Advertisement

ކުރާ މަސައްކަތަށް ފައިސާ ނުލިބޭތީ މަޝްރޫއުތަކަށް ބުރޫއަރައި، އުޖޫރަ ދިނުމަށް ވިޔަފާރިވެރިންނަށް އުނދަގޫވޭ: ޖަނާހު

19 އޮގަސްޓު 2024 - 13:29 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު --- ފޮޓޯ: އަދަދު ފައިލް


ކުރާ މަސައްކަތަށް ފައިސާ ނުލިބޭތީ މަޝްރޫއުތަކަށް ބުރޫއަރައި، އުޖޫރަ ދިނުމަށް ވިޔަފާރިވެރިންނަށް އުނދަގޫވޭ: ޖަނާހު

19 އޮގަސްޓު 2024 - 13:29 0

ކުރާ މަސައްކަތަށް ފައިސާ ނުލިބޭތީ ހިންގާ މަޝްރޫއުތަކަށް ބުރޫއަރައި، މަސައްކަތްކުރާ މީހުންނަށް އުޖޫރަ ދިނުމަށް ވިޔަފާރިވެރިންނަށް އުނދަގޫވާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.

މެންހެޓަން ހޮޓެލުގައި މިއަދު ކުރިއަށްދާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ޕޭމަންޓުތައް ލަސްވުމުގެ ސަބަބުން ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ވެސް ބުރޫއަރާ ކަމަށެވެ.

"އަޅުގަނޑުމެން ސިނާއަތުގެ ގިނަ ވިޔަފާރިތަކަކަށް ޕޭމެންޓުތައް ލަސްވުމުގެ ސަބަބުން ވަނީ ބޮޑު ކޭޝްފްލޯ ދަތިތަކެއް ކުރިމަތިވެެފައި. އަދި ކޮންޓްރެކްޓަރުން މިހާރުވެސް މެނޭޖް ކުރަމުންދަނީ ޓައިޓް މާޖިން އެއްގަ. މިކަމުގެ ސަބަބުން ހިނގަމުންދާ މަޝްރޫއުތަކަށް ބުރޫއަރާ އަދި ވިޔަފާރިއަށް އެތަނުގައި މަސައްކަތްތެރިންނަށް މުސާރަ ދިނުމަށް އަސަރުކުރޭ،" ޖަނާހު ވިދާޅުވި އެވެ.

އޭގެ އިތުރުން ޖަނާހުގެ ވާހަކައިގައި ފާހަގަކުރީ ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭތީ ޕްރޮޖެކްޓުތައް ވަގުތަށް ނިންމަން އުނދަގޫވާ މައްސަލަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ސެކްޓާގެ ދަރަނި ކޮމާޝަލް ބޭންކުގައި ހަ ޕަސެންޓު އިތުރުވެފައިވާއިރު އެ ކުއާޓަރުގެ މަސައްކަތްތައް ނުވަ ޕަސެންޓު ދަށަށް ގޮސްފައިވާކަން ވެސް ޖަނާހުގެ ވާހަކާގައި ފާހަގަކުރި އެވެ.

ޑޮލަރު ލިބުން މިހާރު ދަތިވެފައިވާ ކަމަށް ވެސް ޖަނާހު ފާހަގަ ކުރި އެވެ. އަދި އޭގެ ސަބަބުން އިމްޕޯޓް ކުރާ މުހިންމު މުދާ ސަޕްލައި ކުރާ ބޭރުގެ ވިޔަފާރިވެރިންނަށް ފައިސާ ދިނުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީއައިއެފް އަކީ ރާއްޖޭގެ ކޮންސްޓަރަކްޝަން ކުރިއެރުވުމަށްޓަކާ ބާއްވާ ފޯރަމެކެވެ. އެ ފޯރަމް މިއަދު ހަވީރު 4:00 އާ ހަމައަަށް އޮންނާނެ އެވެ. އެކިއެކި ދާއިރާތަކުން ހަތަރު ޕެނަލް ޑިސްކަޝަން ވެސް މި ފޯރަމުގެ ތެރޭގައި ކުރިއަށްދާނެ އެވެ. މިއަހަރުގެ ފޯރަމުގައި މާލެސިޓީ މޭޔަރާއި އެންވަޔަރަމެންޓް މިނިސްޓަރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިދިޔަ އަހަރު ވެސް މި ފޯރަމް ވަނީ ބާއްވާފަ އެވެ.