Advertisement

އިންޓައާ އެއްވަރުވެ ސިޓީގެ ރެކޯޑަށް ހުއްޓުމެއް

about 17 hours 0


އިންޓައާ އެއްވަރުވެ ސިޓީގެ ރެކޯޑަށް ހުއްޓުމެއް

about 17 hours 0

މެންޗެސްޓާ (ސެޕްޓެމްބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި 0-0 އިން އެއްވަރުވެ، މެންޗެސްޓާ ސިޓީ އަށް ފަސް އަހަރު ތެރޭ މުބާރާުތުގެ ގްރޫޕް ސްޓޭޖު މެޗެއްގައި އަމިއްލަ ދަނޑުގައި ޕޮއިންޓު ގެއްލިއްޖެ އެވެ.

ސިޓީން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ 2023 ވަނަ އަހަރުގެ ފައިނަލުގައި އިންޓަ އަތުން 1-0 އިން މޮޅުވެގެންނެވެ. އޭގެ ފަހުން، އިންޓައާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 22 ޝޮޓް ފޮނުވާލި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައިި، ސިޓީގެ އާލިން ހާލަންޑަށް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު، އެ ޓީމުން ބަދަލަކަށް ކުޅެން އެރި ފިލް ފޯޑެން ޖެހި ބޯޅައެއް އިންޓަގެ ކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ. އަދި ސިޓީގެ ފުލްބެކް، ޖޮސްކޯ ގްވާޑިއޯލް ވެސް ވަނީ ރަނގަޅު އެޓޭކެއް ކޮށްފަ އެވެ.

މީގެ އިތުރުން، ސިޓީގެ އިލްކާއި ގުންޑޮގާން އަށް އޭރިއާތެރެއިން ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ.

އިންޓަ އިން ވެސް ފުރުސަތުތަކެއް ހޯދި މި މެޗުގައި އެ ޓީމުގެ ހެންރިކް މިކިތާރްޔަން އަށް ލިބުނު ފުރުސަތުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 40 މެޗަށް ފަހު ސިޓީން މި ވަނީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި މެޗެއް ނިންމާލަން ޖެހިފަ އެވެ. އަދި މިއީ މިދިޔަ ދެ އަހަރާއި ބައި ތެރޭ، ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީން ވަނީ ފަހު ވަގުތު ގޯލު ޖަހައި 1-0 އިން ޖިރޯނާ ބަލިކޮށްފަ އެވެ. ޖިރޯނާގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ، އިތުރު ވަގުތުގައި އެ ޓީމުގެ ގޯލްކީޕަރު، ޕައޮލޯ ގަޒަނީގާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭޒް ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ގަޒަނީގާ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ.