26 އޮގަސްޓު 2024 - 20:18 0
މުހައްމަދު ޝަހްޒާން
މާލޭގައި ހުންނަ ހޮޓަލެއް: ކުރިން މި ހުއްދަ ދޫކުރަނީ އެޗްޕީއޭއިން -- ފޮޓޯ: އަދަދު
26 އޮގަސްޓު 2024 - 20:18 0
ކާބޯތަކެތީގެ ހިދުމަތް ދޭ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓު ރެޖިސްޓަރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދަށަށް ބަދަލު ކޮށްފި އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރެޖިސްޓަރީ ކުރުމާއި އެފަދަ ތަންތަނަށް ހުއްދަ ދެމުން މީގެ ކުރިން ގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނެވެ.
ހެލްތު މިނިސްޓަރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުޑް އެސްޓެބްލިޝަމެންޓު ރެޖިސްޓްރޭޝަންގެ ހިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލު ކުރީ އޯގަސްޓު 23، 2024 ގައި އަމަލު ކުރަން ފެށި ކާބޯތަކެތި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
އެ ހިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލު ކުރުމާއެކު "ވަންގަވް" މެދުވެރިކޮށް ކާބޯތަކެތީގެ ވިޔަފާރި ރެޖިސްޓަރީ ކުރުމާއި ހުއްދަ ދޫކުރުމުގެ ހިދުމަތް މިއަދުން ފެށިގެން މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މެދުކެނޑޭނެ ކަމަށް ހެލްތު މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއަދު ގެނައި ބަދަލާ ގުޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރެޖިސްޓަރީ ކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ނޮވެމްބަރު 23، 2024 ގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ ހިދުމަތްދެ ތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ކޮޓާ، ކެފޭ އަދި ރެސްޓޯރެންޓުތަކަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅަން ޖެހޭނީ "ވަންގަވް" މެދުވެރިކޮށް ކަމަށެވެ.
ނަމަވެސް، ބޯފެނާއި ކާބޯތަކެތި އުފައްދާ ކާރުހާނާތަކާއި އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތައް ރެޖިސްޓަރީ ކުރުން ކުރިއަށް ގެންދާނީ އެމްއެފްޑީއޭގެ އޮންލައިން ޕޯޓަލް "ދިރިތި: މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑިގައި ނަމަ 3014361 އަށް އަދި، ނުރަސްމީ ގަޑީގައި ނަމަ 7603204 އަކަށް ގުޅުމަށް ހެލްތު މިނިސްޓަރީން އެދިފައިވެ އެވެ.
Comment