައި އަނިޔާވެރިކަމެއް ނެތެވެ. ތުހުމަތުގައިވާ މީހުންގެ ކިބައިން މުޖުތަމައުއަށް ނުރައްކަލެއް ވެދާނޭ ހަމަ އެއްވެސް ސަބަބެއް ފުލުހުންގެ ފަރާތުން ދައްކާފައެއް ނެތެވެ. 'މުޖުތަމައުގެ ސަލާމަތަށް ނުރައްކަލޭ' ބުނުމުގެ އިތުރުން، އެކަން ގަބޫލުކުރެވޭނޭ އެއްވެސް ހުއްޖަތެއް ހުށަހަޅާފައެއް ނެތެވެ.

ޖިނާއީ އަދުލުގެ ނިޒާމަކީ ކުޅޭކުޅޭ އެއްޗަކަށް ނުހައްދަވާށެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރި އަމަލަކުތަކަކުން ޖިނާއީ ކުށްތަކެއް އުފެދޭނަމަ އެކަމުގެ ތަހުގީގުކޮށް ދައުވާ އުފުލާނީ އެވެ. އެކުށުގެ އަދަބަށްވުރެ ދިގު މުއްދަތަކަށް ބަޔަކު ޖަލުގައި ބަންދުކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމެއް ނޫނެވެ. އެއީ ގާނޫނުގެ ނަމުގައި އަހުވަ ދެއްކުމެވެ. އަނިޔާވެރިވުމެވެ.