Advertisement

ސައީދު ވިދާޅުވަނީ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ޑިސެމްބަރުގައި ފެށޭނެ ކަމަށް

25 އޮގަސްޓު 2024 - 21:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ، މިއީ އޭނާ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާ ދެވަނަ ސަރުކާރު. ފައިލް ފޮޓޯ/އަދަދު


ސައީދު ވިދާޅުވަނީ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ޑިސެމްބަރުގައި ފެށޭނެ ކަމަށް

25 އޮގަސްޓު 2024 - 21:07 0

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ހިންގާނެ ކަމަށް މިދިޔަ މާޗްމަހު އިއުލާނުކޮށްފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ތިން ވަޒީރުން ތިއްބަވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި މަޝްރޫއުތަކެއް ފެންނާނެ ކަމަށާއި "އެގްރިކަލްޗާ އިކޮނޮމިކް ޒޯން" މަޝްރޫއަކީ އޭގެ ތެރެއިން އެއް މަަޝްރޫއު ކަމަށެވެ. އެއީ މިދިޔަ ނުވަ މަސްދުވަހު ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ މަސައްކަތް އަޅުގަނޑުމެންނަށް ޑިސެމްބަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ، މިއީ ރާއްޖެއަށް އިމްޕޯޓްކުރާ އެތައް ބައިވަރު ބާވަތެއްގެ ތަކެތި، ގާތްގަނޑަކަށް ދިހަ ބާވަތެއްގެ ތަކެތި، އަށްޑިހަ ޕަސެންޓް އަޅުގަނޑުމެންނަށް ރާއްޖެއިން ޕްރޮޑިއުސް ކުރެވޭނެ ބޮޑު ގާތްގަނޑަކަށް ދުއިސައްތަ އެތައް މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް،" ސަައީދު ވިދާޅުވި އެވެ.

އެ މަޝްރޫއު ފެށުމުން އެ މަަޝްރޫއުގެ ފައިސާ ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ދައުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިން މިދިޔަ މާޗްމަހު އެމްއޯޔޫއެއްގައި ސޮއިކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކުގަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އަކީ ދައުލަތުގެ ފަސް ކުންފުންޏއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އެކެވެ. އެ ވެންޗާގައި ހިމެނެނީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ޝިމާދު އިބްރާހީމެވެ.

އެސްޓީއޯއިން އޭރު މައުލޫމާތު ދިން ގޮތުގައި މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ޗައިނާގެ ކުންފުންޏާ އެކު މަސައްކަތް ކުރާނީ ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެއީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދެކެވެ.

އެ އެމްއޯޔޫގައި އެމްއައިޑީގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރް ޝިމާދު އިބްރާހިމެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރް މާއޯ ބާއޯއެވެ.

އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނެ އެވެ. ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީކުރުމާއި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމްކުރުން ވެސް އެ މަޝްރޫއުގައި ހިމެނޭނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ތަރުކާރީ އާއި މޭވާ އުފެއްދުމަށް ހާއްސަ ބަޔަކާއި, ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރާ ބައެއް ވެސް ދަނޑުވެރިކަމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ގާއިމްކޮށް ނިމޭ އޮރު އޮންނާނެ އެވެ