Advertisement

އިގްތިސާދު ދަށްވެފައި އޮއްވައި، ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ދެ ގައުމުގެ ސަފީރުންނާ ގަވަރުނަރު ބައްދަލު ކުރައްވައިފި

19 އޮގަސްޓު 2024 - 11:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ސަފީރު މުނޫ މަހާވަރު (ކ)، އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު، އަދި ޗައިނާގެ ސަފީރު ވާން ލީޖިން (ވ): މުނައްވަރު ދެ ސަފީރުންނާ ބައްދަލުކުރެއްވީ ވަކިވަކިން ---


އިގްތިސާދު ދަށްވެފައި އޮއްވައި، ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ދެ ގައުމުގެ ސަފީރުންނާ ގަވަރުނަރު ބައްދަލު ކުރައްވައިފި

19 އޮގަސްޓު 2024 - 11:24 0

ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް ބެލެވިފައިވަނިކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ޗައިނާ އަދި އިންޑިއާގެ ސަފީރުންނާ ބައްދަލުކުރައްވައިފި އެވެ.

އެމްއެމްއޭއިން ކުރި ޕޯސްޓެއްގައި ބުނީ މުނައްވަރު، އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޗައިނާގެ ސަފީރު ވާން ލިޖިން އާ ބައްދަލުކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. ދެ ސަފީރުންނާއެކު ދެ އެމްބަސީގެ އިސްވެރިންވެސް ބައްދަލުވުންތަކުގައި ބައިވެރިވި އެވެ.

ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރީ އިގްތިސާދީ އަދި މާލީ ގުޅުން ބަދަހިކުރުމަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ޗައިނާ އަދި އިންޑިއާއަކީ މިވަގުތު ރާއްޖެއިން އެންމެ ބޮޑަ އަދަދެއް ލޯނު ނަގާފައިވާ ދެ ގައުމެވެ. އެ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ޗައިނާގެ ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ފެހި ސިގްނަލް އެ ގައުމުން ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަމަވެސް އަމަލީ ގޮތެއްގައި އެ މަސައްކަތް ފެށިފައެއް ނުވެ އެވެ. ޗައިނާގެ ސަފީރު ވަނީ ރައީސްގެ ވާހަތަކާ ހިލާފަށް، ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް އެ ގައުމުން ނުގެންގުޅޭ ކަމަށް ވެސް މެއި 17، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ދިވެހި ދައުލަތުން އެންމެ ބޮޑު އަދަދަކުން ދަރާފައިވަނީ ޗައިނާގެ ދައުލަތުން ސަތޭކަ ޕަސެންޓު ހިއްސާވާ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއަށެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އެ ބޭންކަށް ދަރާފައިވާ މިންވަރު ހުރީ 8.1 ބިލިއަން ރުފިޔާގަ އެވެ.

އިންޑިއާއަށް ބަލާއިރު، އެ ގައުމުން ވަނީ މިދިޔަ މެއި މަހު އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްފަ އެވެ. އޭގެ ފަހުން ސަރުކާރުން ވަނީ އަންނަ މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ގްރާންޓަކަށް ބަދަލު ކުރަން ވެސް އެދިފަ އެވެ.

އެ ބައްދަލުވުންތަކަށްފަހު މުނައްވަރު މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ އެވެ. އަދި، ރައީސް މުއިއްޒުގެ ހާއްސަ ސިޓީއަކާއެކު ސައުދީގައި ހުންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއެކު އެ ގައުމުގެ އިސްވެރިންނާ މަޝްވަރާތަކެއް ކުރައްވާނެ އެވެ.