Advertisement

ހިތުގެ ރިހުމަށް ފަރުވާއަކަށްވެ, ދިރިއުޅުމަށް ނަސޭހަތަކަށްވި ބައެއް ބައިތުތައް!

20 އޮގަސްޓު 2024 - 07:23 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ހިތުގެ ރިހުމަށް ފަރުވާއަކަށްވެ, ދިރިއުޅުމަށް ނަސޭހަތަކަށްވި ބައެއް ބައިތުތައް!

20 އޮގަސްޓު 2024 - 07:23 0

ދިވެހި ބަހުން ހަދާ ޅެން، ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނޭތޯ ބަލަމުން ގެންދާ ވާހަކަ ސަރުކާރުން ބުނުމުން އަޅުގަނޑު ގާތަކަށް ހިންޏެއް ނާދެ އެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ބަލަންޖެހޭ ކަމެއްވެސް ނޫނެވެ. ބަލައި ދިރާސާކުރަން އޮތީ ފަރުވާއަކަށް ޅެން ބޭނުންކުރުމުގައި އަމަލުކުރެވިދާނޭ ގޮތަކީ ކޮބައިތޯ އެވެ. ޅެމަކީ އޭގެ ޒާތުގައިވެސް ނަފުސަށާއި ރޫހަށް ފަރުވާ ލިއްބައިދޭ އެއްޗެކެވެ.

ޅެން ކިޔައި އުޅުމުގައި އެއްފަހަރު ދެފަހަރު ކިޔާލުމުން ހިތުގައި ހަރުލާ ކަހަލަ މޮޅެތި ބައިތުތައް ބައެއް ޅެންޅެމުން ފާހަގަވާނެ އެވެ. މި ލިޔުމުގައި ގެނެސްދޭން މިއުޅެނީ މިގޮތުން އަޅުގަނޑަށް ހަނދާނުން ފުހެނުލެވުނު ބައެއް ބައިތުތަކެވެ.

ކިތައް ދުހުރޮއި ކިތައް ބޮނޑިބޮއި، ކިތައް ހިތި ތަޖުރިބާއިންހޭ

މިތަން މިދެކޭ ބަނީ އާދަމު، ރަނގަޅު މޮޅު މީހަކަށް ހެދެނީ؟

މި ފެށީ އެންމެ އެވޭލާ ބައިތަކުންނެއް ނޫނެވެ. މާ ފަހުގެ ބައިތެއްވެސް ނޫނެވެ. ދިވެހި ބަހޭ ބުނީމާ 90 އިގެ ޖީލުގެ ހިތަށް ފުރަތަމަ ސޫރަވާނީ އަބްދުﷲ ޞާދިގު ނުވަތަ ސޯދުބެ އެވެ. މި ބައިތަކީ ސޯދުބޭގެ ޅެންވެރިކަމުގެ ބަގީޗާއިން އަޅުގަނޑަށް ފެނުނު ރީތި ޅެންތަކުގެ ތެރެއިންވެސް ރީތި، ސާދާ ޅެމެއްގެ ބައިތެކެވެ. އިންސާނާއަށް ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ އެތައް މަސައްކަތެއް ކޮށްގެންނެވެ. އެތައް ނާކާމިޔާބީއެއް ތަހައްމަލު ކުރުމަށްފަހުގަ އެވެ. މިބަހުގެ ތެދުކަން ދެކޭން ތިބާ ތިޔަ ދެކޭ ކާމިޔާބު މީހުންގެ ހަޔާތުގެ ސަފުހާތައް ކިޔާށެވެ. މިހާރު ތިޔަ ފެންނަ ކާމިޔާބު އިންސާގެ ފަހަތުން ފެންނާނީ އޭނާ ކުޅަ ބުރަ މަސައްކަތްތަކާއި ކަނޑައްތުކުރި ދިގު ރާސްތާގައި ބަރުދާސްތުކުރި ތަކުލީފުތަކާއި ވީ ނާކާމިޔާބީތަކެވެ. މި ޅެންބައިތަކީ ނާކާމިޔާބުގެ ވަގުތުގައި ހިތްވަރަކަށް ފުދޭ ފަރުވާ އެކެވެ.

