Advertisement

ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވާ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ހިޔާނާތެއްވި ވެރިޔަކީ ޔާމީން

27 އޮގަސްޓު 2024 - 12:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު، އޭރުގެ ރައީސް ޔާމީން އަދި މިހާރުގެ ރައީސް މުއިއްޒު. ފަލާހަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެމްބަރެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވާ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ހިޔާނާތެއްވި ވެރިޔަކީ ޔާމީން

27 އޮގަސްޓު 2024 - 12:00 0

ރާއްޖެއަށް އެންމެ ބޮޑު ހިޔާނާތެއް ވީ ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރޭ ސިފަކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ޕީއެންސީގެ ހުރިހާ ލީޑަރުން ބައިވެރިވަޑައިގެން، އެ ޕާޓީގެ ހަރުގޭގައި ރޭ ބވޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ޔާމީނު ދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށާއި އެއީ އެމަނިކުފާނަކީ ހިޔާނާތްތެރިއެއް ކަމަށް ވާތީ ކަމަށެވެ. އެ ވާހަކަ އޭނާ ގުޅުއްވައިލެއްވީ ޔާމީނުގެ ވެރިކަމުގައި ހިނގި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ އެވެ.

"ރައީސް ޔާމީނަކީ ހަގީގަތުގައި، ހަގީގަތުގައި ވެސް ރައީސް ޔާމީނަކީ މި ގައުމުގަައި ވެރިކަންކުރި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނާތް މިގައުމަށް ވީ ވެރިމީހާ،" ފަލާހު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމަށް ދޫކުރި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓަށް ވާ ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެން ހިންގި ހިޔާނާތެކެވެ. އެ ހިޔާނާތުގެ ފަައިސާ ލިބުނު މީހުންގެ ލިސްޓްކަމަށް ބުނާ ލިސްޓެއް އާއްމުވި އިރު އެ ލިސްޓްގައި ފަލާހުގެ ނަން ވެސް އޮތެވެ.

އެކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ އެ ލިސްޓްގައި އޭނާ ހިމަނާފައި އޮތް އިރު އޭނާ އަކީ އުމުރުން 10 އަހަރުން ފެށިގެން މަސައްކަތް ކުރައްވައިގެން މުދާ ހޯއްދެވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ 80،000 ޑޮލަރު ގަތް ގޮސް އޮންނާނެ ފެންނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެ ފައިސާ ހޯއްދަވަން ރައީސް މުއިއްޒަށް ފަލާހު ގޮވައިލެއްވި އެވެ.

"އެމަނިކުފާނު [ރައީސް މުއިއްޒު] އެ ދަނީ އެ މަސައްކަތް ކުރައްވަމުން. މި މަސައްކަތް ފެށީމާ މި ބިރުގަންނަނީ ވަގުން،" ފަލާހު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަމަށް އިތުރު ކޮމިޝަންތަކެއް ރައީސް ނުހައްދަވާނެ ކަމަށާ އެކަން ކުރައްވާނީ ގާނޫނަށާއި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފަލާހު ސިފަކުރެއްވި ގޮތުގައި ޔާމީނާ ދެކޮޅަަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ތަހުގީގާއި ކުރި ދައުވާ އަކީ ހަގީގީ ދައުވާއެކެވެ. އެ ދައުވާ ކޯޓުގައި ސާބިތުވި ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާ ހަމައަށް ވެސް ޕީޕީއެމް/ޕީއެންސީން ބުނަމުން އައީ ޔާމީނަށް އޭރު އިއްވި ހުކުމަކީ "ހަރާން ހުކުމެއް" ކަމަށެވެ.