Advertisement

ނަޝީދު ވެސް ލޭނު އެޅުމާ ދެކޮޅު، ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުން ވާނެ ކަމަށް

16 އޮގަސްޓު 2024 - 20:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ލޭނު އެޅުމާ ދެކޮޅު ހައްދަވައި ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުން ވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ނަޝީދު ވެސް ލޭނު އެޅުމާ ދެކޮޅު، ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުން ވާނެ ކަމަށް

16 އޮގަސްޓު 2024 - 20:39 0

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅުކަން ހާމަކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެކަން ކޮށްފިނަމަ ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުންވާނެ ކަމަށެވެ.

ނަޝީދު "އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ އެންމަޑި، ޑޯލްފިން، އެންމަތީ ދޫނި އަދި މިޔަރު ދަލުގައި ޖެހުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ.

"އެކަމުގެ ސަބަބުން ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށްދާން ބިނާވެފައި އޮތް ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުންވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމީ ވަޒީރުންގެ މަޖިލީހުންނެވެ. އެއާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމަށް ގަވާއިދެއް އެކުލަވާލާފަ އެވެ.

އެ ގަވާއިދުގެ ދެލިކޮޕީ ޝާއިއުކުރުމާ އެކު މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގުޅިގެން އޮންލައިން ޕެޓިޝަނެއް ލޯންޗުކޮށްފައިވާއިރު މިހާތަނަށް އޭގައި 12,000 އެއްހާ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ވަނީ ދޫވެފަ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.

ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.