21 އޮގަސްޓު 2024 - 16:27 0
21 އޮގަސްޓު 2024 - 16:27 0
ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މިއަދު އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފުގެ ބޮޑުބައި ކުޅުނު ބޫޓާނުން ފަހު ވަގުތު ލަނޑު ޖަހައި، 2-1 އިން ރާއްޖެ އަތުން މޮޅުވެއްޖެ އެވެ.
މިއީ މި ފަހުން ބޫޓާންގެ ޓީމަކުން ރާއްޖެ އަތުން ކާމިޔާބު ހޯދި، ތިން ވަނަ ފަހަރެެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 1-0 އިން ބަލިވި ބޫޓާނުން ސެމީ ފައިނަލުގެ ޖާގަ ހޯދާނަމަ، މިއަދު ރާއްޖެ އަތުން މޮޅުވުން އޮތީ މަޖުބޫރުވެފަ އެވެ. އެ ޓީމުން މިއަދު ހޯދި ތިން ޕޮއިންޓާ އެކު، ސެމީގެ ފުރުސަތު ވަނީ ބޮޑުކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި، ހުކުރު ދުވަހު، އިންޑިއާ އިން ރާއްޖެއާ ކުޅޭއިރު، ރާއްޖެ އަށް ސެމީގެ ފުރުސަތެއް އޮތީ މި މެޗުން މޮޅުވެގެންނެވެ.
އަންފާ ސްޕޯޓްސް ކޮމްޕެލްސް ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން 46 ސިކުންތުތެރޭގައި ބޫޓާނުންކުރި އެޓޭކެއް ރާއްޖޭގެ ޓީމުގެ ކީޕަރު، މުހައްމަދު ޔާމީން ވަނީ މަތަކޮށްފަ އެވެ.
ބޫޓާނުން ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން އެ ޓީމުގެ، ޖިގްނަމް ޑޯޖީ ނެގި ހުރަަހަކަށް ރާއްޖޭގެ ކީޕަރު ޔާމީން އެރި ވަގުތު އޭނާ އަށް ނުލިބި ދިޔަ ބޯޅަ ބޫޓާނުގެ ޖެޓްސުއެން ޑޯޖީ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ބޫޓާނުން އޭގެ ފަހުން ވެސް ދެ ވަނަ ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ކާމިޔާބެއްނުވި އެވެ.
ފުރަތަމަ ހާފު ކުރިއަށްދިޔަ ވަރަކަށް ރާއްޖޭން ދިޔައީ ކުޅުން ރަނގަޅު ކުރަމުންނެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ކެޕްޓަން ޝަނާން ރަޝާދު އާއި އިޝް އާފް އަހުމަދު ފިރާގު ލިބޭ ބޯޅަތަކުގައި ބޫޓާން ފަހަަތަށް ދިޔައީ ބާރު ބޮޑުވަމުންނެވެ.
ބޫޓާން އޭރިއާތެރެއަށް ވަދެ، މި ހާފުގައި ރާއްޖޭގެ އަބްދުﷲ ލޫތު އިބްރާހިމް ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ޝަނާން ޖެހި ބޯޅައެއް ވަނީ ބޫޓާން ކީޕަރު ސޯނަމް ޓެންޒިން ވަނީ އަތަށް ނަގައިފަ އެވެ.
ބޯ ވިއްސާރައިގެ ތެރޭގައި، ދެ ވަނަ ހާފުގެ ކުޅުން ފެށި ނަމަވެސް ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެ އެޓޭކް ވަރުގަދަ ކުރި އެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށުނުތަނާ އޭރިއާބޭރުން ޝަނާން ވޮލީ އަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ދެ ވަނަ ހާފު ފެށުނުތާ ފަސް މިނިޓް ތެރޭ، އިޝް އާފް ކުރިއަށް ކުޅުނު ބޯޅައަކަށް އަރައި ޝަނާން ޖައްސާލި ބޯޅަ އޭރިއާބޭރުން ބޫޓާންގެ ކީޕަރު، ސޯނަމް ޓެންޒިން އަތުގައި ޖެހުމުން، އޭނާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުން އިޝް އާފް ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ބޫޓާނުން ކުރިއަށް ޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، ރާއްޖޭގެ ކީޕަރު ޔާމީން ވަނީ ބޫޓާނުން ހޯދި ފުރުސަތުގައި ބޯޅަ ސަލާމަތްކޮށްފަ އެވެ.
ރާއްޖޭން ދެ ވަނަ ލަނޑެއް ޖަހައި ލީޑުނެގޭތޯ މަސައްކަތްކުރިއިރު، ޝަނާން ޖެހި ބޯޅައެއް ގޯލާ ސީދާނުވެ ދިޔަ އެވެ.
ބޫޓާނުން ބަދަލުތަކެއް ގެނެސް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކުރި އެވެ. އެ ގޮތުން، އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި، ނަގަވާން ޗޮޕެލް އެވެ. އޭރިއާތެެރެއަށް އައި ބޯޅަ ޗޮޕެލް ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ރާއްޖޭން ވަނީ 2019 ވަނަ އަހަރު ކުޅުނު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ބޫޓާނާއި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އެ ފަހަރުގެ މުބާރާތުން ރާއްޖެ ތިން ވަަނަ ހޯދީ 1-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ބޫޓާނުން ވަނީ 2017 ވަނަ އަހަރު ކުުޅުނު ސާފް 18 އަހަރުން ދަށުގެ މުބާރާތުން 1-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އަދި ބޫޓާނުން ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި، ރާއްޖޭގެ 23 އަަހަރުން ދަށުގެ ޓީމު އަތުން، 2-1 އިން މޮޅުވެފަ އެވެ.
މިިދިޔަ އަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ބޫޓާން ކުޅެ، ޕާކިސްތާން އަތުން ބަލިވީ އެވެ. ބޫޓާނުން މިދިޔަ ފަހަރު ސެމީ އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 2-1 އިން ބަލިވި ނަމަވެސް، ބަންގްލަދޭޝް އަތުން 4-3 އިން މޮޅުވެގެންނެވެ.
Comment