Advertisement

ރިކުއެސްޓުތައް މަދުވުމުން އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭން ބޭނުންކުރަން ޖެހޭ މިންވަރު މަދުވެއްޖެ

21 އޮގަސްޓު 2024 - 16:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން: އޭނާ ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހާއްސަކުރި ސީޕްލޭން ބަދަލުކުރީ ޑިމާންޑު ދަށްވުމުން ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ރިކުއެސްޓުތައް މަދުވުމުން އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭން ބޭނުންކުރަން ޖެހޭ މިންވަރު މަދުވެއްޖެ

21 އޮގަސްޓު 2024 - 16:54 0

އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން ހާއްސަ ކުރި މޯލްޑިވިއަންގެ ސީޕްލޭނުގެ ކުލަ ބަދަލުކޮށް ރިސޯޓުތަކަށް ފަތުރުވެރިން އުފުލަން ފެށީ، އެ ސީޕްލޭން މެދުވެރިކޮށް މީހުން އުފުލަން ޖެހޭ ވަރު މަދުވުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުން އިއްޔެ ވާނީ ސީޕްލޭން އަލުން އަނބުރާ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އިތުރުކުރި ހަބަރު ރިޕޯޓުކޮށްފަ އެވެ. އެ ހަބަރުގައި ވާނީ އެ ސީޕްލޭނުން މި ހަފުތާ ތެރޭ ފަތުރުވެރިން އުފުލި ރިސޯޓުތައް ވެސް ހިމަނާފަ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ސަރުކާރުގެ ނިންމުން ދިފާއު ކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ، މިދިޔަ ފަސް މަހުގެ ތެރޭ ސީޕްލޭނުގައި ބަލިމީހުން އުފުލުމަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ބައެއް މަސްމަހު ބަލި މީހަކު ގޮވައިގެން އެއްވެސް ދަތުރެއް ނުކުރާ ކަމަށްވެސް މިނިސްޓަރު ވަނީ އިއުތިރާފުވެފަ އެވެ.

އަދި، މިކަމަށް ހާއްސާ ސީޕްލޭނެއް ނެތަސް ބޭނުންވެއްޖެ ހާލަތެއްގައި ބަލި މީހުން އުފުލަން ޖެހިއްޖެނަމަ އެ އެއާލައިނުގެ ކޮންމެވެސް ސީޕްލޭނެއް ބޭނުންކޮށްގެން އެކަން ކުރުމަށް ތައްޔާރީ ހާލަތުގައި އޮތް ކަމަށްވެސް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރޭ "އަދަދު" އާ ވާހަކަ ދައްކަވަމުން މޯލްޑިވްއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވެސް ވިދާޅުވީ ސީޕްލޭންގައި ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ހުއްޓުމަކަށް ނުދާނެ ކަމަށެވެ.

މީގެކުރިން އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހާއްސަކުރި މޯލްޑިވިއަންގެ ސީޕްލޭން ކުލަ ބަދަލުކޮށްފަ ---


މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" ނޫހަށް ބުނީ މޯލްޑިވިއަންގެ އާންމު ސީޕްލޭން ފްލީޓަށް، އެއާ އެމްބިއުލާންސްއަށް ކަނޑައެޅި ބޯޓު ބަދަލުކުރަން ނިންމީ ބަލި މީހުން އުފުލަން ވަކި ސީޕްލޭނެއް ހާއްސަކޮށްފައި ބާއްވުމަކީ ހަރަދު ދެކޮޅު ޖެހޭނެ ކަމަކަށް ނުވުމާއި، ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން ދަތިތައް ދިމާވުން ކަމަށެވެ.

މޯލްޑިވިއަންގައި އޮތީ ޖުމުލަ 11 ސީޕްލޭން އެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓުން ބަލި މީހުން އުފުލަން ބޭނުން ނުވެގެން، އެއާ އެމްބިއުލާންސް އަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ހާއްސަކުރީ، އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ އެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި ހިމަނައިގެން ޓޫރިސްޓުން އުފުލަމުންދިޔަ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް އޮޕަރޭޝަން ފެށީ މާޗު 15، ގަ އެވެ. ޑޭޝް8-200 މަރުކާރުގެ މަތިންދާ ބޯޓާއެކު އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރީ މާޗު 1 ގަ އެވެ.

ޑޭޝް8 އެކޭ އެއްގޮތަށް ސީޕްލޭންވެސް އެއާ އެމްބިއުލާންސަކަށް ބަދަލުކުރާނީ ބޭނުންވާ ވަސީލަތްތަކާއެކު ބޯޓުގެ އެތެރެ ބަދަލުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ، ގައި ނ. މަނަދޫގައި ވިދާޅުވި އެވެ. ނަމަވެސް އެ ދެ ބޯޓުގެ ވެސް އެތެރެ، ހާއްސަ އެމްބިއުލާންސްގެ ގޮތަށް ބަދަލެއް ނުކުރެ އެވެ.