Advertisement

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް: މި ވަނީ ކިހިނެއް؟

30 އޮގަސްޓު 2024 - 00:17 0


ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް: މި ވަނީ ކިހިނެއް؟

30 އޮގަސްޓު 2024 - 00:17 0

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 30) - ޔުއެފާ އިން 36 ޓީމާ އެކު، މި ފަހަރުގެ ޔުއެފާ ޗެމްޕިިއަންސް ލީގު ކުރިއަށްގެންދާއިރު، ތަފާތު ފޯމެޓަކަށް ކުޅޭ މި ފަހަރުގެ މުބާރާތަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިރޭ ވަނީ ކުރިއަށްގޮސްފަ އެވެ.

އެ ގޮތުން، ޔުއެފާ އިން ކުރިން 32 ޓީމެއް އަށް ގްރޫޕަށް ބަހައިގެން ކުޅޭ ގްރޫޕް ސްޓޭޖަށް ވަނީ ނިމުމެއް އަތުވެފަ އެވެ. މިހާރު ޔުއެފާ އިން ނިންމާފައިވަނީ، 36 ޓީމެއް ރޭންކް ކުރެވޭ ގޮތަށް ލީގު ސިސްޓަމެއް ކުރިއަށް ގެންދާށެވެ.

ޗެމްޕިއަންސް ލީގުގެ 36 ޓީމުން ކުރެ، ކޮންމެ ޓީމެއް އަށް މެޗު ކުޅޭއިރު، ހަތަރު މެޗެއް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އަނެއް ހަތަރު މެޗު ރަށުން ބޭރުގަ އެވެ. ކުރިން ތިން ޓީމަކާ، ދެ ފަހަރު (ހޯމް އެންޑް އަވޭ ސިސްޓަމަށް) ކުޅޭ ގޮތަށް އޮންނަ ގްރޫޕް ސްޓޭޖު ބަދަލުވާނީ، ތަފާތު އަށް ޓީމަކާ ކުޅެން ޖެހޭ ލީގު ސިސްޓަމަކަށެވެ.

މިއީ، ހަތަރު ޕޮޓަށް ބަހައިގެން، އެކި ރޭންކްތަކުގެ ޓީމުތަކަށް، އެކި ލެވަލްގެ އަށް ޓީމަކާ ގިނަ މެޗުތައް ކުޅެވޭ ގޮތަށް އޮތް ފޯމެޓެކެވެ. ޗެމްޕިއަންކަން ހޯދާނެ ޓީމެއް، މިހާރު އޮތް ފޯމެޓުން ގިނަ ޓީމުތަކާ ބައްދަލުކުރަން ޖެހޭނީ، ހޯމް އެޑްވާންޓޭޖާއި ހުރިހާ ކަމެއް ތަފާތު އުސޫލަކުން ދާނެ ގޮތަކަށެވެ.

ނޮކައުޓް ބުރަށް ދަނީ ކިހިނެއް؟

ލީގު ބުރުން ނިމޭއިރު، 36 ޓީމުގެ ރޭންކިންގެ ތެރެއިން ގަދަ އަށް ޓީމަށް ގަދަ 16 އިން ސީދާ ޖާގައެއް ލިބޭނެ އެވެ. އެ އަށް ފަހު، ނުވަ ވަނައިން ފެށިގެން 24 ވަނަ އާ ދެމެދުގައި ހިމެނޭ ޓީމުތައް ކުޅޭނީ، ނޮކައުޓް ޕްލޭއޮފް ބުރެކެވެ. އެއީ ހޯމް އެންޑް އަވޭ ސިސްޓަަމަށެވެ. އޭގެ ތެރެއިން މޮޅުވާ އަށް ޓީމަކަށް ގަދަ 16 ބުރުގެ އަނެއް އަށް ޖާގަ ލިބޭނެ އެވެ.

ޕްލޭއޮފް ރޭވުމުގައި، ނުވަ ވަނައިން ފެށިގެން 16 ވަނައާ ހަމައަށް އެއް ޕޮޓަށް ލާނެ އެވެ. އަދި 17 އިން 24 އަށް ރޭންކިންގައި އުޅޭ ޓީމުތައް އަނެއް ޕޮޓަށް ލުމަށް ފަހު ގުރުއަތުލުމެއް ކުރިއަށްދާނެ އެވެ.