ސަލާމަތް ގޮތް ނުވިސްނާ މީހަކަށް ދުނިޔޭ އުޅުން ދައްޗޭ

ބަލާއިރު މީހުނީ އެކި ގޮތްގޮތުން މީހުން ހިފާ ދައްޗޭ

****

ނުވާ އެއްވެސް ކަމެއް އަޒަލުގެ ނިޔާގައި

ނުވާނެޔެ ވާށެ ހަރުބޯ ބޯ ހަރިއްޔާ!

މަތީގައި އެވާ ދެ ބައިތަކީ އަބްދުﷲ ޖަލާލުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އިންޒާރާއި ނަސޭހަތެވެ. އެއީ ދުނިޔޭގެ ކަންކަން ހިނގާ މަގު ދެކެވަޑައިގެން ތަޖުރިބާކުރައްވައި ފަހުގެ ޖީލުތަކުން އިބުރަތް ހާސިލުކުރުމަށްޓަކައި ދިވެހި އުއްމަތަށް ކުރެއްވި ވަސިއްޔަތެކެވެ.

ވިސްނައި ބަލައިގެން ދުނިޔޭގެ އުޅުން ވެއަތު ނުކޮށްފިނަމަ ދިރިއުޅުމަކީ ދަތި އެއްޗަކަށް ވެދެ އެވެ. އެހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ވަށައިގެންވާ މީހުންގެ ނޭއްގާނީކަމެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެކުގައި އުޅެންޖެހިފައިވި ކޮންމެ މީހަކީވެސް ތިބާއަށް އަމާޒުކުރެވިފައި ހުރި 'ދައްޗަކަށް' ވެދާނެ އެވެ. ދިވެހިބަހުގައި ކިޔާ 'ދަތި' މި ލަފުޒުގެ އެތައް މާނައެއް އޮވެ އެވެ. އެއް މާނައަކީ އުނދަގުލާއި ތަކުލީފެވެ. 'ދަތި' އެ ބަހުގެ އަނެއް މާނައަކީ ދަންތުރަ އެވެ. ޖަލާލުއްދީނުގެ މި ޅެމުގައި އެވަނީ އެއް ލަފުޒު ދެމާނަގައި ވެސް ގެނެސްފަ އެވެ. މިއީ ޅެންވެރިކަމުގައި މަދުން ފެންނަ، ވަރަށް ހާއްސަ ހުނަރެކެވެ.

އަނެއް ބައިތުގައި ނުހަނު ސާދާކޮށް އެ ވިދާޅުވެދެއްވީ އެއްވެސް މީހަކަށް ދޮގުކުރެވެން ނެތް ހަގީގަތެވެ. އަޒަލުގެ ނިޔާގައި ނުވާ އެއްވެސް ކަމަކީ ވާނޭ ކަމެއް ނޫނެވެ. އެވާހަކަ ވިދާޅުވުމަށްފަހު ދެން ޖެއްސެވީ ގޮމެކެވެ. އެވާހަކަ ގަބޫލުނުކޮށް ބޯހަރު ވެގެން ހުންނަންޏާ ހުންނާށެވެ. އެ ހަގީގަތެއް ބަދަލެއް ނުވާނެ އެވެ.

