21 އޮގަސްޓު 2024 - 19:57 0
ސާއިފް ޝިޔާދު
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު. މިދިޔަ މަހުުގެ ތެރޭގައި ޖުލްމަ ޑޮލަރު ރިޒާވުން 113 މިލިއަން ޑޮލަރު މަދުވުމާ ގުޅިގެން، ވޭތުވި ދިހަ އަހަރުގެ ތެރޭގައި ނުދާހާ ދަށަށް ރިޒާވު އޮތީ ވެއްޓިފައި --- ފޮޓޯ: އެމްއެމްއޭ
21 އޮގަސްޓު 2024 - 19:57 0
މި ހިނގަމުންދާ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ މަރުކަޒީ ބޭންކުގައި ހުރި ބޭނުންކުރެވޭ ޑޮލަރު އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރިޒާވު މިއަދު އެއްކޮށް ހުސްވި ކަމަށް "އަދަދު" ނޫހުން ރިޕޯޓު ކުރި ހަބަރާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު ނެގެޓިވް ބެލެންސަކަށް ވެއްޓުނުކަން ރިޕޯޓު ކުރުމާ ގުޅިގެން އެމްއެމްއޭއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ރިޒާވުގެ މައުލޫމާތު މަހުންމަހަށް ޝާއިއުކުރަމުންދާ ކަމަށެވެ.
"ރިޒާވުގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މިއޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންނެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށް ވުރެ އޮގަސްޓު މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ވާހަކަ ވެސް ދަންނަވަމެވެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްއޭއިން ވަނީ މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފަ އެވެ.
އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ. މަރުކަޒީ ބޭންކުން މިހާރު ލަފާކުރަނީ އެ އަދަދަށްވުރެ އޮގަސްޓު ނިމޭއިރު ހުންނަ ޑޮލަރުގެ އަދަދު އިތުރުވާނެ ކަމަށެވެ.
ބޭނުން ކުރެވޭ ޑޮލަރު ރިޒާވަކީ ލޯނުތައް އަދާކުރުމަށާއި ޒަރޫރީ އިމްޕޯޓުތަކަށް ހަރަދުކުރަން ސަރުކާރުން ރައްކާކުރާ ފައިސާ އެވެ. މި ރިޒާވުގައި ހުންނަނީ މީރާއަށް ލިބޭ ޑޮލަރު އާމްދަނީ އާއި ދައުލަތަށް ލިބޭ ހިލޭ އެހީ އާއި ބަޖެޓު ސަޕޯޓަށް ލިބޭ ފައިސާ އެވެ.
ރިޒާވުން ހަރަދުކުރާ ކަންކަމުގެ ތެރޭގައި ކުރިން ފާހަގަކުރި ކަންކަމުގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ހަރަދުތަކަށް ބޭނުންވާ ފައިސާ އާއި ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ ޑޮލަރުތައް ވެސް ހިމެނެ އެވެ. ބޭންކުތަކަށާއި ސަރުކާރު ކުންފުނިތަކަށް ވެސް ޑޮލަރު ދޫކުރަނީ މި ރިޒާވުންނެވެ.
ރިޒާވު މި ހާލަތަށް ވެއްޓެން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި އިގުތިސާދާ ނުބައްދަލު ހަރަދުތައް ކުރުމުގެ ބޭނުމުގައި ފައިނޭންސް ކުރަން ވިއްކި ސެކިއުރިޓީ އާއި ނެގި ލޯނުތައް އަދާކުރަން ޖެހުމާއި ތެލާއި އެހެނިހެން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުން ހިމެނެ އެވެ.
މި އަހަރު ބަޖެޓު ހުށަހަޅައިގެން އެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔަ އިރު ވެސް މި ހާލަތު ކުރިމަތިވެދާނެ ކަމަށް އެމްއެމްއޭއިން ލަފާކުރި އެވެ. އެއިރު ބަޖެޓު ކޮމިޓީގައި އެމްއެމްއޭއިން ބުނީ މި އަހަރުގެ ޑެފިސިޓު ފޫބައްދަން ބޭނުންވާ ފައިސާ އަހަރުގެ ކުރީކޮޅު ނުހޯދައިފި ނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
Comment