about 11 hours 0
އަމަން ހަލީމް
about 11 hours 0
ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އެއްކޮށް ބޭންކުތަކަށް ޖަމާކުރުމާއި އެ ފައިސާއިން ބަޔެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ބޭރު ފައިސާގެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 56 ވޯޓާއެކީގަ އެވެ. މި ބިލާ ދެކޮޅަށް ވޯޓު ދިނީ 11 މެންބަރުންނެވެ. އެއީ ހުސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
ބިލު ފާސްކުރިއިރު، ކޮމިޓީ މަރުހަލާގައި ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ. ގެނައި ބަދަލުތަކަކީ އިސްތިސްނާ ލިބޭ އުމުރުގެ ގޮތުގައި ކުރިން އޮތް 10 އަހަރު 12 އަހަރަށް މަތިކޮށް، ބައެއް މާއްދާތަކުގައި ހުރި އިބާރާތް ބަދަލުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭނުންވާ މައުލޫމާތު ހޯދަން އެ އިދާރާއަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮޮތަށް ހިމަނުމެވެ.
ބޭރު ފައިސާއާ ބެހޭ ބިލު އޮތް ގޮތުން އަންނަ އަހަރުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.
ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ ވޭތުވި އަހަރުގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ. މި ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.
މާލިއްޔަތު ކޮމިޓީން މި ބިލުގެ މަސައްކަތް ކުރި އިރު، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ހިންގާ ދެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އިންޑަސްޓްރީސް (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުވާ އޮޕަރޭޓާސް (މަޓާޓޯ) އާ ބައްދަލުކުރި އެވެ. ނަމަވެސް އެ ފަރާތްތަކުން ހުށަހެޅި ކަންކަން ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ނެތެވެ.
ކޮމިޓީ ރިޕޯޓުގައި ހިމަނާފައި ނެތް ނަމަވެސް، ބޭރު ފައިސާ މާރުކުރަން ޖެހޭ މިންވަރު 20 ޕަސެންޓުން 10-15 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް ކުޑަކޮށްދިނުމަށް މަޓީން އެދުނު ކަމަށް، އެ ޖަމިއްޔާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެ އެވެ. މަޖިލީހުގައި މިހެން އެދުނު ނަމަވެސް، ބިލުގައި ހިމަނާފައި ހުރި އަދަދުތަކަށް ރިސޯޓުތަކުން ރުހޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment