29 އޮގަސްޓު 2024 - 07:39 0
29 އޮގަސްޓު 2024 - 07:39 0
ޕެރިސް (އޮގަސްޓް 29) - މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް-ހިލާލުން ލިއޮނަލް މެސީ އަށް ހުށަހެޅީ ހަފުތާ އަކު، 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް އެއް ބިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ޑީލެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީ، 37، ޕީއެސްޖީ ދޫކޮށް، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ، އެމެރިކާ ލީގުގެ އިންޓަ މިއާމީ ޓީމަށް ސޮއިކުރުމުގެ ކުރިން އަލް ހިލާލްއާ މަޝްވަރާތަކެއް ބޭއްވި އެވެ.
އެ ގޮތުން، މެސީ ވަނީ ސައުދީ އަރަބިއްޔާ އަށް ވެސް ބައްދަލުވުމަކަށް ގޮސްފަ އެވެ. އަދި އަލް-ހިލާލްގެ އޮފިޝަން ޕެރިހަށް ވެސް ދިޔަ އެވެ.
ކުރީގެ ކްލަބް، ބާސެލޯނާ އަށް ވެސް އެނބުރި ދެވެން އޮއްވައި، މެސީ އިންޓަ މިއާމީ އަށް ބަދަލުވީ، ތިން އަހަރު ތެރޭ 534 މިލިއަން ޑޮލަރު ލިބޭ ޑީލެއްގެ ދަށުންނެވެ. އަދި އެ ޑީލްގެ ތެރެއިން މެސީ، އަށް އިންޓަ މިއާމީ އިން މައިނޯރިޓީ ހިއްސާދާރަކަށް ވުމުގެ ފުރުސަތު އޮތްއިރު، މެސީ އަށް އެމެރިކާގައި ވިޔަފާރި ކުރުމުގެ ލައިސަންސް ވެސް ހަމަޖެހިގެންދާނެ އެވެ.
ފޮކްސް ސްޕޯޓްސް އާއި އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި، މެސީ އަށް މާލީ ގޮތުން ބަލާއިރު، އެންމެ ރަނގަޅު ޑީލެއް ފަހު ވަގުތު ވެސް ހުށަހަޅާފައި އޮތީ، އަލް-ހިލާލުންނެވެ. އެ ގޮތުން، އަލް-ހިލާލުން ހުށަހެޅީ، ހަފްތާ އަކު، 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް، އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް އަގުބޮޑު ޑީލެކެވެ.
އެކަމަކު، މެސީގެ ވިސްނުމަކީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ފައިސާ ލިބޭ ޑީލަކަށް ވުރެ، ކެރިއަރަށް ފަހު ވެސް އޭނާގެ ބްރޭންޑް ވަރުގަދަ ކުރެވޭ ގޮތަށް އެމެރިކާ ލީގަށް ދިއުމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރަކީ، އެމެރިކާގައި ފުޓްބޯޅައިގެ ފޯރިގަދަވާނެ ގައުމަކަށްވާތީވެ، މެސީގެ ފަރާތުން ނިންމީ، އެމެެރިކާ އަށް ދިއުމަކީ އެންމެ ރަަނގަޅު ގޮތް ކަމަށެވެ.
ދެން އޮންނަ، 2026 ވަނަ އަހަރުގެ، ފީފާ ވޯލްޑް ކަޕްގައި 48 ގައުމު ފެނިގެންދާއިރު، އެ މުބާރާތް ހޯސްޓްކުރާނީ އެމެެރިކާ، ކެނަޑާ އަދި މެކްސިކޯ އިންނެވެ. އަންނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ވެސް އެމެރިކާގައި ހޯސްޓްކުރާނެ އެވެ.
މިދިޔަ ޖުލައި މަހު، ކޮޕަ އެމެރިކާގެ ފައިނަލުގައި ފައިގެ ކުޑަަހުޅަށް ލިބިފައި ހުރި އަނިޔާއެއްގެ ސަބަބުން، މެސީ ހުރީ ކުޅުމާ ދުރުގަ އެވެ. އެކަމަކު، އޮކްޓޫބަރު މަހު ސީޒަން ނިމުމުގެ ކުރިން މެސީ އެނބުރި ކުޅުމަށް އަންނާނެ ކަމަށް އިންޓަ މިއާމީގެ ކޯޗު ޓަޓާ މާޓީނޯ ވަނީ ބުނެފަ އެވެ.
Comment