ގުނާތައް ކޮށް އުޅުނު އުޅުމުން ހިތުގެ ޒަންގާލި ބޯވީމާ

ބުނާބަސްތައް ކިތަންމެ މޮޅަސް، މަނިކުނޭފަހެ އެހޭނޭހޭ؟

މިއީ ކޮޅުމަޑުލު ކަނިމީދުގައި މީހުން ދިރިއުޅުނު ދުވަސްވަރު އެރަށުގައި އުޅުނު 'ސަގަލަ ސަންފާ' ކިޔާ މާރީތި އަންހެން ކުއްޖެއްގެ ވާހަކަ ގެނެސްދޭން ހައްދަވާފައި އޮތް ޅެމެއްގެ އެއް ބައިތެވެ. ޅެން ހެއްދެވީ ހުސައިން ސަލާހުއްދީނެވެ. އެއީ އިތުރު ތައާރަފަކަށް ބޭނުންވާނޭ ބޭފުޅެކޭ ހިއެއް ނުވެ އެވެ.

މި ބައިތުން ދެ މާނައެއް ނެގެ އެވެ. ރަނގަޅީ ކޮން މާނައެއްތޯ ވިސްނަވައި ތިބާ ގޮތެއް ނިންމާށެވެ.

އެއްމާނައަކީ، މީހާގެ ފާޅުކަން ބޮޑު ކުށްތަކާއި ގޯސްތައް ގިނަވެ، އޭނާގެ ހިތުގައި ޖަހާ ދަބަރުގެ ފަށަލަތައް ބޯވެގެން ގޮސްފައިވާ މިންވަރު ހާމައަށް ފެންނާން އޮތްއިރު، އޭނާއަކީ ކިތަންމެ މޮޅު މީހަކަށްވިޔަސް އޭނާ ބުނާ ބަސްތައް ގަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ފުރަތަމަ މާނައިގައި ޅެން ނިސްބަތްކުރަނީ އެހެން މީހަކަަށެވެ. އެހެންނަމަވެސް ދެން އޮތް މާނައިގައި ޅެން ނިސްބަތްކުރެވެނީ އަމިއްލަ ނަފުސަށެވެ. އެއީ، އަހަރެންގެ ކުށްތަކުގެ ގިނަކަމުން ހިތް މިވަނީ ދަބަރުގެ ފަށަލައަކުން ބޯވެ، ފަރުދާ ކުރެވިފަ އެވެ. އެހެންވީމާ ތިޔަ ދައްކަވާ ވާހަކަ ކިތަންމެ މޮޅަސް ތި ވާހަކަ އަޑުއަހައި ވިސްނައިގަތުމުގެ ގާބިލުކަމެއް މަގޭ ހިތަކު ނެތެވެ.

ޅެން ނިސްބަތްކުރެެވެނީ ކިޔާ މީހާގެ އަމިއްލަ ނަފުސަށް ކަމަށް ބުރަވެވޭ އެހެން ބައިތެއްވެސް އެ ޅެމުގައި އެބައޮތެވެ.

ނެތީމާ ބިމުގެ ތާޒާކަން މުޅިންގޮސް މަރުވެގެން އަދުގައި

ކެތީގެ ފެނެއް ކަމަކު ވެހެނީ، އަލުން ރޯކަން ލިބޭނޭހޭ؟

މި ބައިތުގައި ޅެންވެރިޔާ ސުވާލުކުރައްވަނީ، ހިކިގެންގޮސް މަރުވެ ތާޒާކަން ގެއްލިފައިވާ ބިމަކަށް، ކެތީގެފެން ވެހުނަސް އެބިމަށް އަލުން އާރޯކަމާއި ތާޒާކަން ލިބޭނޭތޯ އެވެ. ކެތީގެ ފެނަކީ ކެތި ނަކަތުގައި ވެހޭ ވާރެ އެވެ. އެއީ ހުޅަނގު މޫސުމުން ތިންވަނަ ނަކަތެވެ. މިނަކަތުގައި ވައިޖެހޭނީ ހުޅަނގުންނެވެ. މިއީ ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ އެއް ނަކަތެވެ.

