about 22 hours 0
އަހުމަދު އާއިދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : އޭނާ ވިދާޅުވީ ޕީއެންސީ އިން މަސައްކަތް ކުރަނީ ރައްޔިތުންގެ ކުރިމަތީ އީސީގެ އިތުބާރު ގެއްލުވާލަން ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 22 hours 0
ވަގު ފޯމުތަކެއް ފުރައި ގިނަ އަދަދެއްގެ ބަޔަކަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވައްދަނީ ރައްޔިތުންގެ ކުރިމަތީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިތުބާރު ގެއްލުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ހދ. ވައިކަރަދޫގެ ގިނަ ބަޔަކާއެކު އެމްޑީޕީއަށް ނިސްބަތްވާ އެ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވެއްދި މައްސަލަ މިއަދު ފެންމަތިވި އެވެ. މި މައްސަލަ ބަލައިދޭން ގޮވާލާ އެމްޑީޕީގެ ފަރާތުން އީސީއަށް މިއަދު މެންދުރުފަހު ވަނީ ގޮސްފަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޕީއެންސީ ގަސްތުގައި މަސައްކަތް ކުރަނީ ރައްޔިތުންގެ ކުރިމަތީ އީސީގެ އިތުބާރު ގެއްލުވާލަން ކަމަށެވެ. އެކަން ކުރަނީ ރައްޔިތުން މާޔޫސްކޮށް، އުންމީދު ގެއްލުވާލުމުގެ ބޭނުމުގައި ކަމަށެވެ.
"ތިމަންނާމެން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވޭނެކަން ރައްޔިތުންނަށް ދައްކާ ރައްޔިތުން އެ ބިރުވެރިކަމުގެ ތެރެއަށް ވަށްޓާލުމަށްޓަކައި ހިންގާ މަސައްކަތްތަކެއްގެ ނަތީޖާ [މިއީ]، އެހެންނޫންމަކާ އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ބަދަލުކުރަން އެހާ ލަދުހަޔާތްކުޑަކޮށެއް އެކަމެއް ނުކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭގެއިތުރުން، 100،000 މެންބަރުން ހަމަކުރުމަށް ކަމަށްބުނެ ޕީއެންސީން މަސައްކަތް ކުރާ އަނެއް ސަބަބަކީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޯދުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މިހާރު ފެނިގެން ދަނީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވަވައިގެން އުޅުއްވާ މަންޒަރު ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައި އޮތް މިނިވަންކަން ހިފެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަން އިހުތިޖާޖުކުރަން ޖެހިއްޖިއްޔާ އިހުތިޖާޖުވެސް ކުރާނެ، މުޒާހަރާ ކުރަން ޖެހިއްޖިއްޔާ މުޒާހަރާ ކުރާނެ، ކަރުނަ ގޭސް ބޯން ވެއްޖިއްޔާ އަޅުގަނޑުމެން ކަރުނަ ގޭސް ބޯނަން" މިކަމާ ދެކޮޅަށް ކުރާނެ ކަންކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވި އެވެ.
މެންބަރު ޒިޔާދު ޕީއެންސީއަށް ވެއްދުން ކުށްވެރިކޮށް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާގުޅުން ހުރި އިދާރާތަކުން މިއަދު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އެ މައްސަލަ އީސީއިން މިހާރު ދަނީ ބަލަމުންނެވެ.
އެމްޑީޕީން ބުނީ އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެމްޑީޕީން ވަނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާ އެކު އޮތްކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކޮށްފައި ކަމަށެވެ.
Comment