Advertisement

މާޒިޔާ ސްކޮޑް ވަރުގަދަ ކުރަން އޮސްޓްރޭލިއާ އާއި ކްރޮއޭޝިއާ އިން ތިން ކުޅުންތެރިން ސޮއިކޮށްފި

15 ސެޕްޓެންބަރު 2024 - 07:17 0

އަތޫފް އާތިފް

އަތޫފް އާތިފް


މާޒިޔާ ސްކޮޑް ވަރުގަދަ ކުރަން އޮސްޓްރޭލިއާ އާއި ކްރޮއޭޝިއާ އިން ތިން ކުޅުންތެރިން ސޮއިކޮށްފި

15 ސެޕްޓެންބަރު 2024 - 07:17 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް އޮސްޓްރޭލިއާ ދެ ކުޅުންތެރިންނާއި ކްރޮއޭޝިއާ ކުޅުންތެރިއަކު ސޮއިކޮށްފި އެވެ.

މާޒިޔާ އިން ވަނީ މީގެ ކުރިން އެ ޓީމުގެ ކޯޗަކަށް ސާބިއާ އަށް އުފަން، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ޑްރަގަން ޑުކަނޯވިޗް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މިޑްފިލްޑަރު އަހުމަދު އައިހަމް (ފަތޯ)ގެ ސޮއި ވެސް ވަނީ ހޯދައިފަ އެވެ. އަދި މުސްތަގުބަލަށް ވިސްނައި، މުހައްމަދު އިލާން އިމްރާން ވެސް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

މާޒިޔާ އިން ގެނައި ބިދޭސީ ކުޅުންތެރިންނަކީ އޮސްޓްރޭލިއާގެ, އާރޯން އީވަންސް، ހަމަ އެ ގައުމުގެ ނިކޮލަސް އޮލްސެން އަދި ކްރޮއޭޝިއާގެ މާރިއޯ ޒެބިޗް އެވެ.

މީގެ ތެރެއިން އާރޯން ވަނީ ހޮންގް ކޮންގް، ތައިލެންޑް، އިންޑޮނޭޝިއާ، އިންޑިއާ އަދި ބަންގްލަދޭޝްގެ ކްލަބްތަކަށް ކުޅެފަ އެވެ. މީގެ ކުރިން އާރޯން ވަނީ އިންޑިއަން ސުޕަ ލީގުގައި ވެސް ކުޅެފަ އެވެ.

އަދަދު ސްޕޯޓްސް އާ ވާހަކަ ދައްކަމުން އާރޯން ބުނީ، މާޒިޔާ އަށް ކުޅެން ލިބުނު ފުރުސަތުގެ ބޭނުން ހިފައި އުންމީދަކީ، އޭނާގެ ތަޖުރިބާ އާއި ޓީމުގެ ކުޅުންތެރިންގެ މަސައްކަތުން އޭއެފްސީ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށެވެ.

އޮލްސެން ވަނީ އޮސްޓްރޭލިއާ، ކުއައިތު އަދި ވިއެޓްނާމްގެ ޓީމުތަކަށް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ވިއެޓްނާމްގެ ޓީމަކަށެވެ.

އޮލްސެން ބުނީ، މާޒިޔާ އަކީ ރާއްޖޭގެ އެއް ވަނަ ޓީމު ކަމަށާއި, މާޒިޔާއާ އެކު ކާމިޔާބު ހޯދަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު ލީގު ނެތުން އެއީ މާޒިޔާ އަށް އަދި ކުޅުންތެރިންނަށް ބޮޑު ގެއްލުމެއް ކަމަށާއި، އެކަމަކު އެ ކަންތަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށެވެ.

ޒެބިޗް ވަނީ މީގެ ކުރިން ކްރޮއޭޝިއާ, ޕޯލަންޑް, ޖާމަނީ, ރޯމޭނިއާގެ އިތުރުން ވިއެތްނާމްގެ ޓީމުތަކަށް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ވިއެޓްނާމްގަ އެވެ. އޭނާ ބުނީ, މިއީ ކެރިއަރުގައި އާ ތަޖުރިބާ އަކަށް ވާނެ ކަމަށާއި, މި ފުރުސަތުގެ ބޭނުން ހިފަން ތައްޔާރު ކަމަށެވެ. އަދި މާޒިޔާގެ މެނޭޖްމަންޓަށް ޒެބިޗް ވަނީ ޝުކުރު އަދާކޮށްފަ އެވެ.