ޅެންވެރިޔާ އެ ސުވާލުކުރައްވަނީ، ބިން މުޅިން މަރުވެފައިވާނަމަ އެ ބިމަށް ކެތިނަކަތުގެ ވާރެއިން އަލުން ދިރުން ލިބިދާނޭތޯ އެވެ. އެ ދައްކަވަނީ ފަހަރެއްގައި މަރުވެފައިވާ ބިމެއްގެ ވާހަކައެއް ނޫނެވެ. އަދި ވާރޭގެ ވާހަކައެއްވެސް ނޫނެވެ. އިންސާނާގެ ހިތަކީ ކަނުވެފައިވާ ހިތަކަށްވެއްޖެނަމަ ކިތަންމެ އިލްމީ ބަސްތަކުން އެހިތަށް އަލިކަމުގެ ނޫރު ވައްދަން އުޅުނަސް އެކަން ކާމިޔާބުވެދާނޭތޯ ކުރައްވާ ސުވާލެކެވެ.

އުނިކަން ނުވާ މާތް ދޫފުޅުން، އެދުވަހު ވިދާޅުވީ

ޔުނިޓީއަކީ ފަހެ ހަސަދަޔާ މަކަރަށް ނުވާނެބާ؟

އަނެއްކާވެސް ހުސައިން ސަލާހުއްދީނެވެ. މިއީ މޮޓަރުބޯޓަށް ލައްވައި ކޮޅުނބަށް ފޮނުއްވާލި ދަތުރު މަތީގައި ހެއްދެވި ޅެމެކެވެ. ރާއްޖޭގެ ގާނޫނީ ސަރުކާރުގެ އެތައް ވަޒީރުންނަކާއި ދައުލަތް ހިންގުމުގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނެއް، ހަމަ އެބޭފުޅުންގެ ތެރެއިންވީ ބައެއްގެ މަކަރާ ހީލަތުގެ ދަލުގައި ޖައްސުވައި މާލެއިން ބޭރުކޮށްލުމުން ކުރެއްވި އަސަރުން ވިދާޅުވި ބަސްފުޅެކެވެ. އެ ހާލަތަށް ނިސްބަތްކުރެއްވިނަމަވެސް މި ބައިތަކީ ހުރިހާ ޖީލަކަށްވެސް އިބުރަތަކަށް ނުފުދޭތޯ އެވެ. ބައެއް މީހުން އެ ދައްކާ އެކުވެރިކަމުގެ ހިނިމޫނުގެ ފަހަތުގައި ހަސަދައެއް ނުވަތަ މަކަރެއް އޮވެދާނޭތޯ ވިސްނާ ނުބަލައި އުޅެގެން ބޮވިފައި ހުރި ކިތައް ބޮނޑިތޯ އެވެ.

ނިކަމެތިކަމާއެކު ތިޔަ ރަށުން ފައްސާ ނަގާލިޔަސް

ވިކަލާނގެ ތަނަވަސް ރަހުމަތުން، ފަހެ ބޭރުވާނެބާ؟

ހަމަ އެޅެމުގެ އެހެން ބައިތެކެވެ. ފަހުގެ ސިޔާސީ ތާރީހުގައި ރާއްޖެ ދޫކޮށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ވަރަށް ގިނަ ބޭފުޅުން މި ޅެން އިންޓަނެޓުގެ އެކި މަންސަތަކުގައި ޖައްސަވާފައިވީތީ ދުށީމެވެ. ހަމަ ޔަގީނުންވެސް މިބައިތުން އެ ބޭފުޅުންގެ ހިތްޕުޅުތަކަށް ހަމަޖެހުމެއް ލިބުނީ އެވެ. އަމިއްލަ ވަޒަނުން ބޭރުކޮށްލެވުނަސް، ﷲ ރަހުމަތާމެދު މާޔޫސްވެގެން ނޫޅޭކަން ބުނެދެވެނީ ދުޝްމަނުންނަށްވެސް ގޮންޖަހާލާ ރާގެއްގަ އެވެ. ޅެންފަރުވާއަކީ މިއީ އެވެ.

