Advertisement

ޓެކްސް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ހިމެނޭހެން ހަތަރު މެންބަރުން ވަކިކުރަން މަޖިލީހުން ލަފާ ދީފި

19 އޮގަސްޓު 2024 - 15:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ޓެކްސް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ލަފާދޭން މިއަދު ވަނީ ފާސްކޮށްފަ --- ފޮޓޯ: މަޖިލިސް އިދާރާ


ޓެކްސް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ހިމެނޭހެން ހަތަރު މެންބަރުން ވަކިކުރަން މަޖިލީހުން ލަފާ ދީފި

19 އޮގަސްޓު 2024 - 15:13 0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ވެސް ހިމެނޭހެން އެތަނުގެ ހަތަރު މެންބަރަކު ވަކިކުރުމަށް ސަރުކާރަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރަށް މިހެން ލަފާ ދޭން މަޖިލީހުން މިއަދު ފާސްކުރީ އެ މައްސަލަ ބެލި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށެވެ. މިއަދުގެ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން ކޮމިޓީ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވީ 63 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުން ވަކިކުރަން ލަފާ ދިނުމަށް ފާސްކުރީ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި، މެންބަރު އަހުމަދު އަޝްރަފު، އަދި މެންބަރު ހަޖީދާ ނައީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޓްރައިބިއުނަލްގެ މެންބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ އޯޑިއޯ ސްޓްރީމް ލައިވުނުކޮށް ސިއްރުކޮށްގެންނެވެ. ކޮމިޓީގެ މެންބަރުންގެ ވޯޓުން ފާސްކޮށްގެން ކޮމިޓީ ބައްދަލުވުމެއް ސިއްރުކުރުމުގެ އިހުތިޔާރު މެންބަރުންނަށް އޮވެ އެވެ.

ޓްރައިބިއުނަލްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ "އަދަދު" ނޫހަށް ލިބިފައިވާއިރު އެ ސިޓީން މެންބަރުންގެ މައްޗަށް ކުރާ ބައެއް ތުހުމަތުތައް އެނގުނެވެ. އެންމެ ބޮޑު ތުހުމަތަކަށް އޮތީ ޓްރައިބިއުނަލްގެ ބޭނުމަށް ގ. މާގަހަ ކިޔާ ގެއެއް ކުއްޔަށް ހިފުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ ތުހުމަތެކެވެ.

ކޮމިޓީގެ ނިންމުމާއެކު އެ ތަނުގެ ސެކްޝަންތަކުގެ ހެޑުން ހިމެނޭ ގޮތަށް އިތުރު މުވައްޒަފުންގެ ބަސް ހޯދައި މައްސަލަ އިތުރަށް ބެލުމަށް އެދި ޓެކްސް ޓްރައިބިއުނަލްގެ 16 މުވައްޒަފަކު ސޮއިކޮށް މަޖިލީހަށް ސިޓީއެއްވެސް ފޮނުވި އެވެ. ނަމަވެސް އެ ސިޓީއާ ގުޅިގެން ކޮމިޓީ އިތުރު ފިޔަވަޅެއް ނާޅަ އެވެ.