Advertisement

ރަފީނިއާގެ ހެޓްރިކާ އެކު ބާސެލޯނާ އަށް ހަތް ގޯލުގެ މޮޅެއް

31 އޮގަސްޓު 2024 - 22:44 0


ރަފީނިއާގެ ހެޓްރިކާ އެކު ބާސެލޯނާ އަށް ހަތް ގޯލުގެ މޮޅެއް

31 އޮގަސްޓު 2024 - 22:44 0

ބާސެލޯނާ (އޮގަސްޓް 31) - ސްޕެނިޝް ލީގުގައި މިރޭ ރަފީނިއާގެ ހެޓްރިކާ އެކު، ބާސެލޯނާ އިން 7-0 އިން ރެއާލް ވަލޮޑޮލިޑް އަތުން މޮޅުވެއްޖެ އެވެ.

ޖަރުމަނުގެ ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން ވަރުގަދަކޮށް ސީޒަން ފަށާފައިވާއިރު، ކުޅުނު ހަތަރު މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. މިއީ، މި ފަހުން ބާސެލޯނާ އިން އެންމެ ރަނގަޅަށް ސީޒަން ފެށި ފަހަރެވެ. ބާސެލޯނާ އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން މިރޭ ވަލޮޑޮލިޑް ކޮޅަށް ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި އެވެ. އެ ގޮތުން މެޗުގެ 20 ވަނަ މިނިޓްގައި ޕައު ކުބަރްސީ ދިން ބޯޅައަކުން ބާސެލޯނާ އިން ލީޑުނެގީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ރަފީނިއާ ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، ލަމީން ޔަމާލް ދިން ބޯޅައަކުން، ރޮބަޓް ލެވަންޑޯސްކީ ވަނީ ލީޑުފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޖޫލްސް ކޫންޑޭ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖެހިއިރު، ރަފީނިއާ ވަނީ ދެ ގޯލު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ސީނިއާ ކެރިއަރުގައި ރަފީނިއާގެ ފުރަތަމަ ހެޓްރިކް އެވެ. ރަފީނިއާ އެއް ގޯލު ޖެހީ ލެވަންޑޯސްކީ ދިން ބޯޅައަކުންނެވެ. ހެޓްރިކް ފުރިހަމަ ކުރި ގޯލަށް ފުރުސަތު ހޯދައިދިނީ، ޔަމާލް އެވެ.

މެޗުގެ ފަހު 10 މިނިޓް ތެރޭ ބާސެލޯނާގެ ފަހު ދެ ގޯލު ޖެހީ، ފެރާން ޓޮރޭޒް އާއި ޑަނީ އޮލްމޯ އެވެ. އޮލްމޯ މި ވަނީ، ބާސެލޯނާ ޖޯޒީގައި ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ލީގުގައި ރެއާލް މެޑްރިޑް ކުޅޭ މެޗު އޮތީ މާދަމާރޭ އަމިއްލަ ދަނޑުގައި، ރެއާލް ބެޓިސްއާ ދެކޮޅަށެވެ.