Advertisement

މާޒިޔާ އިން ފަލަސްތީނުގެ ގައުމީ ޓީމު މިޑްފީލްޑަރެއް ސޮއިކޮށްފި

28 ސެޕްޓެންބަރު 2024 - 08:34 0


މާޒިޔާ އިން ފަލަސްތީނުގެ ގައުމީ ޓީމު މިޑްފީލްޑަރެއް ސޮއިކޮށްފި

28 ސެޕްޓެންބަރު 2024 - 08:34 0

ފަލަސްތީނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ޖޮނަތަން ކަންޓިއާނާ، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފި އެވެ.

މިއާ އެކު، މާޒިޔާ އިން މި ވަނީ އަންނަ މަހުގެ ފަހު ކޮޅުގައި ފަށާ، އޭއެފްސީ ޗެެލެންޖް ލީގަށް ބިދޭސީ ހަ ކުޅުންތެރިން ސޮއިކޮށްފަ އެވެ. މާޒިޔާ އިން އެންމެ ފުރަތަމަ ގެނައި ބިދޭސީ ކުޅުންތެރިންނަކީ އޮސްޓްރޭލިއާގެ, އާރޯން އީވަންސް، ހަމަ އެ ގައުމުގެ ނިކޮލަސް އޮލްސެން އަދި ކްރޮއޭޝިއާގެ މާރިއޯ ޒެބިޗް އެވެ. އޭގެ ފަހުން، ބްރެޒިލްގެ ފޯވާޑް ޖޯޝް ވިލްކްސަން އާއި ގޯލްކީޕަރު، ނެމާންޏާ ލެމަޖިޗް އެވެ.

ޗިލީ އަށް އުފަންވި ނަމަވެސް، ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ޖޮނަތަން އެންމެ ފުރަތަމަ ފަލަސްތީނަށް ކުޅުނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، ގަވާއިދުން ފަލަސްތީނު ޓީމުން ފުރުސަތު ހޯދަ އެވެ. ދެކުނު އެމެރިކާގެ ކްލަބްތަކަށް ކުޅެފައިވާ ޖޮނަތަންގެ އޭޝިއާގެ ތަޖުރިބާތަކަށް ބަލާއިރު، އޭނާ ވަނީ މެލޭޝިއާ، އިންޑޮނޭޝިއާ، މިސްރު އަދި ފަލަސްތީނުގެ ކްލަބްތަކަށް ކުޅެފަ އެވެ.

ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ޖޮނަތަން (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


އޭނާ ފަލަސްތީނު ޓީމަށް ކުޅެދިން 30 މެޗުން 10 ލަނޑު ޖަހައިފަ އެވެ.

ސާބިއާ އަށް އުފަން، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން އަންނަނީ މި މަހުގެ ކުރީކޮޅުން ފެށިގެން އޭއެފްސީ ޗެލެންޖް ލީގަށް ފަރިތަކުރަމުންނެެވެ.

އޮކްޓޫބަރު 26 ގައި ފަށަން ނިންމާފައިވާ އޭއެފްސީ ޗެެލެންްޖް ލީގުގައި މާޒިޔާ ހިމެނެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި އޮތީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ އެވެ.