Advertisement

އިސްތިއުފާ ދެއްވާނެކަމުގެ އިޝާރާތަކާއެކު ޝަމީމް ދެއްވީ ނުފޫޒުގައި ނުޖެހޭ ކަމުގެ ޔަގީންކަން

22 އޮގަސްޓު 2024 - 15:20 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އިސްތިއުފާ ދެއްވާނެކަމުގެ އިޝާރާތަކާއެކު ޝަމީމް ދެއްވީ ނުފޫޒުގައި ނުޖެހޭ ކަމުގެ ޔަގީންކަން

22 އޮގަސްޓު 2024 - 15:20 0

ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާތީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައި، ޕީޖީގެ މަގާމުގައި ހޭދަ ކުރި ދުވަސްވަރު އެއްވެސް ނުފޫޒެއްގައި ޖެހިފައިނުވާނެކަމުގެ ޔަގީންކަން ހުސެއިން ޝަމީމް ދެއްވައިފި އެވެ.

ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވުމަށް ފަހު ޕީީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ވެސް ޝަމީމް ވިދާޅުވީ "އަޅުގަނޑު ދިޔުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށްލާފައި ޕާސަނަލީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމަށެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވީ ވެސް މި ސަރުކާރާއި ކުރީގެ ސަރުކާރުން ޝަމީމަށް ނުފޫޒުތަކެއް ފޯރުވަން މަސައްކަތް ކުރި ކަމަށް ދެކެވޭ ވާހަކަތަކާއި ޝަމީމް ދެން މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާނެތޯ އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި "މަގާމު ބޭނުންވެގެން" އުޅޭ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމަށް އިޝާރާތް ކުރައްވައި، މަގާމުން ދުރުކޮށްފާނެ ހާލަތެއް އައިސްދާނެ ކަން އަބަދުވެސް ދަނެގެން މަސައްކަތް ކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިއީ އިތުބާރު ނެތިގެން ހިނގާ ކަމެއް ނޫން. މިއީ މުޅިން އެހެން ގޮތަަކަށް ހިނގާ ކަމެކޭ. އެއީ ރާއްޖޭގެ ކަންކަން އަދި ހިނގާ ގޮތޭ. އެކަމުގައި ޝަކުވާއެއް ވެސް ނެތޭ،" ޝަމީމް ވިދާޅުވި އެވެ. "އަޅުގަނޑު މި އޮފީހުގައި ޑެޕިއުޓީއަކަށް އުޅުނު ދުވަސްވަރު ވެސް ޕީޖީއެއް އިސްތިއުފާ ވެސް ދިން، އެ ކަން އަޅުގަނޑު ގަބޫލު ކުރަމޭ."

އޭނާއަށް ނުފޫޒު ފޯރުވަމުން އަބަދުވެސް އެކި ދިމަދިމާލުން މަސައްކަތްކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ޝަމީމަށް ނުފޫޒު ނުފޯރުވޭނެ ކަން ނުފޫޒު ފޯރުވަން މަސައްކަތް ކުރަން އުޅެފައިވާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަމީމް ވިދާޅުވީ އޭނާގެ ގާނޫނީ ފަންނުގެ ދިގު ކެރިއަރުގައި ނަން ހަޑިވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. ނުފޫޒުގައި ޖެހެން ބޭނުން ނުވާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ބޭނުމެއް ނޫން، މި ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ދުވަހު މަސައްކަތް ކުރުމަށް ފަހު އަޅުގަނޑު ވެސް ބޭނުމެއް ނުވާނެ ނޫންތޯ، މައްސަލައެއްގައި ނުފޫޒެއްގައި ޖެހިގެން އަޅުގަނޑުގެ ކަން ކިލަނބުވާނެ ގޮތަކަށް ކަމެއް ކުރަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ ދައުރުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ސަރުކާރެއް އޮތް އިރު އެ ޕާޓީއަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުންނަށް ވެސް ދައުވާކުރި ކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

"އެމްޑީޕީގެ ވަޒީރުންނަށް، އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ވެސް ދައުވާކޮށްފައިވާނެ، އަޅުގަނޑަށް ނުފޫޒު ފޯރާނަމަ އެ ކަން އެ ގޮތަކަށް ނުވެސް ހިނގާނެ ނޫންތޯ،" ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް އެ ދައުވާތައް ފަހުން ވަނީ އަނބުރާ ގެނެސްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާ އާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އާއި ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ ހިމެނެ އެވެ.

ޝަމީމް ވިދާޅުވީ މަގާމު ދޫކޮށް ވަޑައިގަންނަވާއިރު ރަނގަޅު ފެންވަރުގެ ހިދުމަތެއް ރައްޔިތުންނާއި ނޫސްވެރިންނަށް ވެސް ލިބޭ ފަދަ މުއައްސަސާއަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބަދަލު ކުރެވިފައިވާ ކަމަށެވެ.

"ދުނިޔޭގެ ފެންވަރުގެ މުއައްސަސާއެއް ގޮތުގައި ރައްޔިތުންނާއި ނޫސްވެރިންނަށް ހިދުމަތާއި މައުލޫމާތު ހަލުވި ދުވެއްޔެއްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައި، ދެން މި ކަންކަން ގެންދާނީ އެހެން މީހަކު، އެކަމަކު މީގެ މައިގަނޑު ފައުންޑޭޝަން އެ ވަނީ އަޅާފައި،" އޭނާ ވިދާޅުވި އެވެ.