މާ ތިމާގެ ވެގެން އުތީމު ރަދުންގެ އަހަރުމަތިފުޅު ދުވަހު

ފާތިހާއަށް ދާ އަޚުން ކަޅި ހުއްޓެނީ ފެންފޮޅިއަށޭ

މިއީ މިހާރުގެ ގައުމިއްޔަތު މިނިސްޓަރު, އާދަމް ނަސީރުގެ ޅެމެއްގެ ބައިތެކެވެ. މިބައިތުން ދެއްވާފައިވާ ފަރުވާއާއި ނަސޭހަތް ބައްލަވާށެވެ.

އަހަރުމަތިފުޅު ދުވަހަކީ މަރުވިތާ އަހަރު ފުރޭ ދުވަހެވެ. އުތީމު ރަދުންގެ އަހަރުމަތިފުޅު ދުވަސް ފާހަގަކުރުމަކީ އިހު ދިވެހީންގެ މެދުގައި އޮތް އާދައެކެވެ. ބޮޑުތަކުރުފާނު އަވަހާރަވިކަމަށްވަނީ ހިޖުރައިން 993 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހެވެ.

މިދުވަހު ގޭގޭގައި ރޯދަ ވީއްލަން ހަދާފައި ހުންނާނީ ކުކުޅު ރިހަ އާއި ފެންފޮޅިއާއި ފުށްކިރެވެ. އެގޮތަށް ކެއުން ތައްޔާރުކުރަނީ އެތަކުރުފާނަށް އެންމެ މީރު ފަރިއްކޮޅަކީ ފެން ފޮޅިއާ ހިކި ރިހަ އާއި ފުށްކިރާ ކަމުގައި ވާތީ އެވެ. ފޯރާ ތަނަވަސް ގޭގޭގައި އެދުވަހުގެ ރޯދަ ވީއްލުން ބާއްވަނީ އެކި މީހުންނަށް ދައުވަތުދީގެން ބޮޑު ޖާފަތެއްގެ ގޮތުގަ އެވެ. ފެންފޮޅިއާއި ކުކުޅު ހިކިރިހައަކީ ދިވެހިންގެ މީރު މޮޅު ކެއުމެކެވެ. އެދުވަހު ޖާފަތަށް ދާ މީހުން ދަނީ ބޮޑުތަކުރުފާނުގެ އަހަރުމަތިފުޅު ފާހަގަކުރުމަށެވެ. އެހެންނަމަވެސް ކަޅި ހުއްޓިފައި ހުންނާނީ ފެންފޮޅިއާއި, ތައްޔާރުކުރެވިފައި ހުރި މޮޅު ޖާފަތެށެވެ. ބޮޑުތަކުރުފާނުގެ ޖިހާދާއި ހިދުމަތްޕުޅުތަކުން މިންވަރެއްވިޔަސް ހަނދާން ހުންނަނީ މަދު ބައެކެވެ.

އަޅުގަނޑުމެންގެ ވަށައިގެން ތިބީ މިކަހަލަ ކިތައް ތިމާގެ މީހުންނާއި އެކުވެރިންތޯ އެވެ. އެވެރިން އަހަރުމެންގެ ހާލު ބަލައިލައި ހަބަރު އޮޅުންފިލުވައި އެ ހަދަނީ އެ ފެންފޮޅީގެ ބޭނުމުގައި ނޫންބާވައެވެ.

