29 އޮގަސްޓު 2024 - 10:13 0
މުހައްމަދު ޝަހްޒާން
އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ދެ އަންހެނުން -- ފޮޓޯ: ފުލުހުން
29 އޮގަސްޓު 2024 - 10:13 0
އިޒްރޭލުން ފަލަސްތީނުގަގެ ގާޒާގައި ހިނަގަމުންދާ ނަސްލުހޭދައާ ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ ކައިރީގައި އަޑު އުފުލާ ދެ އަންހެނުން ހައްޔަރު ކުރުން އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.
އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ހައްގެއް ކަމަށެވެ. ވަކީން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"މަސްޖިދުލް އަގްސާ ހިސާރުކޮށް، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޒަޔަނިސްޓު ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑުއުފުލަމުން ގެންދެވި އަލްފާލިލާ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރު ކުރުމާ ވިދިގެން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރި ކުރަން." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުގައި މުސްލިމު ނޫން މީހުން ވެސް އަޑު އުފުލަމުންދާއިރު، ސައްތަ އިންސައްތަ މި ދިވެހިރާއްޖޭގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރު ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި އަދާލަތު ޕާޓީން ބުންޏެވެ.
އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެނުން އިއްޔެ ފުލުހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަދާލަތުން ބުނީ މި ސަރުކާރުން އަމަލު ކުރަމުން ދާގޮތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ދިވެހިން ޒަމާނުއްސުރެއް ގެންގުޅެމުން އައިސްފައިވާ ހަމަ އާ ދުރަށް ދާ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
"ދިވެހިރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިފައި ރައްޔިތުންގެ ވިންދާއި ޝުއޫރާ ދުރަށް ސަރުކާރުން ދަތުރު ކުރާ ކަމަށާއި އަދި ދިވެހި ސަރުކާރުން ފަލަސްތީނާ ގަޒިއްޔާގައި ޒަމާނުއްސުރެއް ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަގައި މި ޕާޓީން ދެކެމެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތަށް ގަބޫލު ކުރެވޭނެ ޖާގަ އޮތް ސަބަބުތަކުގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމިކަން އިއުލާނު ކުރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އެކަން ނުކުރުމާއި ހަމާސްގެ ލީޑަރު، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ރާއްޖެއިން ރަސްމީކޮށް އަމަލު ކުރި ގޮތުގެ އިތުރުން އިޒްރޭލާ ދެކޮޅަށް އަޑުއުފުލި ދެ އަންހެނުން ހައްޔަރު ކުރުމެވެ.
އަދާތުގެ ބަޔާނުގައި ވަނީ ހައްޔަރު ކޮށްފައި ތިބި ދެ އަންހެނުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
Comment