Advertisement

މިނިސްޓަރު ހަލީލު ތިން މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ގަނެފި

19 އޮގަސްޓު 2024 - 10:56 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު: އޭނާ ވަޒީރުކަމާ ހަވާލުވިތާ މަހެއްފަހުން ތިން މިލިއަނަށް ފުލެޓެއް ބައްލަަވައިގެންނެވި --- ފޮޓޯ: މަޖިލިސް އިދާރާ


މިނިސްޓަރު ހަލީލު ތިން މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ގަނެފި

19 އޮގަސްޓު 2024 - 10:56 1

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ތިން މިލިއަން ރުފިޔާ ދެއްކެވުމަށްފަހު ހުޅުމާލެއިން ފްލެޓެއް ގަނެފި އެވެ.

އޭނާ ގަތީ ހުޅުމާލޭގައި ތަރައްގީކުރި އެފްޑަބްލިއު ރެސިޑަންސްގެ ފްލެޓެކެވެ. އެ ފްލެޓުގެ ބޮޑުމިނަކީ 1،200 އަކަފޫޓެވެ. އަގުގެ ގޮތުގައި ހަލީލު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވަނީ 3،167،687ރ. އެވެ.

ފްލެޓަށް ފައިސާ ދެއްކުމުން، ފްލެޓުގެ މިލްކުވެރިކަން ބަދަލުކުރަން އެޗްޑީސީން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރީ ހަލީލު ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 25، 2023 ގަ އެވެ. ފުލެޓުގެ ރަޖިސްޓްރީ ހަލީލުގެ ނަމަށް ބަދަލުކުރީ އޮގަސްޓު 7، ގަ އެވެ.

ވަޒީރުކަމާ ހަވާލުވިތާ މަހެއް ފަހުން ތިން މިލިއަން ހަރަދުކުރައްވައި ހަލީލު ފުލެޓެއް ގަތް އިރު، މުސާރަ އާއި އިނާޔަތްތައް ހިމެނޭހެން ވަޒީރަކަށް މަހަކު ލިބޭ އުޖޫރައަކީ 58,500ރ. އެވެ. މިކަމާ ގުޅިގެން ހަލީލުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ޕީއެންސީ ކޯލިޝަނުން 2013 އިން 2018 އަށް ކުރި ވެރިކަމުގައި ހަލީލު ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

އެދުވަސްވަރު، ހަލީލުގެ ފައުންޑޭޝަން (އޭކޭ ފައުންޑޭޝަން) އިން ފ. ނިލަންދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތެއް އެޅުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުއަށް ކުވައިތު ފަންޑުން ދިން ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް މި ނޫހުން މީގެ ކުރިން ވާނީ ރިޕޯޓުކޮށްފަ އެވެ. އެ މައްސަލަ އަމިއްލަ މީހަކު އޭސީސީއަށްވެސް ހުށަހެޅި އެވެ.

ކުވެއިތު ފަންޑުން އޭކޭ ފައުންޑޭޝަނަށް ދިން އެހީގެ ތެރެއިން ހަލީލުގެ އަމިއްލަ އެކައުންޓަށް ޖުމްލަ 89،080 ޑޮލަރު ޓްރާންސްފާކޮށްފައިވެ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1.3 މިލިއަން ރުފިޔާ އެވެ.

މި ނޫހުން ގެނެސްދިން ރިޕޯޓަށް މައުލޫމާތު ދެމުން ހަލީލު ވިދާޅުވީ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފާކުރީ ޑޮލަރު މާރުކުރުމަށް ކަމަށެވެ. ނަމަވެސް، ޑޮލަރު މާރުކޮށް އެ ފައިސާ، ރުފިޔާ އެކައުންޓަށް ވެއްދިކަން އަދަދު ނޫހަށް ލިބިފައިވާ ސްޓޭޓުމެންޓުން އެނގޭކަށް ނެތެވެ.

ހެލްތު މިނިސްޓަރު ހުޅުމާލެއިން ފްލެޓެއް ގަތް އިރު، ހުޅުމާލެއިން ފްލެޓެއް ގަތް މައްސަލައިގައި ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޒިފްލީނާއަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ.