Advertisement

ފުޓްބޯޅަ ކްލަބްތަަކަށް ލިބެން ޖެހޭ ފައިސާ މިލިއަނުން: ސީޒަން ފެށޭނެތަ؟

30 އޮގަސްޓު 2024 - 09:33 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


ފުޓްބޯޅަ ކްލަބްތަަކަށް ލިބެން ޖެހޭ ފައިސާ މިލިއަނުން: ސީޒަން ފެށޭނެތަ؟

30 އޮގަސްޓު 2024 - 09:33 0

ސަލާމަތްނުވެވޭ ވަރަށް ދަރަނި އިތުރުވެ، ހިންގުން ބޮންސުންލާފައި އޮތް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ފީފާ އިން ވަނީ ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ ބައްދަލުކޮށް، އަވަހަށް ފުޓްބޯޅަ ސީޒަން ފެށޭނެ ގޮތެއް އޮތްތޯ ސާފުކުރިއިރު، ހާމަވީ އިންތިހާ ދަރަޖަ އަށް ދަށަށް ގޮސްފައިވާ ކަންކަމެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމިކަން އިއުލާނުކުރި އެވެ. ގިނަ ފަރާތްތަކެއްގެ ސީވީ ހޯދައި، އިންޓަވިއުތަކެއް ވެސް ކުރިއަށް ގެންދިއުމަށް ފަހު، ފީފާ އިން ނޯމަލައިޒިން ކޮމިޓީއެއް އެކުލަވާލީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.

މި ފަހަރު ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަންކަން ހަވާލުކުރެއްވީ، ކުރީގެ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވި، އަހުމަދު ޒުހޫރުއާ އެވެ. ދެން، އޭގެ އިތުރުން ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

ނޯމަލައިޒިން ކޮމިޓީ ކޮމިޓީން، ރަސްމީކޮށް މަސައްކަތް ފަށައި، މީގެ އެއް ދުވަސް ކުރިން، ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ހަަމަޖެހިފައިވާ 10 ކްލަބްގެ އޮފިޝަލުން ބައިވެރިވި އެވެ

ބައްދަލުވުމުގައި، ނޯމަލައިޒިން ކޮމިޓީން ތަކުރާރުކޮށް ބުނަމުން އައި ކަމަކީ، އެ ކޮމިޓީ އަކީ ފީފާ އިން ކަނޑައެޅި މަންދޫބުން ކަމަށާއި ތަމްސީލްކުރަނީ ވެސް އެ ހައިސިއްޔަތުން ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން ފީފާ އާއި ސަރުކާރާ ގުޅިގެން ކަންކަން ކުރާނެ ކަމަށް ނޯމަލައިޒިން ކޮމިޓީން އެ ބައްދަލުވުމުގައި އިއުލާނުކުރި އެވެ.

އެ ގޮތުން، ސަރުކާރުގެ އެންމެ ބޮޑު އެދުމެއްގެ ގޮތުގައި ބުނެފައިވަނީ، އަވަހަށް ފުޓްބޯޅަ ސީޒަން ފެށޭނެ ހާލަތެއް ހޯދުމަށެެވެ. އެކަމަކު، ފުރަތަމަ ޑިވިޝަނުގައި މީގެ ކުރިން އޮތް އަށް ޓީމަށް ވެސް އެފްއޭއެމް އިން ދޭން ޖެހިފައިވާ ފައިސާގެ އަދަދު ދެ މިލިއަނަށް ވުރެ އިތުރެވެެ. އެހެންވެ، މިދިޔަ ސީޒަނުގައި އެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަ ފީފާގައި ވެސް އެބަހުއްޓެވެ. މެޖޯރިޓީ ކްލަބްތައް އޮތީ ކުޅުންތެރިން ޓްރާންސްފާ ނުކުރެވޭ ގޮތަށް ފީފާގެ ބޭންއެއްގަ އެވެ.

"ދެ މިިލިއަނަށް ވުރެ ބޮޑު އެފްއޭ އިން ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު. ކްލަބްތަކުގެ މާލީ ހާލަތު އިންތިހާ އަށް ދަށް، ސަރުކާރުން އެއްބާރުލުން ދޭނަމޭ ބުނެފައި އަވަހަށް ސީޒަން ފެށުމަކީ ހައްލެއް ނޫން، ކަންކަން ރަނގަޅުކޮށްފައި ފެށުން ހައްލަކީ،" އެ ބައްދަލުވުމުގައި ބައިވެރިވި، ކްލަބެއްގެ އޮފިޝަލަކު "އަދަދު" އަށް ބުންޏެވެ.

ކްލަބްތަކަށް އެންމެ ފުރަތަމަ ފައިސާ ދޭން ފެށީ، 2017 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެއީ، ސީޒަނަކަށް ތިން މިލިއަން ރުފިޔާގެ މަގުންނެވެ. އެ ފައިސާ ކްލަބްތަކަށް ދިނުން ހުއްޓާލީ، 2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހުގެ ސަރުކާރުންނެވެ. އެހެންވެ، 2019 ވަަނަ އަހަރުގެ ފަހުން، ކޮންމެ ސީޒަނަކު ކްލަބްތަކަށް ހަމަ އެ އަދަދަށް ފައިސާ ދޭން ނިންމީ އެފްއޭއެމް އިންނެވެ. އެކަމަކު، ޝަކުވާ އަކީ، އެ ފައިސާ ބަރާބަރަށް އެފްއޭއެމް އިން ކްލަބްތަކަށް ނުދޭ މައްސަލަ އެވެ.

"ނޯމަލައިޒިން ކޮމިޓީން އެ ބުނަނީ، އެ ފައިސާ ދޭން ޖެހޭނެ ކަމުގެ ލިޔެކިޔުމެއް ނެތޭ ފެންނާކަށް، އެހެންވީމަ، އެ ފައިސާ ނުލިބޭނެ ކަމަށް ވެސް ވިސްނަން ޖެހިދާނެ. ދެން، މީގެ އެއްވެސް ކްލަބަކަށް ވެސް ހިރިލެވެން މި އޮތީ، އެ ފައިސާ ލިބިގެން، ރަނގަޅު ގޮތެއް ނޫން މި ގޮތަށް ފައިސާ ދިނުމަކީ ވެސް، އެކަމަކު މިހާރު މި އޮތީ މި ކަލްޗާ އައިސްފައި، ދެން ޖެހޭނީ، މި ވަގުތަށް ހަމަނޭވައެއް ލެވޭތޯ ވެސް މި ކަން ކުރަން،" ގިނަ އަހަރުތަކެއް ވަންދެން ފުރަތަަމަ ޑިވިޝަނުގައި ކްލަބެއް ހިންގި ފަރާތަކުން ބުންޏެވެ.

ދެ ގަޑިއިރެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި، ކްލަބްތަކުން ވަނީ ނޯމަލައިޒިން ކޮމިޓީ އަށް ކުރިއަށް ދިއުމުގައި ކްލަބްތަކުގެ ހިޔާލު ވެސް ހުށަހަޅައިފަ އެވެ. އެ ގޮތުން، އަސާސީ ގަވާއިދުގެ ކަންކަން ކުރާްއިރު، އެފްއޭއެމް އަށް ސިޔާސީ ފަރާތްތައް ކުރިމަތިނުލެވޭ ގޮތަށް ހެދުން ފަދަ ކަންކަން ހިމެނުމަށް ތާއީދުކޮށް ބައެއް ކްލަބްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ނޯމަލައިޒިން ކޮމިޓީން ވަނީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު ވެސް ދިގު ބައްދަލުވުމެއް ބާއްވައިފަ އެވެ.