Advertisement

ލައިވް ކުރަން އެދިފައި އޮއްވައި ޕީޖީ ޝަމީމް ޖަވާބުދާރީވާން ހާޒިރު ކުރާ ކޮމިޓީ ސިއްރުކޮށްފި

22 އޮގަސްޓު 2024 - 10:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީޖީ ހުސައިން ޝަމީމް: ކޮމިޓީ ސިއްރުކުރަން ނިންމައިފި - ފޮޓޯ: އަދަދު ފައިލް


ލައިވް ކުރަން އެދިފައި އޮއްވައި ޕީޖީ ޝަމީމް ޖަވާބުދާރީވާން ހާޒިރު ކުރާ ކޮމިޓީ ސިއްރުކޮށްފި

22 އޮގަސްޓު 2024 - 10:57 0

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް މިއަދު އޭނާ ހާޒިރުކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ކޮމިޓީން ނިންމައިފި އެވެ.

ޝަމީމް ހާޒިރުކުރުމުގެ ކޮމިޓީ ބައްދަލުވުން ފަށަން އޮތީ މިއަދު 11:00 ޖަހާއިރެވެ. މިއަދުގެ ކޮމިޓީ ސިއްރު ކުރަން ނިންމީ އެ ކޮމިޓީ ލައިވްކޮށްދޭން ޝަމީމް އެދިވަޑައިގެންފައި އޮއްވަ އެވެ.

ޝަމީމް ހާޒިރުވާންޖެހޭ ގަޑީގެ ބައި ގަޑިއިރު ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޝަމީމް ޖަވާބުދާރީވާ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމެވެ. ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ގޮތަށް ސިއްރުކުރަން ފާސްކުރި އެވެ.

ޝަމީމް ވަކިކުރުމަށް، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލާގައި ޝަމީމަށް ތުހުމަތުކޮށްފައިވާ އެކި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދުމަށް ވެސް ކޮމިޓީން އިއްޔެ ނިންމި އެވެ.

ނަމަވެސް އެ ލިޔެކިޔުންތައް ނުލިބޭ ކަމަށް މިއަދުގެ ކޮމިޓީގައި ކޮމިޓީގެ މުގައްރިރު އަދި ހުސްނީ މުބާރަކް ވިދާޅުވި އެވެ. ލިޔެކިޔުންތައް ހޯދުމަށް އެދިފައިވަނީ:

  • ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
  • ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލާގައި ބޭރު ދަތުރުތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަން އޮފީހުގައި އޮންނަ އުސޫލާއި ފޮނުވާފައިވާ މުވައްޒަފުންގެ ތަފްސީލު

ޝަމީމް ވަކިކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަކީ:

  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުތަކެއް އަމާޒުވުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުން

ޕީޖީ ކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހަޅާފައި މިވަނީ އޭނާ ވަކިކުރަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ އެތައް މެންބަރުންނެއް ވާހަކަ ދެއްކި ފަހުންނެވެ. އޭނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ވެސް ޝާހިދު ފާހަގަކޮށްފައި ހުރީ މެންބަރުން ތުހުމަތު ކުރެއްވި މައްސަލަތަކެވެ.