Advertisement

މޯލްޑިވިއަނުން ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކޮށްފި

23 އޮގަސްޓު 2024 - 13:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވިއަންގެ ބޯޓެއް: އެ އެއާލައިނުން ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކުރަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު


މޯލްޑިވިއަނުން ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކޮށްފި

23 އޮގަސްޓު 2024 - 13:24 0

ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖޭގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ، ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.

މީގެ ކުރިން މޯލްޑިވިއަނުން ޝެޑިއުލްކޮށްގެން މާލެ އާއި ފުވައްމުލަކާ ދެމެދު ދުވާލަކު ދެ ފުލައިޓު ދަތުރު ކުރެ އެވެ. ނަމަވެސް "އަދަދު" އާ ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިވަގުތަށް ފުވައްމުލަކަށް ޝެޑިއުލްކޮށްގެން ކުރާ އެއް ދަތުރު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެއީ ދާއިމީ ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކުރިކަން އަންގާ މޯލްޑިވިއަނުން ފޮނުވި މެއިލެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ ލިޔުމެއްކަން ވަނީ ކަށަވަރުވެފަ އެވެ. އެ މެއިލްގައި ގައުމީ އެއާލައިނުން ބުނެފައި ވަނީ ދަތުރުތައް މަދުކުރަން ނިންމީ ތަފާސްހިސާބުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ.

މިވަގުތު އެއާލައިނުގެ ގިނަ ބޯޓުތައް މެއިންޓަނަންސްއަށް ހޭންގަރަށް ވައްދާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވި މޯލްޑިވިއަންގެ އޮފިޝަލު ވިދާޅުވީ ފުވައްމުލަކަށް ކުރާ ދަތުރުތައް މަދުކުރަން ނިންމި އަނެއް ސަބަބަކީ، ފުވައްމުލަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުން ކަމަށެވެ. އަދި ޑިމާންޑާ އެއްވަރަށް ދަތުރުތައް އަނެއްކާވެސް އިތުރު ކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ފުވައްމުލަކަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ރަށެކެވެ. އެ ރަށުގައި އެތައް ގެސްޓު ހައުސްއެއް ހިންގަމުންދާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ތަންތަނަށް ދަތުރުކުރާ ފަތުރުވެރިން އުފުލަނީ މޯލްޑިވިއަނުންނެވެ.