22 އޮގަސްޓު 2024 - 10:38 0
ހީޓު ހަތަރެއްގެ ދެ ވަނަ ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް ފަހު ހޫދު.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު
22 އޮގަސްޓު 2024 - 10:38 0
ކ. ތުުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލުން، ރާއްޖޭގެ ގައުމީ ޓީމުގެ ހޫދު އަހުމަދު ޖާގަ ހޯދައިފި އެވެ.
ހަތަރު ވަނަ ބުރުގެ ހީޓުތައް މިއަދު ހެނދުނު ކުރިއަށްދިޔައިރު، ޖުމްލަ ހަ ހީޓުން ކޮންމެ ހީޓެއްގެ ގަދަ ދެ ސާފަރުން ކުއާޓާ އަށް ދަތުރުކުރާނެ އެވެ. ކޮންމެ، އެތުލީޓެއްގެ ވެސް ޕޮއިންޓް ގުނާނީ އެންމެ ރަނގަޅު ދެ ރާޅުގެ ޕޮއިިންޓުގެ ޖުމްލަ އެވެ.
ހޫދު، ކުއާޓާ އަށް ދަތުރުކުރީ ވާދަކުރީ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އެ ގޮތުން، ހަތަރު ވަނަ ބުރުގެ ހީޓު ތިނެއްގައި ހޫދު ވާދަކުރިއިރު، އޭނާ ދިޔައީ އިންޑޮނޭޝިއާގެ އައި މޭޑް ޕަޖަރް އަރިޔާނާގެ ފަހަތުން ދެ ވަނަ އެވެ. އަރިޔާނާ ވަނީ ހަ ރާޅު އަޅައި، އެންމެ ރަނގަޅަށް ސްކޯކުރި ދެ ރާޅުގެ ޖުމްލަ އިން، 11.84 ޕޮއިންޓް ހޯދައިފަ އެވެ. ހޫދު ދެ ވަނަ ހޯދީ، ހަތް ރާޅު އަޅައިގެން، އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އިން، 8.40 ޕޮއިންޓް ހޯދައިގެންނެވެ.
މި ހީޓުގެ ތިން ަވނަ އަށް ދިޔަ، ކޮރެއާގެ ކަނޯއަ ހީޖޭ ޕަލްމިއާނޯ ވަނީ 8.17 ޕޮއިންޓް ހޯދައިފަ އެެވެ. އަދި ރާއްޖޭގެ ބީ ޓީމު، ޓީމު ތުލުސްދޫގެ އިސްމާއިލް ރަޝީދު (ސްމައިލީ)، މި ހީޓުގެ ހަތަރަކަށް ދިޔައީ، 5.94 ޕޮއިންޓާ އެކު އެވެ. ސްމައިލީ ހަތަރު ރާޅު އެޅިިއިރު، އެންމެ ރަނގަޅަށް ސްކޯކުރީ ފަހު ދެ ރާޅުންނެވެ.
ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން، އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރީ ހަތަރު ވަނަ ބުރުގެ ހީޓު ދޭއްގަ އެވެ. މި ހީޓުން އަންމަޑޭ، ދިޔައީ ތިން ވަނަ އެވެ. ހީޓުގެ އެއް ވަނަ ހޯދި ފިލިޕީންސްގެ ރެމާ މަގަލޫނާ ވަނީ ހަތަރު ރާޅު އަޅައި، އެންމެ ރަނގަޅު ދެ ރާޅުން، 13.00 ޕޮއިންޓް ސްކޯކޮށްފަ އެވެ. ހީޓުގެ ދެ ވަނަ ހޯދި، އިންޑިއާގެ ހަރީޝް މުތޫ ވަނީ 7.87 ޕޮއިންޓް ހޯދައިފަ އެވެ. އަންމަޑޭ އަށް ތިން ރާޅު އެޅުނުއިރު، އެންމެ ރަނގަޅު ދެ ރާޅުން ސްކޯކުރެވުނީ، 7.60 ޕޮއިންޓެވެ. މި ހީޓުގެ ފުލަށް ދިޔަ، ބަންގްލަދޭޝްގެ އެމްޑީ ހަސަން އަށް ސްކޯކުރެވުނީ، 6.13 ޕޮއިންޓެވެ.
ހަތަރު ވަނަ ބުރުގެ ހީޓު ހައެއްގައި، ރާއްޖޭ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވާދަކޮށް ދިޔައީ ހަތަރު ވަނަ އެވެ. އެ ހީޓުގެ އެއް ވަަނަ ހޯދި، ފިލިޕީންސްގެ ނީލް ސަންޗޭޒް އަށް 12.16 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި، ޖަޕާނުގެ ޓަކީ ކަނަޒާވާ އަށް ވަނީ 10.76 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި، ޗައިނާގެ ޗެންގްޒެންގް ވަން އަށް ވަނީ 9.53 ޕޮއިންޓް ލިބިފަ އެވެ. ކުޑަ އިއްސެ އަށް ލިބުނީ، 8.57 ޕޮއިންޓެވެ.
Comment