ގަދަ 16 އިން ފެށިގެން، ދެން މުބާރާތް ކުރިއަށްދާނީ ކުރިން ވެސް ކުރިއަށްދާ ނޮކައުޓް ސިސްޓަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ޗެފެރިން ތަށި ހިފައިގެން،


ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ދެކޭގޮތުގައި ފޯމެޓް ގިނަ ސަޕޯޓަރުންނަށް ކަމުދާނެ

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން ވިދާޅުވީ، މި ފޯމެޓަކީ ވަރަށް ގިނަ ދިރާސާތައް ކުރުމަށް ފަހު، ރޭވުނު ފޯމެޓެއް ކަމަށެވެ. އަދި މިއީ ފުޓްބޯޅަ އަށް ސަޕޯޓްކުރާ ހުރިހާ ފަރާތަކުން މަރުހަބާ ކިޔާނެ ފޯމެޓެއް ކަމަށް ވެސް ޗެފެރިން ވަނީ ފާހަގަކުރައްވައިފަ އެވެ.

"އަހަރެން ވަރަށް އުފާކުރަން ޔުއެފާ އެކްޒެކްޓިވް ކޮމިޓީ، ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން އަދި ޔޫރަޕިއަން ލީގުތަކުން މި ފޯމެޓަށް މަރުހަބާ ކީމަ. މީގެއިން މި އެނގެނީ އެންމެން އެކުއެކީގައި މި ތިބީ، ފުޓްބޯޅަ އަށް ތަފާތު ބަދަލުުތައް ގެނެސްގެން، ގުޅިގެން މި ކަން ކުރަންކަން،" ޗެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝައުގުވެރި ގިނަ މެޗުތަކެއް ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ވެސް ފެންނާނެ ކަމަށެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފޯރިގަދަވާނެ މެޗުތައް

އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހުނުއިރު، މިދިޔަ އަހަރުގެ ފައިނަލުގައި ރެއާލުން ވާދަކުރި ބޮރޫޝިއާ ޑޯޓްމަންޑާ ވެސް އެ ޓީމުން ކުޅޭނެ އެވެ. ބަޔާ ލެވަކޫސަނުން ވެސް ލިވަޕޫލާ ކުޅެން ޖެހޭނެ އެވެ. އެއީ ލިވަޕޫލްގެ ދަނޑުގައި ކުޅެން ދިމާވެފައި އޮތް މެޗެކެވެ. ލިވަޕޫލުން ރަށުންބޭރުގައި ކުޅޭނެ އެންމެ ވަރުގަދަ އެއް މެޗަކީ، އޭސީ މިލާނާ ބައްދަލުކުރާ މެޗެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އާއި ދެ ވަނަ އާސެނަލުން ވެސް ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ބައްދަލުކުރަން ވަނީ ޖެހިފަ އެވެ. ސިޓީން ދެން ކުޅެން ޖެހޭ މެޗުތަކަށް ބަލާއިރު، ޔުވެންޓަސް އާއި އިންޓަ މިލާނާ ވެސް ވަނީ ކުޅެން ޖެހިފަ އެވެ.

ބަޔާން މިއުނިކަށް ވަނީ ޕީއެސްޖީ އާއި ބާސެލޯނާއާ ކުޅެން ޖެހިފަ އެވެ. ރެއާލުން ސުޕަ ކަޕްގައި ބައްދަލުކުރި އެޓަލަންޓާއާ ވެސް ލީގު ބުރުގައި ކުޅެން ޖެހޭނެ އެެވެ.

ލުއިސް އެންރީކޭ ކޯޗުކޮށްދޭ ޕީއެސްޖީ އަށް އުނދަގޫ މެޗުތައް ގިނަ އެވެ. އެ ގޮތުން، އާސެނަލާއި ސިޓީ، ބާސެލޯނާގެ އިތުރުން އެ ޓީމުން އެތުލެޓިކޯ މެޑްރިޑާ ވެސް ކުޅެން ޖެހެ އެވެ.

ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އެ ޓީމު ގޮވައިގެން، ކުރިން ކުޅުނު ދެ ކްލަބް، ލިވަޕޫލާއި ރެއާލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ އެވެ.