Advertisement

ޒުވާން ތަރި އިލާން މާޒިޔާ އަށް

1 ސެޕްޓެންބަރު 2024 - 07:39 0


ޒުވާން ތަރި އިލާން މާޒިޔާ އަށް

1 ސެޕްޓެންބަރު 2024 - 07:39 0

ޒުވާން ތަރި، 15 އަހަރުގެ މުހައްމަދު އިލާން އިމްރާން، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއާ އެކު ޕްރެކްޓިސް ކުރި އިލާން މާޒިޔާ އަށް ބަދަލުވެފައިވާކަން އެ ކްލަބުން ވަނީ އިއުލާނުކޮށްފަ އެވެ.

ކްލަބް ވެލެންސިއާ އަށް މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އިލާން އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ލީގުގައި ލަނޑު ޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާ އެވެ، އެ ގޮތުން، ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ލަނޑު ޖެހުމުގެ އިތުރުން އިލާން އެ މެޗުގައި ވަނީ ލަނޑު ޖަހަން ފުރުސަތު ވެސް ހޯދައިދީފަ އެވެ.

އިލާން މި ވަގުތު އަންނަނީ 17 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު، ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.


އިލާންގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ، 2022 ވަނަ އަހަރުގެ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގާއި 2023 ވަނަ އަހަރު ބޭއްވި 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގަ އެވެ.

އިލާން ވަނީ 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ކުޅުނު އަށް މެޗުން 35 ލަނޑު ޖަހައި، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހޯދައިފަ އެވެ. އަދި އިސްކަންދަރު ސްކޫލުން އެފްއޭއެމް 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިލާން ހަ މެޗުން 38 ގޯލު ޖެހި އެވެ. މި ދެ މުބާރާުތުގައި ޖުމްލަ އެކު، 14 މެޗުން 73 ގޯލު ޖަހައިފަ އެވެ.

ގައުމީ ސީނިއާ ޓީމުގައި ވެސް ހިމެނުނު އިލާން އަށް ޔޫއޭއީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގައި ޓްރަޔަލެއް ވެސް ލިބިފައިވެ އެވެ. އިލާން، ސީނިއާ ގައުމީ ސްކޮޑުގައި ހިމެނުނީ، 2022 ވަނަ އަހަރު މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައެވެ.

ސާބިއާގެ ކޯޗު ޑްރަަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން ޕްރީ ސީޒަން ފަށަން މަސައްކަތްކުރަމުން އަންނަ، މާޒިޔާ އިން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދޫކޮށް، ހުނަރުވެރި މިޑްފިލްޑަރު އަހުމަދު އައިހަމް (ފަތޯ)ގެ ސޮއި ވެސް ހޯދައިފަ އެވެ. މާޒިޔާގެ އެކެޑަމީގައި ހިމެނުނު ދެ ކުޅުންތެރިން ކަމަށްވާ، އަނޫފް އަބްދުﷲ އާއި މުހައްމަދު އައިމަން އަހުމަދު ވަނީ ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްފަ އެވެ.