Advertisement

ސަރުކާރުގެ ނިންމުން ބަދަލުކޮށް ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދޭން ނިންމައިފި

29 އޮގަސްޓު 2024 - 14:04 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާއަތްކޮށް ކަމަށް ރައީސް އޮފީހުން ބުނި -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ނިންމުން ބަދަލުކޮށް ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދޭން ނިންމައިފި

29 އޮގަސްޓު 2024 - 14:04 3

ލޭނު އަޅައިގެން ކަންނެލި މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެ ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ޖޫން 13، 2024 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް އަމަލު ނުކުރާ ގޮތަށް ނިންމީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

ލޭނު މަސްވެރިކަން ހުއްދަ ކުރަން ނިންމި ނިންމުން ސަރުކާރުން ބަދަލު މި ކުރީ މަސްވެރިންނާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ބޭރުގެ ގައުމުތަކުން ވެސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލާފައި އޮއްވަ އެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް މިއަދު ނިންމެވި ނިންމެވުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކުގެ ހިޔާލު ކުރިއަށް އޮތްތަނުގައި ރައީސް ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ސަރުކާރުން މިއަދު ނިންމުން ނިންމިއިރު، މިއަދުގެ މެންދުރާ ހަމައަށް ވެސް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ގެންދެވީ ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވައިލުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުންނެވެ.

ޕީއެސްއެމްއަށް ޝިޔާމް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅާ ކޯޓާއާ އެއްވަރަށް މަސް ބާނައި ބޭރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް މުހިންމު [އައިއޯޓީސީން] ކަނޑައެޅޭ ކޯޓާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިިފިގެން ދިޔުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދައުލަތައް އަދި ގައުމަށް ވަންނަ އާމްދަނީ ވެސް އިތުރުވެގެންދާނީ އަޅުގަނޑުމެންނަށް ލިބޭ ކޯޓާއާ އެއްވަރަށް މަސްވެރިކަން ކުރެވިގެން އަދި އަޅުގަނޑުމެންނަށް ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެވޭނީ ވެސް އެ މިންގަނޑަށް މަސްވެރިކަން ފުޅާވެގެން،" ޝިޔާމް ވިދާޅުވި އެވެ.

އޯއައިޓީސީ އަކީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް ކޯޓާ ދޫކުރާ ފަރާތެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު އައިއޯޓީސީން ކަނޑައަޅަނީ ސައިންޓިފިކް ދިރާސާތަކަށް ފަހު އެވެ. އެއީ 2021 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަމަލު ކުރަން ފެށި ގަރާރެއްގެ ދަށުން ކަނޑައަޅާ ކޯޓާއެކެވެ.

ލޭނު މަސްވެރިކަމަށް ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަދައްކަވަމުން އިއްޔެ ޝިޔާމް ވިދާޅުވީ ރާއްޖޭގެ އާމްދަނީއަށް ލޭނު މަސްވެރިކަމުން 120 މިލިއަން ޑޮލަރު އިތުރު ކުރެވޭނެ ކަމަށެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމީ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި އެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރީއާ ހިއްސާކުރި ފަހުންނެވެ.