ރިޔާސަތުގައި އިށީނީމާ ތިމާ ބަދަލުވެ ހިނގައިދާނޭ

ކިޔާ ލަވަޔާ ޖަހާބެރަކާ ދިމާ އަމުދުން ނުވެސް ވާނޭ

ދުނިޔޭގެ އާންމު އާދައާމެދު އުތީމު އާދަމް އަބްދުއްރަހުމާނު ވިދާޅުވެފައިވާ ސާދާ، އެހާމެ ތެދު ވާހަކަފުޅެކެވެ. ސިޔާސީ މަސްރަހުންނާއި އާންމު ދިރިއުޅުމުގެ އެކި މަކާނުތަކުން ފެންނަ ހަގީގަތެވެ. ބާރުވެރިކަން ހޯދުމަށް ކިޔަމުންދާ ލަވަތައް ރައްޔިތުންގެ ހިތުގައި ޖަހަމުންދާ މިއުޒިކާ ހަމަކުރުމަކީ ސިޔާސީ ކެމްޕޭނުގެ ރުކުނެކެވެ. ދެވަނަ ރުކުނެއްކަމަށް ފެންނާން އޮތީ ބާރު ލިބުމުން ލަވައިގެ ހަމަ އޮޅުވާލުމެވެ. ތިޔަ ކިޔާ ލަވައެއް މިޖަހާ ބެރަކާ ނުގުޅެޔޭ ގޮވަގޮވައި ތިބުން ނޫންގޮތެއް ރައްޔިތަކަށް ނޯވެ އެވެ. އުތީމު އާދަމްބެ އެހެން ވިދާޅުވެފައި އެއޮތީ އެހެން ވިދާޅުވެވޭނޭ އެންމެ ރީތިކޮށް، ޅެން ބަހުންނެވެ.

ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ

މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ

ދާމަގުން ދުނިޔެހިނގަމުން މިހިރަގެންދަނީ

އާމަގެއްގައި ހިނގޭކަށްނެތޭ އަންގަނީ

ޅެމެއް ކިޔާލަން ޝައުގުވެރިވާ މީހަކުނަމަ، މުހައްމަދު ޖަމީލު ދީދީ ޅެމެއް ނުކިޔައި ދޫކޮށްލާފައި އޮވެދާނެތޯ އެވެ. ނޯންނާނެ އެވެ. މަތީގައި މި ލިޔެވުނު ބައިތުގައި ހަނދާން އައުކުރައްވާފައި އެވަނީ ގުދުރަތުގެ ގާނޫނުގެ ފުރިހަމަކަމާއި، ދުނިޔެވީ ސުންނަތެވެ. ހިތާމައިގެ ވަގުތާއި އުފަލުގެ ވަގުތުގައިވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބެހެއްޓުން އެންމެ ހެޔޮކަން ބޮޑު ކަމަކީ 'މިވަގުތުވެސް ހިނގައިދާނެ' ކަމެވެ. ދުނިޔެދާ މަގުން ހިނގަމުން ދާނެ އެވެ. އެއީ ބަދަލުވުމެއްނެތ އަޒަލުގެ ނިޔާ އެވެ.

މި ކަހަލަ ކިތަންމެ ބައިތެކެވެ. މޮޅު ޅެމެއްގެ ބައިތަކުން ލިބޭ ހިތްހަމަޖެހުމަކީ އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ. އެހާ ފަސޭހައިން އެ ޅެންތައް ހިތަށް ނަގައިގަނެވި ހަރުލާ ގޮތް އެވަނީ އަމިއްލަ ހިތުގައި ހުރި ރިހުމަކަށް އެ ޅެމުން ފަރުވާއެއް ދޭތީ އެވެ. ނުވަތަ އަމިއްލަ ހިތުގައިވެސް ހިނގަމުން އައި ޝުއޫރެއް، އެ ޅެމުގެ ޒަރީރާއިން މާ ފުރިހަމަކޮށް ބުނެދެވޭތީ އެވެ. އަޅުގަނޑެކޭ އެއްފަދައިން މި ލިޔުން ކިޔާ މީހުންގެ ހަޔާތުގައިވެސް މިގޮތަށް ފާހަގަކުރެވޭ، ހަނދާނުގައި ހަރުލާފައިހުރި ބައިތުތަކެއް ހުންނާނޭކަން ގައިމެވެ.