30 އޮގަސްޓު 2024 - 15:03 0
މުހައްމަދު ޝަހްޒާން
ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދެއްކި މީހާގެ ބޮލުން އޮހޮރުންު ލޭ: އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނީ އެ މީހާގެ ސީޓީ ސްކޭނެއް ހެދުމަށް ފަހު -- ފޮޓޯ: އަތޫފް އާތިފް / އަދަދު
30 އޮގަސްޓު 2024 - 15:03 0
އަންހެނެއްގެ ކަރުގައި ފިރިހެނަކު ވަޅި ޖައްސައިގެން ބިރުދެއްކި މައްސަލައިގައި ހިމެނޭ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާއަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.
އެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަނީ އަންހެނެއްގެ ކަރުގައި ވަޅިއެއް ޖައްސައިގެން ހުރެ އޭނާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދެމުން އެ ފިރިހެން މީހާ މާލޭގެ ގެއަކުން ނުކުންނަ މަންޒަރެވެ. އެއަށް ފަހު އެ އަންހެން މީހާ އާއެކު އެތަނުގައި ހުރި ސައިކަލަކަށް އަރައި ސައިކަލު ދުއްވުމަށް އަންހެން މީހާއަށް އޭނާ މަޖުބޫރު ކުރެ އެވެ.
އެ ސަރަހައްދު ދޫކޮށް ސައިކަލުގައި އޭނާއަށް ނުދެވެނީ އެ ސަރަހައްދަށް މީހުން އެއްވެ އެ މަގު ބަންދުވެފައި އޮތުމުންނެވެ. ފުލުހުންގެ އޮފިސަރެއް ގޮސް އެ ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހީ އެ މީހުންގަނޑު ކުރިމައްޗަށް ސައިކަލު މަޑުކުރުމުންނެވެ.
ފިރިހެން މީހާގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި ފިރިހެން މީހާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.
އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ ދެ މީހުން ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވާއިރު، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އަމަލު ކުރީ އެންމެ ޕްރޮފެޝަނަލްކޮށް ނޫން ކަމަށް ބުނެ ބައެއް މީހުން ވަނީ ފުލުހުންނަށް ފާޑުކިޔައިފަ އެވެ.
ރޭގެ ހާދިސާގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްނެންގެވުމުގެ މަތިން ފުލުހުންގެ އެތެރޭގެ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ.
Comment