Advertisement

އޮންރީ، ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުން އިސްތިއުފާދީފި

20 އޮގަސްޓު 2024 - 09:30 0


އޮންރީ، ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުން އިސްތިއުފާދީފި

20 އޮގަސްޓު 2024 - 09:30 0

ޕެރިސް (އޮގަސްޓް 20) - ފްރާންސްގެ ކުރީގެ ފޯވާޑް، ތިއަރީ އޮންރީ، އެ ގައުމުގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފި އެވެ.

ކުރިން އާސެނަލާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް ކުޅުނު އޮންރީ، 47، މިދިޔަ އަހަރު ފްރާންސްގެ ޔޫތު ޓީމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މި ފަހަރުގެ އޮލިމްޕިކްސްގެ ފައިނަލުން ސްޕެއިން އަތުން ބަލިވިއިރު، އޮންރީ މި ވަނީ މަގާމުން އިސްތިއުފާދީފަ އެވެ.

"އަމިއްލަ ގައުމުގައި ބޭއްވި އޮލިމްޕިކްސް އިން ރިހި މެޑަލް ހޯދުން ވެގެންދާނީ އަހަރެންގެ ކުޅިވަރު ހަޔާތުގައި ވަރަށް ހާއްސަ ކަމަކަށް،" އޮންރީ ބުންޏެވެ.

"ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނާއި ސްޓާފުން އަދި ކުޅުންތެރިން އަހަންނާ މެދު އެ ބެހެއްޓި ގާތްކަން ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަން. މިއީ ޔަގީނުން ވެސް ޖާދޫވި ތަޖުރިބާއެއް،"

އޮންރީ އަށް ފްރާންސް ޔޫތު ޓީމު ދިނީ، އަންނަ އަހަރު ސްލޮވާކިއާގައި ބާއްވާ 21 އަހަރުން ދަށުގެ ޔޫރޯގެ ނިޔަލަށެވެ. އެކަމަކު، މަގާމުން ވަކިވާން އޮންރީ ނިންމުމާ އެކު، ފްރާންސް ފެޑެރޭޝަނުން ވަނީ ކޮށްދިން ހިދުމަތަށް ޝުކުރުއަދާކޮށް، އޮލިމްޕިކްސް އިން މެޑަލެއް ހޯދައިދިނުމަކީ، އޮންރީ ހާސިލްކުރި އަމާޒެއް ކަމަށް ބުނެފަ އެވެ.

ފްރާންސް ގައުމީ ޓީމަށް 126 މެޗުން 51 ލަނޑު ޖަހައިދިން އޮންރީ ވަނީ، ކޯޗިން ކެރިއަރުގައި މިހާތަނަށް، އާސެނަލްގެ 19 އަހަރުން ދަށުގެ ޓީމާއި ފްރާންސްގެ މޮނާކޯ، ކެނަޑާގެ މޮންޓްރެއާލް އިމްޕެކްޓްގެ އިތުރުން ދެ ފަހަރެއްގެ މަތިން ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކޮށްފަ އެވެ.