21 އޮގަސްޓު 2024 - 14:09 1
މުހައްމަދު އުޝާމް
އަބްދުﷲ މައުމޫން ކްރިމިނަލް ކޯޓުގައި ---
21 އޮގަސްޓު 2024 - 14:09 1
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި އަބްދުﷲ މައުމޫނުގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފަހައްޓާފައިވާ ނިންމުން މުރާޖައާކޮށް ދެ ހަފުތާގެ މުއްދަތަށް ޕާސްޕޯޓު ދޫކޮށްދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި މިއަދު އެދިއްޖެ އެވެ.
މޯލްޑިވްސް ގޭސްގައި އޭރު ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާ އުފުލާފައިވާއިރު ޝަރީއަތް ނިމެންދެން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ދައުލަތުން އެދިގެން ކްރިމިނަލް ކޯޓުން ކުރިން ނެރެދީފައިވެ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި މައުމޫންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ މައުމޫންގެ ދަރިން ތައިލެންޑުގައި ކިޔަވަމުންދާއިރު އެ ސްކޫލުން ދަރިވަރުން ދޫކޮށްލެވެން އަންނަނީ މަންމަ އާއި ބައްޕަ ވެސް ހާޒިރުވެގެން ތިބެ ކަމަށެވެ. އެހެންވެ މައުމޫންގެ ދެ ދަރިންނާއި އަނބިމީހާ ރާއްޖެ ގެނައުމަށް ދެ ހަފުތާގެ މުއްދަތަށް މައުމޫންގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލްގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ އެ ކަންކަން ފާހަގަކޮށް ވަރަށް ދިގުކޮށް ލިޔެފައިވާ ސިޓީއެއް މައުމޫންގެ ފަރާތުން އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް, އެ ސިޓީއާއެކީ މައުމޫންގެ ފަރާތުން އެ ފާހަގަކުރާ ޒަރޫރީ ހާލަތު ނުވަތަ ކޮންމެހެން ވެސް ފުރަން ޖެހޭ ކަމަށް ބުނާ ހާލަތު އަންގައިދޭނެ އެއްވެސް ލިޔެކިޔުމެއް ހިމަނާފައި ނެތް ކަމަށެވެ.
މައްސަލައިގެ ބާވަތުންނާއި މީގެ ކުރިން މައުމޫން ރާއްޖޭން ބޭރަށް ގޮސްފައިވާތީ ދައުލަތުން އެދެނީ ޕާސްޕޯޓް ހިފަހައްޓާފައިވާ ހިފެހެއްޓުން އެ ގޮތުގައި ބޭއްވުމަށް ކަމަށް ވަކީލު ވިދާޅުވި އެވެ.
މި ކަމުގައި އަބްދުﷲ މައުމޫން ވެސް ޝަރީއަތުގައި ވާހަކަ ދެއްކެވި އެވެ.
އޭނާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގު ކުރި އިރު ވެސް ތަހުގީގަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. ތައިލެންޑުގަި ހުންނަ އެމްބަސީއަށް ހާޒިރުވާން އެންގި ކޮންމެ ވަގުތެއްގައި ވެސް ހާޒިރުވެ ބަޔާން ދީފައިވާނެ ކަން ފާހަގަ ކުރެއްވި އެވެ. އަދި އޭސީސީގެ ތަހުގީގު ޓީމުން ތައިލެންޑަށް އައުމަށް ފަހު، ތައިލެންޑުގައި ތިބެގެން ވެސް ބަޔާން ނެގި ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ތައިލެންޑުގައި އަބްދުﷲ މައުމޫން ހުންނަވަނިކޮށް އިންޓަ-ޕޯލް ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެ އެވެ. އެ ނޯޓިސް ނެރެފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ނާހީ ވިދާޅުވީ އެ ނޯޓިސް ނެރުނު ކަން ނުވަތަ ނޫން ކަން ވަކީލުން ޖެހޭނީ ކަށަވަރު ކުރަން ކަމަށެވެ.
ދެ ފަރާތުން ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ޝަފީއު އެންގެވީ މައުމޫނުގެ ފަރާތުން ޕީޖީއަށް ފޮނުވި ސިޓީ ކޯޓަށް ފޮނުވުމަށެވެ. ރެޑު ނޯޓިސް ނެރުމުގެ މައުލޫމާތު ސާފުކުރުމަށް ފަހު އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ގާޒީ އެންގެވި އެވެ. އަދި މައުމޫން ފާހަގަކުރާ ޒަރޫރީ ހާލަތު ސާބިތުކޮށްދިނުމަށް އެ ކަމާ ގުޅުން ހުރި ލިޔެކިޔުންތައް ވެސް ދިނުމަށް ގާޒީ އެންގެވި އެވެ.
ގާޒީ ވިދާޅުވީ އެ ކަމުގައި ޝަރީއަތުން ގޮތެއް ނިންމާނީ ލިޔެކިޔުންތައް ލިބި ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާނީ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ދިފާއަށް ފޯރުކޮށްދީ ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަތް ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީ.ޑީ.އެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން އަބްދުﷲ މައުމޫނަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތަކަށެވެ.
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްުދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment