Advertisement

ފުޓްބޯޅަ އަށް ވެފައިވާ އިހުމާލު ބަލައި ފިޔަވަޅު އެޅެންވާނެ: ތޯރިގު

20 އޮގަސްޓު 2024 - 20:56 0


ފުޓްބޯޅަ އަށް ވެފައިވާ އިހުމާލު ބަލައި ފިޔަވަޅު އެޅެންވާނެ: ތޯރިގު

20 އޮގަސްޓު 2024 - 20:56 0

ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް ހާލަށް އައުމުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމާ ހަވާލުވެ، ކަންކަމަށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅެންވާނެ ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ފީފާ އިން ރޭ ވަނީ އެފްއޭއެމް ހިންގުން ނޯމަަލައިޒިން ކޮމިޓީ އަކާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީގެ މަސައްކަތް ފެށުނުތަނާހެން، އެފްއޭއެމްގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ތޯރިގު ވަނީ ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ ކިޔައިފަ އެވެ.

މީގެ އިތުރުން، އެފްއޭއެމް ހައުސް ވީރާނާވެ، އެ ތަނުގެ ސާމާނު އެތައް މިތަނަށް އުކާފައިވާ ފޮޓޯޓަކެއް ހިއްސާކޮށް ތޯރިގު ވަނީ މެސެޖެއް ލިޔުއްވައިފަ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން، އެ ތަނުގެ ހިންގަން ތިބި ވެރިން ފުޓްބޯޅަ އަށް ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ. މިއީ މިއަދުގެ އެފްއޭއެމްގެ ހާލަތު، ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ ބައްސާމު އާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް. ހިތާމައިގެ ކޮޅެއް ނެތް،" ތޯރިގު، ލިޔުއްވާފައިވެ އެެވެ.

ތޯރިގު، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެފްއޭއެމް ހައުސްގެ ބައެއް ފޮޓޯތައް.


މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ.

އެކަމަކު، އެފްއޭއެމްގެ މައްސަލަތަކެއް ހުރުމުުން، ދެ ފަހަރު ވެސް އިންތިހާބު ފަސްކުރަން އެންގީ، ފީފާ/އޭއެފްސީ އިންނެވެ. މީގެ ތެރެއިން ދެ ފަަހަރު ވެސް ތޯރިގު ވަނީ އެފްއޭއެމާ ގުޅޭ މައްސަލަ ހިފައިގެން ފީފާ އަށް ގޮސްފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގު އަކީ، އެފްއޭއެމްގެ މައްސަލަތައް ފާހަގަކުރައްވައި، އެ އެސޯސިއޭޝަން ނޯމަލައިޒްކުރަން ޖެހޭކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާ ފަރާތެކެެވެ.

"ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ ގިލަންވެރިކަމުން ސަލާމަތްކުރަން ފެށި މަސައްކަތުގެ އެއް މަރުހަލާ ނިމުނީ އެވެ. މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރުމަށް އަދިވެސް ކުރަންހުރި މަސައްކަތް މަދެއް ނޫނެވެ. ފީފާގެ ނިންމުމަށް މަރުޙަބާ އެވެ." މިދިޔަ މަހު، 23 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒްކުރަން ނިންމުމާ އެކު، ތޯރިގު، އެ ދުވަހު، ސޯޝަލް މީޑިއާގައި ލިޔުއްވި މެސެޖެއްގައިވެ އެވެ.

އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިިޒިން ކޮމިޓީގެ މުއްދަތު ދީފައިވާއިރު، އެ ކޮމިޓީގެ ޗެއާމަަނަކަށް ހަމަަޖައްސާފައިވަނީ، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. ދެން އެ ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.