Advertisement

ބަންކަރިންގެ ހިދުމަތާ ގުޅޭ އެއްބަސްވުމެއްގައި އެމްޕީއެލް އާއި އެސްޓީއޯއިން ސޮއިކޮށްފި

23 އޮގަސްޓު 2024 - 06:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޕީއެލްއާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: އެމްޕީއެލް


ބަންކަރިންގެ ހިދުމަތާ ގުޅޭ އެއްބަސްވުމެއްގައި އެމްޕީއެލް އާއި އެސްޓީއޯއިން ސޮއިކޮށްފި

23 އޮގަސްޓު 2024 - 06:51 0

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އެމްޕީއެލް އާއި އެސްޓީއޯއާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ.

މި އެއްބަސްވުމުގައި ދެ ކުންފުނިން ސޮއިކުރިއިރު، ބަންކަރިންގެ ހިދުމަތް ފެށުމަށް އެ ދެކުންފުނިން ވެސް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އަދި އިއްޔެ އަކީ ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ތާރީހެ އެވެ. އެ ހިދުމަތް ފެށުމަށް ކަނޑައެޅި އެތައް ތާރީހެއް ވަނީ ފަސްވެފަ އެވެ.

އިއްޔެ ސޮއިކުރި އެމްއޯޔޫގެ ދަށުން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވީހާވެސް ފަސޭހަ ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި ހިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

"އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތާއެކު، މެރިޓައިމްގެ އިތުރު ހިދުމަތްތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައި. އެސްޓީއޯ އިން އޮފްޝޯ ބަންކަރިން ހިދުމަތް ފޯރުކޮށްދޭނެ. އެމްޕީއެލްއިން ފޯރުކޮށްދެނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތް،" އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިންއާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ. އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް ހައެއް ނުވަތަ އަށް އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލް ކުރޭ ފެނު ހިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.