Advertisement

މިނިސްޓަރު ޝަފީއުގެ ކަންބޮޑުވުން: ސާނަވީ އިމްތިހާނުތަކުން 50 އިންސައްތަ ކުދިން ފާސްނުވޭ

22 އޮގަސްޓު 2024 - 13:19 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު. މިނިސްޓަރު ވިދާޅުވީ ސާނަވީ އިމްތިހާނުތަކުން ކުދިން ފާސްވާ އިންސައްތަ ވަނީ ދަށަށް ގޮއްސާ ---ފޮޓޯ:ރައީސް އޮފީސް


މިނިސްޓަރު ޝަފީއުގެ ކަންބޮޑުވުން: ސާނަވީ އިމްތިހާނުތަކުން 50 އިންސައްތަ ކުދިން ފާސްނުވޭ

22 އޮގަސްޓު 2024 - 13:19 0

މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ 50 އިންސައްތަ ކުދިން ވެސް ސާނަވީ އިމްތިހާނުތަކުން ފާސްނުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި "ތައުލީމީ އިންގިލާބީ ބަދަލު" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ 10 އަަހަރު ފާއިތުވެގެން ދިޔައިރު ވެސް ސާނަވީ އިމްތިހާނުތަކުން ކުދިން ފާސްވާ އިންސައްތަ 50 އަށްވުރެ މައްޗަށް ނާރާ ކަމަށެވެ. މިކަން ހައްލުކުރަން ތައުލީމީ ދާއިރާ އެއްކޮށް ކުރިއަރުވަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"2014 އަހަރު ސާނަވީ އިމްތިހާނުތަކުން ފާސްވި ކުދިންގެ އަދަދު 50 އިންސައްތައަށް ނާރާ. ހަމަ އޭގެ 10 އަހަރު ފަހުން 2023-2024 އަހަރުގެ ސާނަވީ އިމްތިހާނުތަކުން ފާސްވި ކުދިންގެ އަދަދު ވެސް ހުރި 50 އިންސައްތައަށް ވުރެ ދަށުގަ. މިކަމަށް ހައްލެއް ގެނައުމަށް މުޅި ތައުލީމީ ދާއިރާ ކުރިއަރުވަން ޖެހޭ. އެ މަސައްކަތް މި ފެށީ." ޝަފީއު ވިދާޅުވި އެވެ.

ޝަފީއު އިތުރަށް ވިދާޅުވި ގޮތުގައި މަތީ ސާނަވީ ނިންމުމަށްފަހު ކޮލެޖު ނުވަތަ ޔުނިވާސިޓީއަށް ވަންނަ ކުދިންގެ އަދަދު ވެސް އަހަރަކަށް ފަހު އަހަރެއް ދަށްވަމުން ދާ ކަމަށެވެ. އަދި ނޭޝަނަލް އެސެސްމެންޓު އޮފް ލާނިންއަށް ބަލާއިރު ގުރޭޑު ތިނަކުން ފެށިގެން އިނގިރޭސި މާއްދާ ނޫން އެހެން ހުރިހާ މާއްދާއެއް ޑައުންވާޑުގައި ޓްރެންޑެއްގައި ހުރި ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން މިކަން ވުމުގެ ސަބަބުން ސާނަވީ މަރުހަލާއަށް އަސަރުކުރާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި މަތީ ތައުލީމީ މަރުހަލާތަކަށް ކުދިން ތައްޔާރުކުރަން ދުރާލާ މިކަންކަމަށް ފިޔަވަޅުތަކެއް ކޮންމެހެން ވެސް އަޅަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ތައުލީމީ ދާއިރާ ކުރިއެެރުވުމަށްޓަކައި ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕާއި ވޯލްޑް ބޭންކު މެދުވެރިކޮށް ވަނީ 9.5 އެމެރިކަން ޑޮލަރު ހޯދާފަ އެވެ. މި ލިބުނު ގްރޭންޓުތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލެެއް ގެނެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.