ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ހުރާގައި ވާހަކަ ދައްކަވަނީ: ރައީސް ވިދާޅުވީ އާމްދަނީގެ 20 ޕަސެންޓަކީ ކުރިން ޖެއްސެވި ހިސާބާ ދިމާވާ އަދަދެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ޑޮލަރު މާރުކުރަން ޓޫރިޒަމް ވިޔަފާރިތަކަށް އިހުތިޔާރުކުރަން ދިން ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރު ކުރިޔަސް ނިކުންނަނީ އެއް ނަތީޖާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދެ އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކ. ހުރާގައި ހުންނަވާ ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާއާ ބެހޭ ބިލާ ގުޅުވާ ދެއްކެވި ވާހަކަތަކުގަ އެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައި ވަނީ ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ ބޮލަކަށް ވަކި އަދަދެއް މާރުކުރަން ނުވަތަ މަހަކަށް ޖެހޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ ތެރެއިން ބޭނުންވާ ގޮތެއް އިހުތިޔާރުކުރަން ފުރުސަތު ދޭން ހިމަނާފަ އެވެ. މިއީ މިހާރު އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާގެ ގަވާއިދުގައި އޮތް ހަރުކަށިކަމާ ދުރު އުސޫލުތަކެކެވެ.
ރައީސް ވިދާޅުވީ މިއީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާ މަޝްވަރާކުރުމަށް ފަހު ގެނެވުނު ބަދަލުތަކެއް ކަަމަށެވެ. މިހެން ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެމަނިކުފާނު ކުރިން ވެސް ވިދާޅުވި ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލާ ހުށަހަޅާފައިވާ ބިލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭގައި އޮންނާނީ އަޅުގަނޑު ކުރިން ދެންނެވި ގޮތަށް ގަވާއިދުގައި އޮތް ގޮތަށް ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް. އަދި، އަޅުގަނޑު ދެންނެވިން އެއީ ގާތްގަނޑަކަށް 20 އިންސައްތައޭ އާމްދަނީގެ ޖުމުލަ ރެވެނިއުގެ އެ މަހަކަށް ޖެހޭ ރެވެނިއުގެ 20 ޕަސެންޓޭ ގާތްގަނޑަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަންނަ ހަފުތާގައި ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭރު ފައިސާއާ ބެހޭ ބިލު ފާސްކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ބިލު ފާސްވާ ދުވަހުން ފެށިގެން އެ ބަދަލުތައް ތަންފީޒުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްއެމްއޭއިން ވެސް ބުނެފައި ވަނީ، ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ބަދަލުތަކެއް ގެނައި ނަމަވެސް، މީގެ ސަބަބުން ބޭރު ފައިސާއިން ލިބޭނެ ކަމަށް ލަފާކުރާ އަދަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ކަމަށެވެ. އެ ގޮތުން މިހާރު ކަނޑައަޅާފައިވާ ޕަސެންޓޭޖަކީ 500 ޑޮލަރު މާރުކުރުމުން ޖެހޭ އަދަދާ ދާދި އެއްވަރުގެ އަދަދެއް ކަމަށް އެ އިދާރާއިން ވެސް ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment