Advertisement

މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބަހައްޓާ މޮނިއުމެންޓު މާދަމާ ރޭ އިފުތިތާހު ކުރަނީ

24 އޮގަސްޓު 2024 - 15:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ފަރުމާކުރި މޮނިއުމެންޓުގެ ކުރެހުމެއް -- ފޮޓޯ: މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ


މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ބަހައްޓާ މޮނިއުމެންޓު މާދަމާ ރޭ އިފުތިތާހު ކުރަނީ

24 އޮގަސްޓު 2024 - 15:37 0

ރާއްޖޭގެ ތައުލީމީ ހަޔާތުގެ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ، މަޖީދިއްޔާ ސްކޫލުގެ އެންމެ އިހުގެ ހަނދާންތަކާއި އެ ސްކޫލަށް 100 އަހަރު ފުރުމުގެ ގުނާނަ ފެންނަ ގަޑިއަކާއެކު އެ ސްކޫލުގެ މުސްކުޅި ދަރިވަރުން ފަރުމާކުރި ހަނދާނީ ބިނާ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެެވެ.

މާދަމާ ރޭ 8:15 ގައި އޮންނަ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މަޖީދިއްޔާ ސްކޫލުގެ ހުރިހާ މުސްކުޅި ދަރިވަރުންނަށް އެ ސްކޫލާއި އެ މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ދައުވަތު ދީފައިވެ އެވެ.

މަޖީދިއްޔާ ސްކޫލުގެ މައި ގޭޓު ކުރިމަތީގައި ބާއްވާ އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް ރަތް ކުލައާއި ހުދު ކުލަ ތުރު ކުރެއްވުމަށް މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން އެދިފައިވެ އެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ ފެށުމެވެ. 60 ދަރިވަރުންނާއެކު މަދްރަސަތުލް ސަނިއްޔާގެ ނަމުގައި އެ ސްކޫލް ފުރަތަމަ ހުޅުވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ގެ އިސްނެންގެވުމާއެކު 1927 ވަނަ އަހަރުގެ އޭޕްރިލް 19 ގަ އެވެ. މަދްރަސަތުލް ސަނިއްޔާގެ ނަމުން މަދްރަސަތުލް މަޖީދިއްޔާގެ ނަމަށް ބަދަލު ކުރީ 1947 ވަނަ އަހަރު އެވެ.

މާދަމާ ރޭ އިފުތިތާހު ކުރާ ހަނދާނީ ބިނާގައި އެ ސްކޫލުގެ އެންމެ އިހުގެ އިމާރާތް ހުރި ގޮތުގެ ރަމްޒުތަކާއި މަޖީދިއްޔާގެ ކުރި އާއި މިހާރުގެ ބެޖުގެ އިތުރުން އެ ސްކޫލުގެ ކުރީގެ ދަރިވަރުން ކިޔައި އުޅުނު އިނގިރޭސި ލަވަ އާއި މިހާރު ކިޔާ ލަވަ ވެސް ލިޔެފައިވެ އެވެ.

އެ ބިނާ ތައްޔާރު ކުރީ މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ މާލީ އެހީގަ އެވެ.

މަޖީދިއްޔާ ސްކޫލް ތެރޭގައި ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ބައެއް ބިނާތައް ހުރެ އެވެ. އެގޮތުން 1952 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ އިސްނެންގެވުމާއެކު އިމާރާތް ކުރި ދާރުލް އުލޫމް ފާހަގަކޮށްލެވެ އެވެ.

މަޖީދިއްޔާ ސްކޫލް ހޯލުގެ ގޮތުގައި މިހާރު ބޭނުން ކުރާ ދާރުލް އުލޫމް، އިނގިރޭސިން ނަމަ "ހައުސް އޮފް ނޮލެޖް" އަކީ އިސްލާމީ މަރުކަޒާއި ދަރުބާރުގެ އިމާރާތް ކުރުމުގެ ކުރިން ދައުލަތުގެ މުހިންމު ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ތަނެވެ.

ދިވެހިރާއްޖޭގައި އެތައް ހާސް އަހަރެއް ވަންދެން އޮތް ވިރާސީ ރަސްކަން 1953 ވަނަ ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީން ދީދީ ރައީސް ކަމުގެ ހުވާ ކުރެއްވީ ވެސް ދާރުލް އުލޫމުގަ އެވެ.

މާދަމާ ރޭގެ ރަސްމިއްޔާތު ޕީއެސްއެމުން ވަގުތުން ދުރަށް ދައްކާނެ އެވެ.

2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު ހުޅުވުމާ ހަމައަށް މަޖީދިއްޔާ ސްކޫލަކީ ފިރިހެން ކުދިންނަށް ހާއްސަކޮށް މާލޭގައި ސާނަވީ ތައުލީމު ދިން ހަމައެކަނި ސަރުކާރު ސްކޫލެވެ. މި އަހަރު އެ ސްކޫލަށް 97 އަހަރު ފުރިގެންދިޔައިރު އެ ސްކޫލުގައި މިހާރު ދެ ޖިންސުގެ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ.