Advertisement

ބްރެޒިލްގައި "އެކްސް" ބޭނުންކުރާ މީހުން 8،900 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރަނީ

31 އޮގަސްޓު 2024 - 12:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

"އެކްސް" އެޕް ސްޓޯރުގައި: ބްރެޒިލްގައި އެކްސް ބޭނުންކުރާ މީހުންނަށް ބޮޑު ޖޫރިމަނާއެއް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި -- ފޮޓޯ: އޭއެފްޕީ


ބްރެޒިލްގައި "އެކްސް" ބޭނުންކުރާ މީހުން 8،900 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރަނީ

31 އޮގަސްޓު 2024 - 12:30 0

ބްރެޒިލްގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" (ޓުވިޓާ) ބޭނުންކުރާ މީހުން 8،900 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ދީފި އިއްޔެ އެވެ.

ބްރެޒިލްގައި އެކްސް ބޭނުންކުރުން މަނާކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައެސް އަމުރުކުރެއްވީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) ބޭނުންކޮށްގެން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން ޖޫރިމަނާ ކުރުމަށެވެ.

"އިލޯން މަސްކް ވަނީ މުޅި ބްރެޒިލްއަށް އިހުތިރާމުކުޑަކޮށް ޖުޑީޝަރީގެ އަގުވައްޓާލާފައި. އޭނާ މަސައްކަތް ކުރަނީ އަމިއްލަ ނުފޫޒު ބޭނުންކޮށްގެން ހުރިހާ ގައުމެއްގެ ގާނޫނުތަކުން ދިފާއުވާން،" މޮރައެސް ވިދާޅުވި އެވެ.

މި އަމުރު މޮއަރެޒް ނެރުނީ އެކްސްގައި ބްރެޒިލްއާ ގުޅޭ ދޮގު މައުލޫމާތު ފަތުރަމުންދާތީ އެ ޕްލެޓްފޯމުގެ ގާނޫނީ ވަކީލެއް އެ ގައުމުގައި ހުރިނަމަ އެކަން އަންގައިދޭން ކޯޓުން އަންގާފައިވާ މުއްދަތު ފަހަނައަޅައި ދިޔުމުންނެވެ.

މޮއަރެޒްގެ އަމުރުގައި ބްރެޒިލްގައި ހުރި ސެޓަލައިޓުން އިންޓަނެޓްގެ ހިދުމަތް ދޭ މަސްކްގެ ސްޓާލިންކް ހުރިހާ އެކައުންޓެއް ވެސް ފްރީޒްކުރަން ވަނީ އަންގާފަ އެވެ.

މި އަމުރާއެކު ބްރެޒިލްގައި އެކްސް ބޭނުންކުރުން މަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން މިހާރު ގިނަ ތަންތަނުގައި އެ ޕްލެޓްފޯމް ބޭނުމެއް ނުކުރެވެ އެވެ.

ނަމަވެސް އެކްސްގެ ވެރިޔާ މަސްކް ބުނީ ބްރެޒިލްގައި އެކްސް ބޭނުން ކުރުން ނުހުއްޓުވޭނެ ކަމަށެވެ.