Advertisement

ގްރީންވުޑް، މާސޭ އަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ދެ ގޯލު

18 އޮގަސްޓު 2024 - 12:12 0

ލަނޑު ޖެހުމަށް ފަހު ގްރީންވުޑް އުފާފާޅުކުރަނީ.


ގްރީންވުޑް، މާސޭ އަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ދެ ގޯލު

18 އޮގަސްޓު 2024 - 12:12 0

ޕެރިސް (އޮގަސްޓް 18) - މި ފަހަރުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ފްރާންސްގެ މާސޭ އަށް ބަދަލުވި ފޯވާޑް، މޭސަން ގްރީންވުޑް ވަނީ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ގޯލު ޖަހައިފި އެވެ.

ގްރީންވުޑްގެ ދެ ގޯލާ އެކު، މާސޭ އިން ވަނީ ރޭ 5-1 އިން ބްރެސްޓް ބަލިކޮށްފަ އެވެ. މިއީ، މި ފަހަރުގެ ފްރެންޗް ލީގުގައި މާސޭ އިން ކުޅުނު ފުރަތަމަ މެޗެވެ.

އުމުރުން 22 އަހަރުގެ ގްރީންވުޑް، މާސޭ އަށް ސޮއިކުރީ 33 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ. އޭނާ ވަނީ ރޭގެ މެޗު ފެށިގެން ތިން ވަނަ މިނިޓްގައި މާސޭ އަށް ލީޑުނަގައިދީފަ އެވެ. ލުއިސް ހެންރީކޭ ވަނީ މެޗުގެ 28 ވަނަ މިނިޓްގައި މާސޭގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ޕެނަލްޓީ އަކުން، ގްރީންވުޑް ވަނީ، މާސޭ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ފުރަތަމަ މެޗުގައި ގްރީންވުޑްގެ ދެ ގޯލު ފެނުނުއިރު، މިއީ، މިދިޔަ ސީޒަނުގައި ލޯނަކަށް ގެޓަފޭ އަށް ކުޅުނުއިރަށް ވުރެ ގްރީންވުޑަށް ރަނގަޅު ފެށުމެކެވެ. ގެޓަފޭ އަށް ލޯނަކަށް ކުޅުނުއިރު، ގްރީންވުޑަށް ޖެހުނީ 10 ލަނޑެވެ. އެހެންކަމުން، މާސޭގައި އޭނާގެ ލަނޑު ރެކޯޑް ރަނގަޅު ވުމުގެ ފުރުސަތު ބޮޑެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގެ ސަބަބުން ޔުނައިޓެޑްގައި ގްރީންވުޑްގެ ކެރިއަރު ކުރިއަށްނުދިޔަ އެވެ. މާސޭ އަށް ގްރީންވުޑް ބަދަލުވާން އުޅުމުން، އެކަމާ އެ ސިޓީގެ މޭޔަރު ފުރަތަމަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމަކު، މާސޭއާ ހަވާލުވެހުރި، ބްރައިޓަންގެ ކުރީގެ ކޯޗު، ރޮބާޓޯ ޑި ޒާބީ ވަނީ ގްރީންވުޑް ގެންނަން ނިންމި ނިންމުން ބަދަލުނުކޮށް، އެ ޓްރާންސްފާ ފުރިހަމަކޮށްފަ އެވެ.

ބްރެސްޓުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ، މަހުދީ ކަމާރާ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އެ ޓީމަށް އިތުރު ގޯލެއް ނުޖެހުނެވެ. މާސޭ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ، ހެންރީކޭ ގޯލަކާއި އިލާއި ވަހީ ގޯލެކެވެ.